ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 06:41
ގައްދޫގައި ހުރި ޖަނަރޭޓަރު ސެޓް ގެންދަން އުޅޭތީ ރައްޔިތުން ނުކުމެ އިހްތިޖާޖުކުރަނީ
ގައްދޫގައި ހުރި ޖަނަރޭޓަރު ސެޓް ގެންދަން އުޅޭތީ ރައްޔިތުން ނުކުމެ އިހްތިޖާޖުކުރަނީ
ރާއްޖެއެމްވީ
ގައްދޫ ޖަނަރޭޓަރު ސެޓް
ގައްދޫގައި ހުރި ޖަނެރޭޓަރު ފުވައްމުލަކަށް ގެންދަން މަސައްކަތްކުރަނީ ކައުންސިލްގެ ގަރާރަކުން އެކަން ނުކުރަން އަންގާފައިވަނިކޮށް
ޖަނަރޭޓަރު ސެޓް ގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައި
ގައްދޫގައި ދޭ ކަރަންޓުގެ ޚިދުމަތުގެ ހާލަތު ގޯސް

ގދ. ގައްދޫގައި ހުރި ޖަނެރޭޓަރު ފުވައްމުލަކަށް ގެންދަން ފެނަކައިން މަސައްކަތް ކުރަނީ އެކަން ހުއްޓާލުމަށް ގޮވާލާ ކައުންސިލުން ގަރާރެއް ފާސްކޮށްފައިވަނިކޮށް، އަދި ގައްދޫގެ ވެސް ކަރަންޓުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ކަން ހާމަވެއްޖެއެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ގދ. ގައްދޫގެ ކަރަންޓް ކެޕޭސިޓި އިތުރުުކުރުމަށް އެރަށަށް މިދިޔަ ސަރުކާރުން ގެންގޮސްފައިވާ ޖަނަރޭޓަރު ސެޓެއް ގެންދިއުމަށް މަސައްކަތް ކުރުމުން، އެރަށުގެ ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ނުކުމެ އިހުތިޖާޖުކޮށްފައެވެ.

ނަމަވެސް ފެނަކައިން ވަނީ އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާ، އެ ރަށުން ޖަނަރޭޓަރު ގެންދާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ގައްދޫގެ ކަރަންޓުގެ މައްސަލައާއި ގުޅޭގޮތުން މި މަހުގެ 3 ވަނަ ދުވަހު އެ ރަށު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެރަށުގައި މިވަގުތު ބޭނުންކުރަމުންދަނީ 400، 600 އަދި 800 ކިލޯ ވޮޓްގެ 3 ޖަނަރޭޓަރު ސެޓް ކަމަށެވެ. މީގެ ތެރެއިން 400 ކިލޯ ވޮޓްގެ ޖަނަރޭޓަރަކީ އޯވަރ ހީޓްވެ 2 ފަހަރަށް މަރާމާތުކޮށް، އޭގެ ހާލަތު އެންމެ ރަނގަޅު ޖަނަރޭޓަރަށްނުވާ ޖެނެރޭޓަރެއް ކަމަށެވެ. އަދި 800 ކިލޯ ވޮޓްގެ ޖަނެރޭޓަރުގެ ޑައިނަމޯ އިން އަޑީތެޔޮ ލީކްވަމުންދާތީއާއި އެއްވެސް ސަބަބަކާ ހުރެ އެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެއްޖެނަމަ މުޅި ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން މިވަގުތު ރަނގަޅު ހާލަތުގައި ބޭނުންކުރަމުންގެންދާ ހަމައެކަނި ޖަނަރޭޓަރަކީ 600 ކިލޯ ވޮޓްގެ ޖަނަރޭޓަރު ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގައްދޫއަށް އަލަށް ގެނެވިފައިވާ 800 ކިލޯ ވޮޓްގެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ ހުއްދައަކަށް ގައްދޫ ފެނަކަ ބްރާންޗުން އެދިފައިވީނަމަވެސް، ރޯދަމަސް އަންނަންވާއިރަށް އެ ޖަނަރޭޓަރު ސެޓް އިންސްޓޯލް ނުކުރެވި ރަނގަޅު ހާލަތަކަށް ނުގެނެވިއްޖެނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިދާނެކަމަށް ކައުންސިލުން ބުނެއެވެ.

އަދި ގައްދޫގައި އަލަށް އިންސްޓޯލް ކުރުމަށް ގެނެވިފައިވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ގައްދޫއިން ބޭރުކުރުމަށް ފެނަކައިން ކުރަމުންދާ މަސައްްކަތް ހުއްޓާލުމަށް ކައުންސިލުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް