ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 19:35
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުމުގެ ތެރެއިން
ޕީއެންސީ
ސިޔާސީ ޕާޓީތަކަށް ފައިސާ
އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
އެއް ޕާޓީއަކަށް އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ އެމްޑީޕީ
ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް 18 މިލިއަން ރުފިޔާ ލިބޭ

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 44 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނު(އީސީ)ން ބުނެފިއެވެ.

އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 44،099،905ރ. ކަމަށެވެ. މިއަހަރު 6 ޕާޓީއަކަށް ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބެނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ. އެއީ 36،223 މެމްބަރުން ތިބި ޕީޕީއެމް އަށް ލިބޭ 10.5 މިލިއަން ރުފިޔާ އާއި 28،201 މެމްބަރުން ތިބި ޕީއެންސީ އަށް ލިބޭ 8.1 މިލިއަން ރުފިޔާއާ އެކު ޖުމްލަ 18 މިލިއަން ރުފިޔާ އެވެ.

އެއް ޕާޓީއަކަށް އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މިހާރު މެމްބަރުން އެންމެ ގިނަ އެމްޑީޕީއެވެ. އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ލިބެއެވެ. އެ ޕާޓީގައި 52،142 މެމްބަރުން އެބަ ތިއްބެވެ.

ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދުތައް:

  1. އެމްޑީޕީ - 15.1 މިލިއަން ރުފިޔާ
  2. އަދާލަތު ޕާޓީ - 2.5 މިލިއަން ރުފިޔާ
  3. ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ
  4. ޕީޕީއެމް - 10.5 މިލިއަން ރުފިޔާ
  5. އެމްޑީއޭ - 2.5 މިލިއަން ރުފިޔާ
  6. ޕީއެންސީ - 8.1 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ.

- ކޮމެންޓް