އިޓާލިއަން ސުޕަ ކަޕް ސްޕެނިޝް ސުޕަ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ސައޫދީ އަރަބިއްޔާގައި ކުޅެން ނިންމީ ފައިސާ ހޯދުމަށް ކަމަށް ލާޒިއޯގެ ކޯޗު މައުރީސިއޯ ސާރީ ބުނެފިއެވެ.
އިންޓަމިލާނާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ، 1988ން ފެށިގެން ލީގު ޗެމްޕިއަނާއި ކަޕް ޗެމްޕިއަން ކުޅެމުން އައި ފައިނަލެއް މުބާރާތަކަށް ބަދަލުކުރުމުން ލިބޭނެ ފައިދާއެއްނެތް ކަމަށެވެ. މުބާރާތް މިއަހަރުން ފެށިގެން ސައޫދީ އަރަބިއްޔާގައި ކުޅޭނީ ހަތަރު ޓީމު ކުޅޭ ތިން މެޗުގެ މުބާރާތަކަށެވެ. މިއީ ސައޫދީގައި ސްޕެނިޝް ސުޕަ ކަޕް ވެސް ކުޅެމުން އަންނަ ފޯމެޓެވެ. އެ މުބާރާތް ކުޅޭ ޓީމުތަކަށާއި ސްޕޭން އެފްއޭއަށް ސައޫދީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ދެއެވެ.
1988 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިޓާލިއަން ސުޕަ ކަޕް މި ފޯމެޓަށް ބަދަލުކޮށް މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ޗެމްޕިއަން ނާޕޮލީއާއި ފިއޮރެންޓީނާ އަދި ލާޒިއޯއާއި އިންޓަމިލާނެވެ. ނާޕޮލީ ކުޅޭނީ ފިއޮރެންޓީނާއާއެވެ. އިންޓަ ކުޅޭނީ ލާޒިއޯއާއެވެ. މިރޭ ފަށާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެއެއެވެ.
މި މުބާރާތުން ޓީމަކަށް އެއްވެސް ފައިދާއެއް ނުކުރާނެ. ކޯޗަކަށް ބުނެވެން އޮންނާނީ ތިމަންނަ ތައްޓެއް ހޯދީމޭ. އެނޫން ކަމެއް ހާސިލެއްނުވާނެ.ސާރީ ބުންޏެވެ.
މުބާރާތާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ޗެލްސީގެ ކުރީގެ ކޯޗު ބުނީ، ގާތްގާތުގައި މެޗުތައް ޝެޑިއުލްކޮށް، ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށް، މެޗުތައް ކުޅެ، ފައިސާ ހޯދުމަކީ މިއަދުގެ ފުޓްބޯޅައި މާކެޓް އޮތްގޮތް ކަމަށްވާނަމަ އެކަމަށް އޭނާ ހުރީ ރުހިގެން ކަމަށެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 8.7 މިލިއަން ޑޮލަރު ދޭނެއެވެ. ރަނަރަޕް ޓީމަށް 5.4 މިލިއަން ޑޮލަރު، އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ވެސް 1.7 މިލިއަން ޑޮލަރު ދޭނެއެވެ.
ސައޫދީ އަރަބިއްޔާއިން ސްޕެނިޝް ސުޕަ ކަޕަށްފަހު އިޓާލިއަން ސުޕަކަޕް އެ ގައުމުގައި ބާއްވަނީ، ސައޫދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.