ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 12:51
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ
ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުން
ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ދިގުކޮށް، އެއާޕޯޓް ބޮޑުކުރަނީ
އެއާޕޯޓް ތަރައްގީގެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވޭ
ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިންގ ސްކޫލެއް ގާއިމްކުރުން ހިމެނޭ

ފުވައްމުލައް ސިޓީ އެއާޕޯޓުގެ ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް، ރަންވޭދިގުކުރުމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދެވިފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި މަޝްވަރާގައި ފުވައްމުލައް ސިޓީ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންތައް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އަދި މެމްބަރުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީގެ އެއާޕޯޓް ތަރައްގީގެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން މައުލޫމާތު ދޭގޮތުގައި ފުވައްމުލައް ސިޓީގެ އެއާޕޯޓަށް އަންނަ ތަރައްގީގެ ތެރޭގައި؛ ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓްޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންގއަށް ޚާއްސަކޮށް އޭޕްރައިން ޖާގަ އިތުރުކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިންގ ސްކޫލެއް ގާއިމްކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިމިގެން ދިޔައީ، ފުވައްމުލައް ސިޓީގެ އެއާޕޯޓާ އިންވެގެން ދެކުނަށް އޮންނަ ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ގާއިމްކުރުމަށް، ދެ މުއައްސަސާގެ މެދުގައި ވާހަކަ ކުރިއަށްގެންދިއުމަށް އެއްބަސްވުންކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.

- ކޮމެންޓް