ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 05:54
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާ ވަރުގަދަ ނުކުރެވިއްޖެ ނަމަ، ޓީމު ދޫކޮށްލަން ޖެހޭނެ: ޒަވީ
 
ބާސެލޯނާގައި ހުންނަ މީހަކަށް ޖެހޭނީ ތަށިތައް ކާމިޔާބު ކުރަން ކަމަށާއި، އެހެން ނޫނީ ޕްރެޝަރު ބޮޑުވެ، ރިސްކު ބޮޑުވާނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފައި

މިހާރު ކުރިއަށްދާ ސީޒަން ނިމޭއިރު، ސްޕެއިންގެ ބާސެލޯނާ އަކީ ވާދަވެރި، ވަރުގަދަ ޓީމަކަށް ނުހެދިއްޖެ ނަމަ، އޭނާ އަށް ޖެހޭނީ ޓީމު ދޫކޮށްލަން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލްގައި އެތުލެޓިކް ބިލްބާއޯގެ އަތް ދަށުގެ މުބާރާތުން ބާސެލޯނާ ކެޓި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މި ސީޒަންގައި ބާސެލޯނާ އަށް އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ، ޒަވީ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވެ، ޕްރެޝަރު ބޮޑުވަމުންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، އޭނާ އަށް ހުރެވެނީ ކޮންތަނެއްގައިކަން އިނގޭ ކަމަށެވެ. އެގޮތުން ބާސެލޯނާ އަކީ މަތީ ފަންތީގައި ހިމެނޭ، ބޮޑު ކުލަބެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ބާސެލޯނާގައި ހުންނަ މީހަކަށް ޖެހޭނީ ތަށިތައް ކާމިޔާބު ކުރަން ކަމަށާއި، އެހެން ނޫނީ ޕްރެޝަރު ބޮޑުވެ، ރިސްކު ބޮޑުވާނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އިތުރަށް ޒަވީ ބުނީ ބާސެލޯނާގައި އޭނާ ކުރަން ހަވާލުވި މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ޒުވާން ކުޅުންތެރިންނާއެކު އެކަން ކާމިޔާބު ވާނެ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ، އޭނާ އަށް އޮތީ ބާސެލޯނާ ކާމިޔާބުގެ މަގަށް ގެންދިޔުން ކަމަށެވެ. އެކަން ޙާސިލު ކުރެވޭނީ ބާސެލޯނާ އަކީ ވާދަވެރި ޓީމަކަށް ހަދައިގެންކަން ފާހަގަކޮށް ޒަވީ ބުނީ، މި ސީޒަން ނިމެންވާއިރަށް އެކަން ނުކުރެވިއްޖެ ނަަމަ، އޭނާ އަށް ޖެހޭނީ ޓީމު ދޫކޮށްލަން ކަމަށެވެ. ނަމަވެސް، މިހާތަނަށް ބާސެލޯނާގެ އިސްވެރިންގެ ފަރާތުން އޭނާ އަށް ޕްރެޝަރެއް ކުރިމަތި ނުވާ ކަމަށް ޒަވީ ބުންޏެވެ. ޕްރެޝަރުގެ ބަދަލުގައި، ވެރިން އޭނާއާ ވާހަކަ ދައްކާ ކަމަށާއި، ކަންކަން ކުރަމުން އަންނަ ގޮތް ގާތުން ބަލާ ކަމުގައި ވެސް ޒަވީ ބުންޏެވެ.

ބާސެލޯނާ އަށް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ، އެ ޓީމުގެ ކޯޗުކަމާ ހަވާާލުވީ 2021 ވަނަ އަހަރު އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން ވަކި ކުރުމަށްފަހު އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީއިރު، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ނަމަވެސް ބާސެލޯނާ އާއެކު އޭނާ ވަނީ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް، މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ކަޕުން ކެޓިއިރު، ލީގުގައި އެ ޓީމު އޮތީ ތިން ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް