ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ ޕާސްޕޯޓު ދޫކޮށްލައި ފުރުމަށް ހުއްދަ ދިން މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި ޙުކުމް ކުރެއްވުމުގެ އަޑުއެހުމުގައެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލު ކަމަށެވެ.
މި އަޑުއެހުމުގައި ރައުޔު އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.
އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާއެކު، އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއްކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
ފަނޑިޔާރު ވިދާޅުވީ، ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރުން، ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ދިވެހިރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއްކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އަދި އެ ރައުޔާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށްފަހުގައި، އެ މީހަކު ބޭސްފަރުވާ ނިމުމުން އެނބުރި ދިވެހިރާއްޖެއަށް އަންނާނެކަން ކަށަވަރުކުރުމަށް ޝަރުތުކޮށްފައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށާއި، މިގޮތުން ކަނޑައަޅާ ޝަރުތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެކަމަށްވެސް ބަޔާން ކުރައްވާފައިވެއެވެ.
ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ދިވެހިރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.