ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 07:25
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން (ކ) އާއި އީރާނުގެ ރައީސް އިބްރާހިމް ރައިސީ (ވ) ތުރުކީ-އީރާން ހައިލެވެލް ކޯޕަރޭޝަން ކައުންސިލްގެ އަށް ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން (ކ) އާއި އީރާނުގެ ރައީސް އިބްރާހިމް ރައިސީ (ވ) ތުރުކީ-އީރާން ހައިލެވެލް ކޯޕަރޭޝަން ކައުންސިލްގެ އަށް ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ
ރޮއިޓާސް
ރައީސް އުރުދުޣާން
ސަރަޙައްދުގެ ތަރައްޤީއާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ތުރުކީ އާއި އީރާނުގެ އެއްބާރުލުން އެބައޮތް: ރައީސް އުރުދުޣާން
 
ބުދަދުވަހުގެރޭ ވެސް ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި 24 މީހުން ހައްޔަރުކޮށް 210 މީހުން މަރާލައި 386 މީހުން ޒަޚަމްކޮށްލާފައި

ސަރަޙައްދުގެ ތަރައްޤީއާއި ހަމަޖެހުން ޤާއިމުކުރުމަށް ޓަކައި ތުރުކީ އާއި އީރާނުގެ އެއްބާރުލުން އެބައޮތް ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސަރަހައްދުގެ ތަރައްގީ އާއި ހަމަޖެހުން ކުރިއެރުވުމަށް ޓަކައި އަންކާރާ އާއި ތެހެރާންގެ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަވަށްޓެރި އީރާނާ އެކު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ކަނޑައިނުލާނަން
ރައީސް އުރުދުޣާން

އީރާނުގެ ރައީސް އިބްރާހިމް ރައީސީއާ ބައްދަލުކުރައްވައި 10 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި އުރުދުޣާން ވިދާޅުވީ ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަވަށްޓެރި އީރާނާ އެކު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ކަނޑާނުލައްވާނެ ކަމަށެވެ. އުރުދުޣާން ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަކީ ހަމައެކަނި ދެ ގައުމަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށާއި އޭގެ ފައިދާ މުޅި ސަރަހައްދަށް ކުރާނެ ކަމަށެވެ. އަދި އީރާނާއެކު 30 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އަމާޒަށް ވާސިލްވުމަށް ތުރުކީގެ އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި ތުރުކީގެ ރައީސް ވިދާޅުވީ މި މަރުހަލާގައި ކާމިޔާބީ ލިބޭނީ ފަލަސްތީނުގެ އަޚުންނަށް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ އަކީ އަންކާރާ އާއި ތެހެރާނުގެ ފޯކަސްގައި އޮތް މައްސަލައެއް ކަމަށެވެ.

މީގެއިތުރުން މީހުން މެރުމާއި، ހަނގުރާމަ ހުއްޓާލުމަށާއި، މި ސަރަޙައްދުގައި ދާއިމީ ޞުލްޙަޤާއިމުކުރުމަށް މަގު ފަހިކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއްކޮށް ހުރިހާ ބާރަކާއެކު މަސައްކަތް ކުރައްވާނެކަމުގައި އުރުދުޣާން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސީ ވަނީ އަވަށްޓެރި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް ތައުރީފު ކުރައްވާފައެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އީރާނުގެ ލީޑަރު ވަނީ އިސްރާއީލުގެ ނިންމުންތަކަށް އެމެރިކާއިން ތާއީދުކުރާ ކަމަށާއި އދ ފަދަ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ "ނުކުޅެދުންތެރިކަން" ހުރި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މަސައްކަތްތައް ގެއްލެމުންދާ މި ދަނޑިވަޅުގައި، ޔަގީނުން ވެސް އާ އަދި އިންސާފުވެރި ވޯލްޑް އޯޑަރަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ ޒަޔަނިސްޓް ސަރުކާރާ އެކު ސިޔާސީ އަދި އިގްތިސާދީ ގުޅުން ކަނޑާލުމަކީ ޒަޔަނިސްޓުންގެ މި މަރުތައް ނިމުމަކަށް ގެނައުމަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 25،700 އަށް އަރާފައިވާ ކަމަށެވެ. އަދި 63،740 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި 24 މީހުން ހައްޔަރުކޮށް 210 މީހުން މަރާލައި 386 މީހުން ޒަޚަމްކޮށްލާފައިވާއިރު، އަދިވެސް އެތައް ބަޔަކު ކުނިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށާއި އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޫބަރު މަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،200 މީހުން މަރާލި ކަމަށް ބެލެވޭ އިރު، އިސްރާއީލުން ދަނީ ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް ހަމަލާދެމުންނެވެ. އިސްރާއީލްގެ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފާއިވާއިރު، އެ އެންމެންނަކީވެސް ކާބޯތަކެތީގެ ނުރައްކާތެރި އަދި ޞިއްޙީ މައްސަލަތަކާ ކުރިމަތި ލާންޖެހިފައިވާ މީހުންނެވެ.

އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާއިރު، މިހާރު ޣައްޒާއަށް އެހީލިބެނީވެސް ހަނގުރާމަ ފެށުމުގެ ކުރިން އެ ސަރަހައްދަށް ވަންނަ އެހީދޭ ޓްރަކްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މަދުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް