ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 07:44
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
ކުލަބުގެ ބޯޑުން ބުނީ، މަގާމުން ވަކިވުމުގެ ވިސްނުން ދޫކޮށްލަން: ޒަވީ
 
ޒަވީ ބުނީ، އޭނާ މަގާމުން ވަކި ކުރަން ކުލަބުން ބޭނުންވާ ވާހަކަ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މީޑިއާ ތަކުގައި ދައްކަމުން އަންނަ ކަމަށް

ބާސެލޯނާގެ ބޯޑުން އޭނާ ގާތު ބުނީ، ކޯޗުކަމުގެ މަގާމުން ވަކިވުމުގެ ވިސްނުން ދޫކޮށްލަން ކަމަށް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ މިފަހުން ބާސެލޯނާގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ. ދާދި ފަހުން ބާސެލޯނާ ވަނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދާވެރި ބާސެލޯނާ އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ސްޕެނިޝް ކަޕުން ކެޓީ ކުއާޓާ ފައިނަލްގައި އެތުލެޓިކޯ ބިލްބާއޯގެ އަތް ދަށުވެ އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އޮތީ ވެސް ތިން ވަނައިގަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، ކުލަބު ދޫކޮށްލުމުގެ ވިސްނުން ނުގެން ގުޅުމަށް ބޯޑުން އެދުނު ކަމަށެވެ. ބާސެލޯނާގައި އޭނާ ކުރަމުން އަންނަ މަސައްކަތާމެދު ކުލަބުގެ ވެރިން ހިތްހަމަ ޖެހޭ ކަމުގައި ވެސް ޒަވީ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ބާސެލޯނާ އިން ކުރިއަށް ދިޔުމުގައި ގެންގުޅެމުން އަންނަ ވިސްނުންތަކާއި، އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ ކަންތަކާމެދު، ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވެސް ހިތްހަމަ ޖެހޭ ކަމަށް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ، އޭނާ މަގާމުން ވަކި ކުރަން ކުލަބުން ބޭނުންވާ ވާހަކަ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މީޑިއާ ތަކުގައި ދައްކަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް ބާސެލޯނާގެ ކޯޗުކަމުގައި ހުރީ އޭނާ ކަމަށް ޒަވީ ބުންޏެވެ. އެހެންކަމުން، އެކި ވާހަކަތައް ފެތުރެމުން އަންނާނެ ކަމަށާއި، ކޮންމެ ވާހަކަ އަކީ އަސްލެއް ނޫން ކަމަށް އޭނާ ބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ ކުރިމަގާ މެދު ހަމަޖެހިގެން ހުރި ކަމަށެވެ.

ބާސެލޯނާ އަށް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ، އެ ޓީމުގެ ކޯޗުކަމާ ހަވާާލުވީ 2021 ވަނަ އަހަރު އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން ވަކި ކުރުމަށްފަހު އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީއިރު، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ނަމަވެސް ބާސެލޯނާ އާއެކު އޭނާ ވަނީ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް