އިޓާލިއަން ލީގުގައި ލީސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލީސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ޔުވެންޓަސް އިން ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ޑޫސަން ވްލަހޮވިޗް އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްދިނީ ވެސް ވްލަހޮވިޗް އެވެ. ޔުވެންޓަސްގެ ފަހު ލަނޑު، މެޗުގެ 85 ވަނަ މިނެޓުގައި ޖެހީ ބްރެމާ އެވެ.
މި ސީޒަންގައި މިހާރު ޔުވެންޓަސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި މިހާތަނަށް ޔުވެންޓަސް އިން ވަނީ 21 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. 21 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ އެއް ވަނައިގަ އެވެ. ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަ މިލާނަށް ލިބެނީ 51 ޕޮއިންޓެވެ.