ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 18:12
އަބްދުއްރަހީމް
އަބްދުއްރަހީމް
ޓްވީޓަރ
މަގޭ ރިޕޯޓް
އަދުރޭއެވެ! ތިޔަ ދައްކަވަނީ ނިފާގުކަމުގެ ސިފަނޫން ދެން ކޮން ސިފައެއްތޯއެވެ؟
 
މިއީ އަބްދުއްރަހީމުގެ ޚުދުމުޚްތާރުކަމާއި ނިފާގުކަމުގެ ވަރަށް ކުޑަ މިންވަރެއް
 
އެ ނިފާގުކަމުގެ މާސްކް މޫނުމަތިން ނެންގެވޭނެ ގޮތެއް ވެސް ހަމަ ނެތް

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިއެވެ. އޭރު ޕްރޮގްރެސިވް ކޯލިޝަން ނުވަތަ ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވަމުން ގެންދެވީ އޭރު އޮތް ސަރުކާރުގެ ގޯސް ކަންތަކެވެ. މަތި ބަރުކަމުގެ ވާހަކައެވެ. ރައީސް ޔާމީން މިނިވަން ނުކުރާ ވާހަކައެވެ. އަދި އެ ނޫނަސް އިދިކޮޅު ޕާޓީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަތަކެވެ. އޭގެ ފަހަތުގައިވި މޯޓިވަކީ ހަމައެކަނި ވެރިކަމެވެ. ވެރިކަމުގެ ބާރުތައް އަމިއްލަ މުށުތެރެއަށް ލައި ފިއްތާލުމެވެ.

އަދުރޭއަށް އެކަންކުރުމަށް ފަހިވީ، ޕީޕީއެމުން ރިޔާސީ ރޭހުގައި ވާދަކުރާނެ ބޭފުޅަކާމެދު އަރައިރުމެއްގައި ވަނިކޮށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެން، ދެ ޕާޓީގެ ސެނެޓުގެ މެޖޯރިޓީއާއެކު ޓިކެޓު ހޯއްދެވި ހިސާބުންނެވެ. އެހާހިސާބުން ނަންވާންފެށީ ވެރިކަންކުރާ، އަދުރޭގެ ޕާޓީ ޕީއެންސީގެ ވާހަކައެވެ. އެހާހިސާބުން ޕީޕީއެމް ރޫޅާލުމަށްފަހު އެންމެން މިސްރާބު ޖެހީ ޕީޕީއެމަށެވެ.

އެކަން ކާމިޔާބުކޮށް، މިއަދު ވެރިކަމުގައި ތިއްބެވީ އެ ބޭފުޅުންނެވެ. މިއަދު މިއޮތީ، އޭރު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހިނގި ގޯސް ހުރިހާ ކަމެއް ރަނގަޅުކުރާނެ ފުރުސަތު ވެސް ލިބިފައިތާއެވެ. އޭރު ގެއްލުނު މިނިވަންކަމާއި، ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ހަރާމް ހުކުމާއި، ސަރުކާރުން އިންތިޚާބުތަކާއި އެކި ކަންކަމަށް ނުފޫޒު ފޯރުވުމާއި، އަދި ހަމަ އެނޫނަސް، އޭރު އިދިކޮޅުގައި އޮތް ޕީއެންސީން ދެއްކިހާ ވާހަކަތައް ސާބިތުކޮށްދޭނެ ވަގުތު މިއަދު މިއޮތީ ޖެހިފައިތާއެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް އަދި ގައިމު ވެސް ފެންނަނީ ހަމަ ނިފާގުކަމެވެ.

އެންމެ ފުރަތަމަ ކަމަކަށް، އޭރު އިދިކޮޅުގައި ޕީއެންސީ އަދި ޕީޕީއެމް އެކުގައި މަސައްކަތް ކުރިއިރު، ކޮންމެ ރެއަކުހެން ބޮޑުތަކުރުފާނު މަގުގައި އެއްވުންތައް ބާއްވައި، ބައެއް ރޭރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑެތި ޖަލްސާތަކުގައި ދެއްކެވި މައިގަނޑު ވާހަކައަކީ، އޭރު އޮތް ސަރުކާރުން ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމުގެ ވާހަކަތަކެވެ. އެބޭފުޅުންގެ ވެރިޔަކީ ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީނަކީ ތަރައްގީގެ ބާނީ ކަމަށާއި، ވެރިކަން ހިންގުމުގެ ގާބިލުކަމާއި، އެފަދަ ހިތްވަރެއް ހުރި ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށާއި އަދި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ރައީސް ޔާމީން މިނިވަންވެގެން ކަމުގައި ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަން އެގޮތުގައި ދެމި އޮތީ ރައީސް މުއިއްޒުއަށް ޓިކެޓު ލިބިވަޑައިގަތުމާ ހަމައަށެވެ.

