ދުނިޔޭގެ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ޑާންސިންގ ޑީވާ މާދުރީ ދިކްޝިޓްގެ ހަޔާތުގެ މައްޗަށް، އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ބޮލީވުޑް އަދި ހޮލީވުޑް އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ނިންމައިފި އެވެ.
މި ސީރީސްގައި ފެނިގެން ދާނީ މާދުރީ އެމެރިކާ އަށް ބަދަލުވެ، ދިރިއުޅުން ކުރިއަށް ގެންދާ ގޮތެވެ. ކައިވެންޏަށް ފަހު މާދުރީ ވަނީ ފިލްމީ ދާއިރާ އިން ބްރޭކެއް ނަގައިފަ އެވެ.
މިހާރު ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައި ވާއިރު، މާދުރީ އެނބުރި ފިލްމީ ދާއިރާ އާއި ގުޅިފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް އޭބީސީން ދެއްކުމަށް ހަމަޖެހިފައިބާ މި ސީރީޒް އަށް އަދި ނަމެއް ދީފައި ނުވެއެވެ.
މި ސިރީސްއަކީ ހަޤީޤީ ހާދިސާއެއް ކަމަށާއި މި ޕްރޮޖެކްޓު ފައިނަލް ވެފައިވާކަން ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އާއި މާދުރީ އަދި އޭނާގެ ފިރިމީހާ އެގްޒެކެޓިވް ޕްރޮޑިއުސް ކުރާ އެ ސީރީޒް އިން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މާކް ގޯޑަން އަދި ނިކް ޕެޕަރ ހިމެނެ އެވެ.
ޕްރިޔަންކާ އޭނާގެ ހޮލީވުޑް ކެރިއަރު ފެށީ 'ކުއަންޓިކޯ' އިންނެވެ. އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު 'ބޭވޮޗް' އަށް ފަހު އިތުރު ދެ ފިލްމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެގޮތުން ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކަމަށްވާ "އިޒިންޓް އިޓް ރޮމޭންޓިކް"ގެ ޝޫޓިން ކުރިއަށް ގެންދެއެވެ. މީގެ އިތުރުން އޮގަސްޓް – ސެޕްޓެމްބަރ ގައި މުމްބާއީގައި ހޭދަ ކުރުމަށް ފަހު ކުއަންޓިކޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށާނެ ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.