މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ޓިނުތައް ހަލާކުވެ ދަބަރަށްވުމުގެ ސަބަބުން، އެ ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމު ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލަަމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށާއި، ވިއްސާރަ ދުވަސްތަކުގައި އެތެރެއަށް ވާރޭ ވެހޭތީވެ، މިސްކިތުގެ ގިނަ ތަންތަނުގައި ހުންނަނީ ބާލިދީ ބަހައްޓާފައި ކަމަށެވެ.
އެހެން ކަމުން އެ ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ޓިނުތައް ބަދަލުކުރުމަށް ދެ މިލިއަން ރުފިޔާ ޚަރަދުވާކަމަށެވެ. އަދި އެ ޓިނުތައް ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އެފަދައިން ވިދާޅުވިއިރު، މިހާރު ވެސް އިސްލާމީ މަރުކަޒުގެ ގުއްބާ ދިމާލުން އެތެރެއަށް ފެންފައިބާތީ، ގުއްބާ ދިމާލުން އެތެރޭގައި ބޮޑު ސަތަރިއެއް އަޅާފައިއޮވެއެވެ.
މީގެ އިތުރުން ސަލްމާން މިސްކިތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ބޮޑުބައެއް ހަލާކުވެފައި ވަނިކޮށް، ބޭރުގެ ކޮންސަލްޓެންޓުންގެ އެހީގައި ސިސްޓަމްގެ ބައެއް ބައިތައް މަރާމާތުކޮށް، ނަމާދު ކުރާ ފަންގިފިލާތަކަށް ފިނިވާގޮތް ހަދާފައިވާ ކަމަށާއި، އެހެން ނަމަވެސް، އެ ސިސްޓަމްގެ ހަލާކުވެފައިވާ ބައިތައް ރާއްޖެއިން ނުލިބޭ ކަމަށާއި، އެބައިތައް ބޭރުން ގެނައުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއާއެކު، މުޅި އިމާރާތުގެ އޭސީ ސިސްޓަމް ރަނގަޅުކުރެވޭނެ ކަމަށެވެ.
މީގެ ގާތްގަޑަކަށް 40 އަހަރު ކުރިން ހުޅުވި އިސްލާމީ މަރުކަޒަކީ، އެތަން ބިނާކުރުމަށް 1982 ވަނަ އަހަރު ބިންގާ އެޅި ތަނެކެވެ. 10 މަސް ދުވަހުގެ ތެރޭގައި އެ މިސްކިތް ބިނާކޮށް ނިންމާ ރަސްމީކޮށް ހުޅުވާފައިވަނީ 1984 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ.