ފްރެންޗް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އޯލީންސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން، ގަދަ 16 ޓީމު ވާދަކުރާ ބުރަށް ދަތުރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-1 އިންނެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ޕީއެސްޖީން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ވެސް ޖެހީ އެމްބާޕޭ އެވެ. އެއީ މެޗުގެ 63 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެމްބާޕޭ ޖެހި ލަނޑެކެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު، 72 ވަނަ މިނެޓުގައި ޖެހީ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް އެވެ. ޕީއެސްޖީން ތިން ލަނޑު ޖެހި ފަހުން، އޯލީންސް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. 86 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ނިކޮލަސް ސެއިންޓް ރުފް އެވެ. މެޗުގައި އޭގެ ދެ މިނެޓު ފަހުން ޕީއެސްޖީގެ ފަހު ލަނޑު ޖެހީ، ސެނީ މަޔޫލޫ އެވެ.
ޕީއެސްޖީ އަށް ދެން އޮންނާނީ ފްރާންސް ލީގުގައި އެ ޓީމުން ބްރެސްޓާ ދެކޮޅަށް ކުޅޭ މެޗެވެ.