ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 09:32
ޣައްޒާގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ ހެޑްކުއާޓަރު ކައިރިން އަންހެނަކު ހިނގާފައި ދަނީ
ޣައްޒާގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ ހެޑްކުއާޓަރު ކައިރިން އަންހެނަކު ހިނގާފައި ދަނީ
ރޮއިޓާސް
އދ.މުވައްޒަފުންނަށް ބޮޑު ތުހުމަތެއް
ހަމާސްގެ ހަމަލާތަކުގައި އދ.ގެ މުވައްޒަފުން ބައިވެރިވާ ކަމަށް އިސްރާއީލުން ބުނުމުން އީޔޫއިން ކަންބޮޑުވެއްޖެ
 
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުހުމަތުތަކަކީ ޔޫއެންއާރުޑަބްލިއުއޭގެ 12 މުވައްޒަފަކާ ގުޅުންހުރި ތުހުމަތުތަކެއް ކަމަށް

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން ކުރާ ތުހުމަތާ މެދު އީޔޫއިން ވަރަށް ކަންބޮޑުވާ ކަމަށް އީޔޫއިން ބުނެފިއެވެ.

ޔޫރަޕިއަން ކޮމިޝަނާއި ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވެސް ވަނީ ޔޫއެންއާރްޑަބްލިއުއޭ ގުޅިގެން ނެރުނު ބަޔާނެއްގައި "ތުހުމަތުތަކާ މެދު ފުރިހަމަ ދެފުށް ފެންނަ ގޮތަށް އަމަލުކުރުމަށާއި އެކަމުގައި ޝާމިލުވާ މުވައްޒަފުންނާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް" ގޮވާލާފައެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވެ، ޣައްޒާގައި ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވި ހަމަލާތަކުގައި އެ ޖަމާއަތުގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުހުމަތުތަކަކީ ޔޫއެންއާރުޑަބްލިއުއޭގެ 12 މުވައްޒަފަކާ ގުޅުންހުރި ތުހުމަތުތަކެއް ކަމަށެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ޗީފް ފިލިޕް ލަޒާރިނީ ވިދާޅުވީ، ވަށާލާފައިވާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހިމާޔަތްކުރުމަށް ޓަކައި އެ އެޖެންސީގެ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގެ ތަރުޖަމާނު ވިދާޅުވީ މި ޚަބަރާއި ގުޅިގެން ވަރަށް ބޮޑަށް ބިރުގަންނަ  ކަމަށެވެ.

ތަހުގީގުތައް ކުރިއަށްދާއިރު އެމެރިކާއިން ވަނީ ޔޫއެންއާރުޑަބްލިއުއޭއަށް ދޭ ފައިސާ މަޑުޖައްސާލައިފައެވެ. ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގެ އާބާދީއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އދ.ގެ އެޖެންސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އީޔޫގެ އެގްޒެކެޓިވް ވިދާޅުވީ އިތުރު ފިޔަވަޅުތައް އެސެސްކޮށް، ތަހުގީގުގެ ނަތީޖާއިން ފިލާވަޅުތަކެއް ހޯދާނެ ކަމަށެވެ.

އީޔޫގެ އަވަށްޓެރި ކޮމިޝަނަރު އޮލިވެއާ ވަރްހެލީ އާއި ހިއުމެނިޓޭރިއަން އެއިޑް ކޮމިޝަނަރު ޖެނޭޒް ލެނާރިޗް ވެސް ވަނީ ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ބިންތަކަށް އީޔޫއިން ދޭ ތަރައްގީގެ އެހީ ވަގުތީ ގޮތުން މެދުކަނޑާލީ، އީޔޫގެ އެއްވެސް ފައިސާއެއް ނޭނގި ހަމާސް ޖަމާއަތުގެ އަތްމައްޗަށް ނުފޯރާނެ ކަން އަލުން މުރާޖައާ ކުރެވެންދެންނެވެ.

331 މިލިއަން ޔޫރޯގެ އަގުހުރި ކޮންޓްރެކްޓްތައް ސްކްރީން ކޮށްފައިވާއިރު، ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ޑައިވާޓްކޮށްފައި ނުވާތީ، ތަރައްގީގެ އެހީ ތައް އަނެއްކާވެސް ދައުރުވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

އީޔޫއަކީ ފަލަސްތީނުގެ ބިންތަކަށް އެންމެ ބޮޑު އެހީއެއް ދޭ ފަރާތް ކަމަށް ވާއިރު، ޔޫއެންއާރްޑަބްލިއުއޭ މެދުވެރިކޮށް އެހީގެ ބޮޑު ބައެއް ބޭނުންކުރަނީ ނިކަމެތި އަދި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޔޫއެންއާރުޑަބްލިއުއޭގެ ޕްރޮގްރާމް ބަޖެޓުގައި އީޔޫގެ ހިއްސާ އަކީ 281 މިލިއަން ޔޫރޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް