ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 13:04
ވަހީބު ޝަބްޙް؛ ޔަމަނުގެ މަސްވެރިއެއް
ޢަދަންގެ މަސްވެރިކަން
އިނގިރޭސިންނާއި އެމެރިކާގެ އަސްކަރީ ގަދަބަދަވިކަމުން، ޢަދަންގެ މަސްވެރިންގެ ޖީބުތައް ހުސްކޮށްލައިފި!
ޔަމަނުގެ މަސްވެރިކަމުގެ ސިނާޢަތް ހީނަރުވަމުން ދިއުމުގެ ސަބަބުން، ޢަދަންގެ ބާޒާރުތަކުގައި މަހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ
ކަނޑުމަތީގައި އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން ދިއުމާއެކުގެ ޔަމަނުގެ މަސްވެރިން ވަނީ ފަސްޖެހިފަ

ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި އޮތް ކަމީ މިއަދު އެއްވެސް މީހަކަށް ނޭނގޭ ކަމެކޭ ނުބުނެވޭނެއެވެ. މާ ދުރުގައި ތިބި ބަޔަކަށް އެކަމުގެ ސީދާ އަސަރެއް ނުފޯރި ކަމުގައި ވީ ނަމަވެސް، މެދުއިރުމަތީގައި އުފެދިފައި އޮތް ނުތަނަވަސްކަމުގެ ގަދަ ހޫނުގައި، ކަމާ ނުބެހޭ އެތައް ބަޔަކު ދަނީ ހަނާ ވަމުންނެވެ. އެފަދަ އެއް ބަޔަކީ ފަލަސްޠީނުގެ އަވަށްޓެރި ޔަމަނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ޢަދަންގެ މަސްވެރިންނެވެ.

ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ އެއް ބަޔަކީވެސް ޢަދަންގެ މަސްވެރިންނެވެ. އެމީހުންގެ ދިރިއުޅުން މިއަދު އޮތީ އެފުށް މިފުށަށް ޖެހިފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަނޑުގެ އަސްކަރިއްޔާގެ ޙަމަލާތަކުގެ ބިރަށް، ޢަދަންގެ މަސްވެރިން މިއަދު ތިބީ ސިހިސިހިއެވެ. އިހު އުޅުނު ގޮތަކަށް މިނިވަންކަމާ އެކީ މަހަށް ނުކުމެލާ އުޅޭކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން، އަތްމަތި ދަތިވެ، ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓޭނެ ދޮރުތައް ބަންދުވާން ފެށީއެވެ.

ޢަރަބި ޕެނިންސިއުލާގެ ހުޅަނގުދެކުނު ކޮޅުގައި އޮންނަ ޔަމަނުގެ ބޯޑަރު ގޮސް ގުޅެނީ ރެޑްސީ، ޚަލީޖު ޢަދަން އަދި ޢަރަބި ކަނޑާއެވެ. ޔަމަނުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބަރޯސާވެފައި އޮންނަނީ ތެލުގެ އެކްސްޕޯޓް ވިޔަފާރިއަށެވެ. ކަން އެހެން ނަމަވެސް ޢަދަންގެ ޢާންމު ރައްޔިތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، މަސްވެރިކަމަކީ އިންތިހާއަށް މުހިންމު ސިނާޢަތެކެވެ.

ޢަދަންގެ ބަނދަރަށް ބަލައިލުމުން މިއަދު ފެނިގެން ދަނި ހިތްދަތި މަންޒަރެކެވެ. މީގެ ކުރިން ފަތިހާ މަހަށް ބޯޓުފަހަރު މިހާރު އޮންނަނީ ބަނދަރުގައި އަޅާފައެވެ. އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. ޢަދަންގެ މަސްވެރިއެއް ކަމަށް ވާ ވަހީބު ޝަބްޙްގެ ވާހަކަތަކުން އެއީ ކީއްވެކަން އެނގެއެވެ.

ކަނޑުމަތީގަ އެ އުޅެނީ ހަނގުރާމަމަތީ މަނަވަރުތައް. އެއީ މީގެ ކުރިން ހިނގި ކަންތައްތަކެއް ނޫން. މަހަށް ނުދާތާ މިހާރު މަހެއް ވެއްޖެ. ހުރިހާ މަސްބޯޓުތަކެއް މި އޮންނަނީ އެހެލާފަ. އަހަރެމެންނަކަށް މިހާރު މަހަކަށް ނުފުރޭ.
ވަހީބު ޝަބްޙް؛ ޔަމަނުގެ މަސްވެރިއެއް

ޢަދަންގެ މަސްވެރިންގެ ޖަމިއްޔާގެ ޗެއަރމަން، މުޙައްމަދު ހާދީ ބުނި ގޮތުގައި ކަނޑުމަތީގައި އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން ދިއުމާއެކުގެ ޔަމަނުގެ މަސްވެރިން ވަނީ ފަސްޖެހިފައެވެ. ޙަމަލާއެއްގެ ބިރަށެވެ.

