ފައިލޭރިއާގެ ސްކްރީނިންގ ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު ވޯރކަރ އަބްދުﷲ މުއާޒް އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަސް ކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ފައިލޭރިއާއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާކަމަށާއި، ބަލި ފެތުރިދާނެތީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް އަދި ނެތްކަމަށެވެ. އެހެންނަމަވެސް އިތުރަށް ސްކްރީނިންގ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ ސްޓްރެޓީޖިކް މަސައްކަތްތައް ކުރިއަށްދާކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މުޅި ރާއްޖޭގައި ސްކްރީނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވީނަމަވެސް އެ ކަން ކުރާނެ ވަކި ތާރީޚެއް ހަމަޖެހިފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މުއާޒު އިތުރަށް ވިދާޅުވީ ކޭސްތައް މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޑަބްލިއުއެޗްއޯގެ ކަމާ ހުޅުންހުރި ފަރާތްތަކުގެ ފަންނީ ލަފައާވެސް އެކުގައި ކަމަށެވެ. ބަލި ޖެހިފައިވާ މީހުންނަށް ބޭސް ދިނުމުގެ މަސައްކަތް ވެސް ބަރާބަރަށް ކުރިއަށްދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މުއާޒު އިތުރަށް ވިދާޅުވީ، މި ބަލި މިހާތަނަށް ފެނިފައި ވަނީ މުޅިން ވެސް ބިދޭސީންގެ ކިބައިން ކަމަށް ވާއިރު، ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕަރމިޓް މެޑިކަލްގައި ފައިލޭރިއާއަށް ޓެސްޓުކުރުން ހިމެނުމަށް ވެސް މަސައްކަތް ކުރެވެމުން ދާކަމަށެވެ. ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. އެ ބަލި ފެނިފައިވަނީ ކުޅުދުއްފުށިންނެވެ.
މީގެ އިތުރުން ފައިލެރިޔާ ނޫން އެހެން ބަލިތައް ވެސް މި ދުވަސްވަރު ފެތުރެމުންދާކަން ފާހަގަކޮށްލެވެއެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތު ވޯކަރ ފާތިމަތު ފައުޒާ އިބްރާހީމް ވަނީ، ބައްޔާމެދު ފަރުވާކުޑަ ނުކޮށް، ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބަލި ޖެހުމުން އަރާމުކޮށް، ބަލިން ރަނގަޅުވަންދެން އެކަހެރިވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންފްލުއެންޒާ އަދި ހޯއްގޮވާ ކެއްސުން އިތުރުވެފައިވާތީ އެކަމާ ގުޅޭގޮތުން ސަމާލުވާންޖެހޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.