އޭގެ ފަހުން، ރާއްޖޭގެ ބަލާލި ކޮންމެ ދިމާއަކުން ރައީސް ޔާމީންގެ ސަރުކާރުގެ އުމްރާނީ ތަރައްގީ ފެނިގެންދާނެ ކަމަށާއި، އެކަމުގެ ހަގީގީ މޭސްތިރިއަކީ އޭރުގެ ހައުސިންގ މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ކަމަށް އަދުރޭ ވިދާޅުވެ، ރާގު ބަދަލުކޮށްލެއްވިއެވެ. ވެރިކަމަށް ފެންބޮވައިގަނެފައި ހުރެ، އިސާހިތަކު އެ ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ރައީސް ޔާމީނުން ބަދަލުވީ ރައީސް މުއިއްޒަށެވެ.

ދެން އަދުރޭ ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީއަކީ ހަމަހަމަކަމާއި އެކުވެރިކަމާއެކު ކުރިއަށްދާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އޭރު ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ މައްސަލައިގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި، އަދުރޭގެ މިއަދުގެ ހާލަތަކީ ކޮބައިތޯއެވެ. ވަކިން ޚާއްސަކޮށް، 2018 ވަނަ އަހަރު އޭރުގެ އެމްޑީޕީން ވެރިކަން ހޯދީ އިންޑިޔާގެ ނުފޫޒުން ކަމަށް ވިދާޅުވި އަދުރޭ މިއުޅުއްވަނީ، އަމިއްލަ ޕާޓީގެ އެތެރޭގެ އިންތިޚާބު ފުނޑުފުނޑު ކޮށްލެއްވުމުގައެވެ. އޭނާ ހިތްޕުޅާނުވާ ބޭފުޅުންނަށް ޓިކެޓު ނުދިނުމަށް އެންމެ ފުރަތަމަ ނިންމެވިއިރު، ފަހުން އެކަން ބަދަލުކުރެއްވީ ވެސް އާންމު މެންބަރުންގެ ޕްރެޝަރު ބޮޑުވެގެންނެވެ.

އަދުރޭއާއި ކޮންގްރެސް ކޯލިޝަން އިދިކޮޅުގައި އޮތްއިރު، އޭރުގެ ސަރުކާރާމެދު ނަފުރަތު އުފެއްދުމަށް ދެއްކެވި އެންމެ ބޮޑު އެއް ވާހަކައަކަށްވީ އިންޑިޔާ ސިފައިންގެ ވާހަކައެވެ. އޭރު ވިދާޅުވަމުންގެންދެވީ ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް އެބަތިބި ކަމަށާއި، މިނިވަންކަން ގެއްލެނީ ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން ވިދާޅުވި ވާހަކައަކީ، ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު އަދި ނޭނގޭ ކަމަށެވެ. އެއްކަލަ އެތައް ހާސް ސިފައިންގެ އަދަދު ހޯއްދެވި ގޮތެއް ވިދާޅެއްނުވެވުނެވެ.

އިދިކޮޅުގައި އޮތްއިރު، އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުގެ މަތީފަޑީގައި ސިޔާސީ މަގާމުތައް ގިނަ ކަމަށް ވެސް ވިދާޅުވަމުން ގެންދެވީ އަދުރޭއެވެ. އެހެން ނަމަވެސް މިއަދު ވެރިކަން ލިބިވަޑައިގަތުމުން އަދުރޭ ވެސް ވިދާޅުވަމުން ގެންދަވަނީ ސިޔާސީ މަގާމުތައް މަދުނުކުރައްވާނެ ކަމަށެވެ. މި ޖެހުނީ ކޮންތާކުތޯއެވެ؟

މިއީ މިހާރުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ޚުދުމުޚްތާރުކަމާއި ނިފާގުކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. ނިފާގުކަމުގެ އެ މާސްކް މޫނުމަތިން ނެންގެވޭނެ ގޮތެއް ވެސް ހަމަ ނެތީއެވެ.

ކޮމެންޓް
ގުޅުންހުރި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