ކޮންމެ މަސްވެރިއެއްވެސް އުޅެނީ ބިރުން. އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާއިން އެމީހުންނަށް ޙަމަލާ ދީފާނެތީ. ކަނޑުމަތީގަ މި އުޅެނީ އިނގިރޭސި-އެމެރިކާގެ ކަނޑު އަސްކަރީ ބާރުތައް ވެއްޖެ ބޮޑު ހުރަހަކަށް. މަސްވެރިން މަހަށް ނުކުތުމަށް އޮތް ހުރަހަކަށް. އެކަމާ ހެދި އަހަރެމެންގެ މަސްވެރިކަމުގެ ސިނާޢަތާއި، ބާޒާރަށްވެސް ނޭދެވޭ އަސަރުކޮށްފި. މަސްވެރިންގެ ޢާމްދަނީ ހުއްޓި، ޢާންމު ދިރިއުޅުން ދަތިވެއްޖެ.
މުޙައްމަދު ހާދީ؛ ޢަދަންގެ މަސްވެރިންގެ ޖަމިއްޔާގެ ޗެއަރމަން

ޔަމަނުގެ މަސްވެރިކަމުގެ ސިނާޢަތް ހީނަރުވަމުން ދިއުމުގެ ސަބަބުން، ޢަދަންގެ ބާޒާރުތަކުގައި މަހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ޢާންމުންގެ ގިނަ މީހުންނަށް އަތް ނުފޯރާހާ މައްޗަށް އަގުތައް ވަނީ އުފުލިފައެވެ. ބާޒާރުގައި ޢާންމު ގޮތެއްގައި ވެސް ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި، ސަޕްލައި ދަށްވުމުގެ ސަބަބުން މަހުގެ އަގުން 56 ޕަސެންޓް ވަނީ ބޮޑުވެފައެވެ.

މިދިޔަ ދުވަސްތަކަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަނޑުގެ އަސްކަރީ ބާރުތައް ގުޅިގެން ރެޑް ސީގައި ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިން ދުވަސްތަކެކެވެ. ވައިގެ މަގުން ޙަމަލާތައް ދެމުން ދިޔައީ، ޔަމަނުގެ ބޮޑު ކޮންޓްރޯލެއް ނަގައިގެން އުޅޭ ޙޫޘީ ހަނގުރާމަވެރިން، އެ ޤައުމުގެ އުތުރުގައި ޖަހާފައިވާ ކޭމްޕުތަކަށެވެ. އެ ޙަމަލާތަކަކީ، މުދާ ބަރުކޮށްގެން ވިޔަފާރީގެ ބޭނުންތަކަށް ރެޑް ސީ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ޙޫޘީން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ދޭ ޙަމަލާތަކެއް ކަމަށް އެމެރިކާ-އިނގިރޭސި އަސްކަރީ ކޯލިޝަނުން ބުނެއެވެ.

ޙޫޘީން ވަނީ ރެޑް ސީ ސަރަޙައްދުން ދަތުރުކުރި ބައެއް ބޯޓުފަހަރާ ކުރިމަތިލައި، ހުރަސް އަޅާފައެވެ. ބޭނުމަކީ ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ އިޒްރޭލުން ހިންގާ ޤަތުލުޢާންމު ހުއްޓުވުން ކަމަށާއި، ޙަމަލާ ދެނީ އެމެރިކާއި އިޒްރޭލާ ގުޅުން އޮތް ބޯޓުފަހަރަށް ކަމަށް ޙޫޘީން ބުނެއެވެ. އަދި އެފަދަ ގޮތަކަށް ކަން ކުރަމުން ދަނީ، ޣައްޒާގެ ރަށްވެހިންނާއެކު ޔަމަނު އޮތް ކަން އަންގައިދިނުމުގެ ގޮތުން ކަމަށް ވެސް ޙޫޘީން ބުނެއެވެ.

ރެޑް ސީއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރި އުސޫލުން ކުރާ ކަނޑުދަތުރުތަކުގެ މައި މަގެކެވެ. ރެޑް ސީ ސަރަޙައްދުން ދަތުރު ކުރުން ހުއްޓިއްޖެ ނަމަ، ކަނޑުބޯޓުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް މަޖުބޫރު ވަނީ އެފްރިކާ ވަށާ، ދަތުރުގެ ރާސްތާ ބަދަލު ކުރާށެވެ. އެކަން އެހެން ކުރުމުން ދަތުރަށް ހިނގާ ވަގުތާއި، ޚަރަދު ބޮޑުވެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ، ޢާންމު ފިހާރަތަކުގެ ހަރުގަނޑުތަކުން ލިބެން ހުރި މުދަލުގެ އަގު އަނެއްކާވެސް އިތުރަށް އުފުލިގެން ދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް