ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 12:03
އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މައިންބަފައިން
އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މައިންބަފައިން
ރާއްޖެއެމްވީ
ރައުޝަން ޖިއާންގެ މަރު
ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދޭން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ކެންސަލް
މި މައްސަލަ އާ ގުޅޭ 2 ގަޒިއްޔާ އެއް ހައިކޯޓުގައި ކުރިއަށްދޭ
ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލައެއް

 އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލަ އާ ގުޅޭ 2 ގަޒިއްޔާ އެއް ހައިކޯޓުގައި ކުރިއަށްދާއިރު، އޭގެ ތެރެއިން އެއް ގަޒިއްޔާއަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލާ މައްސަލައެކެވެ. އަނެއް މައްސަލައަކީ ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މި ދެ މައްސަލައިގެ އަޑުއެހުންވެސް ވަނީ ކެންސަލްވެފައެވެ.

ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމެވެ. އެގޮތުން މަދަނީ ބަދަލު ނަގައިދިނުމަށް ހުށަހަޅާފައިވާއިރު، ދައުވާކުރި ފަރާތަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް ދައްކުވައިދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ކުންފުނީގެ ފަރާތުން ބުނެއެވެ.

Advertisement

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.  

އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ޖަލަށްލާން ހުކުމްކުރީ ދެ ބިދޭސީއެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެކަކުގެ މައްޗަށް އިއްވީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އިތުރު ދެ ބިދޭސީއަކު 7،200 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރިއެވެ.

މީގެ އިތުރުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއަރ ސައިޓް ސުޕަވައިޒަރު ހަސަންގެ މައްޗަށް ސާބިތުވީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 115،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.

ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައެވެ. އެގޮތުން މި ޙާދިސާގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުން ވަނީ އެދިފައެވެ.

މި މައްސަލަ އާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 4،557،040.86 (ހަތަރު މިލިއަން ފަސް ލައްކަ ފަންސާސް ހަތްހާސް ސާޅީސް ރުފިޔުާ އަށްޑިހަ ހަ ލާރި) 31 އޯގަސްޓުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް