މެޑިކަލް އެމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު ވެސް ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މެޑިކަލް އެމަރޖެންސީގަައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތްތަކުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އެމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު ވެސް ޚިދުމަތަށް އެދެވޭނެ ކަމަށާއި، އެ ޚިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
އެގޮތުން މިފަދަ ފަރާތްތައް ޕާސްޕޯޓު ހެއްދުމަށް އިގްރޭޝަނަށް ހާޒިރުވުމުން އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދެވޭނެއެވެ. އަދި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.