މ. ރަތްމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފެނަކަ މުވައްޒަފެއް ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑްކޮށްފައިވަނީ މ.ރަތްމަންދޫގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދިޔަ ޑެޕިއުޓީ މެނޭޖަރު މުހައްމަދު ޝިފާއު އެވެ.
ރާއްޖެއެމްވީއަށް ޝިފާއު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ބަދަލުވިއިރު، ރަތްމަންދޫގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އާރްއޯ ޕްލާންޓް ގެނެސްފައިވާ ކަމަށާއި، ބާކީ އޮތީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.
ޝިފާއު ވިދާޅުވީ ރަށުގެ އާބާދީ ކުޑަނަމަވެސް މިމަޝްރޫއުއަކީ ރައްޔިތުން ނުހަނު ބޭނުންވާ ޚިދުމަތެއް ކަމަށެވެ. ނަމަވެސް ވަކި ސަބަބެއް އެންގުމެއް ނެތި މަޝްރޫއު ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށުން ބޭރުން 20 މުވައްޒަފުން ރަށަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ މިވަގުތު ކުރާނެ މަސައްކަތެއް ނެތް ކަމަށް އެންގުމަށްފަހު، މުވައްޒަފުން ރަށުން ބާލަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އެންމެފަހަށް ތިބި ދެ މުވައްޒަފުން ވެސް ރަށުން ބާލުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ މުވައްޒަފުންނަކީ ވެސް ދިވެހިންކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ފާޅުކުރި ހިޔާލާއެކު ބުރާސްފަތި ދުވަހު ޝިފާއު ވަނީ 14 ދުވަހަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ޝިފާއު ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރި ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ ފެނަކާގެ ހިންގުމާއި ހަވާލުވެ ހުރި ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން ކޮރަޕްޝަންގެ މައްސަލަތަކެއް ބަލާ ކަމަށް އެންގުމަށްފަހު، ފެނަކާގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކާ 10 ޑިސެންބަރު 2023 އިން ފެށިގެން ބްރާންޗު ހިންގު މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ޑެޕިއުޓީ މޭނަޖަރުގެ މަގާމުގައި ހުރި ނަމަވެސް އެއްވެސް މަސްއޫލިއްޔަތެއް ރަސްމީކޮށް ހަވާލުކޮށްފައިނުވާ ކަމަށް އޭނާ ވިިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ކުރީ ސަރުކާރުގައި ފެނަކާގެ ބްރާންޗުތަކުގައި ހިންގުމާއި ހަވާލުވެ ތިބި ހުރިހާ ބޭފުޅުންގެ އަތުން ހިންގުމުގެ މަސްއޫލިއްޔަތު ނެގުމަށްފަހު އެހެން މުވައްޒަފުންނާއި އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.
ޝިފާއު ވިދާޅުވީ އާބާދީ ކުޑަވި ނަމަވެސް މިފަދަ މަޝްރޫއުތައް ހުއްޓުވުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ފާޅުކުރާ ހިޔާލަކާއި ގުޅިގެން ވަޒީފާގެ ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، 12 އަހަރު ފެނަކާގައި މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ އަކީ ވަޒީފާއަށް ބަރޯސާވެގެން އާއިލާއެއް ބަލަހައްޓަމުން ރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.