ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 15:18
ޔޫއެސްއެސް ލަބޫންގައި ފަޅުވެރިއަކު ޙަރަކާތްތެރިވަނީ
ޔޫއެސްއެސް ލަބޫންގައި ފަޅުވެރިއަކު ޙަރަކާތްތެރިވަނީ
ރޮއިޓާސް
ޙޫޘީންގެ ޙަމަލާއެއް އެމެރިކާގެ މަނަވަރަކަށް
ޙޫޘީ ހަނގުރާމަވެރިން ރަތް ކަނޑުގައި އެމެރިކާގެ ޑިސްޓްރޯޔަރަކަށް ކްރޫޒް މިސައިލެއް ފޮނުވާލައިފި
 
ޙޫޘިންގެ މި ހަމަލާއަކީ އަދި މިހާތަނަށް އެމެރިކާއިން ޤަބޫލުކުރި ފުރަތަމަ ހަމަލާ

ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ޙޫޘީ ހަނގުރާމަވެރިން ރަތް ކަނޑުގައި އެމެރިކާގެ ޑިސްޓްރޯޔަރަކަށް ކްރޫޒް މިސައިލެއް ފޮނުވާލައިފިއެވެ.

މިއީ އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގައި ހުންނަ ޙޫޘީންންގެ މަރުކަޒުތަކަށާއި ލޯންޗް ސައިޓުތަކަށް ހަމަލާދޭން ފެށި ފަހުން ޙޫޘީން ދިން ފުރަތަމަ ޖަވާބެވެ.

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން އާދީއްތަ ދުވަހު ރަތް ކަނޑުގައި ހުންނަ އެމެރިކާގެ ޑިސްޓްރޯޔަރަކާ ދިމާލަށް އެންޓި-ޝިޕް ކްރޫޒް މިސައިލެއް ފޮނުވާލި ނަމަވެސް، އެމެރިކާގެ ފައިޓަރ ޖެޓަކުން އެ މިސައިލް ވައްޓާލައިފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. އަދި އެއީ އިސްރާއީލުން ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޙޫޘީން ދުނިޔޭގެ ޝިޕިންއަށް ދިން އެންމެ ފަހުގެ ހަމަލާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މި ހަމަލާއަކީ ރަތް ކަނޑުގައި ޝިޕިންއަށް ހަފުތާތަކެއް ވަންދެން ދިން ހަމަލާތަކަށް ފަހު އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ހުކުރު ދުވަހު ހަނގުރާމަވެރިންނަށް ހަމަލާދޭން ފެށި ފަހުން ޙޫޘީން ދިންކަމަށް އެމެރިކާ އިން ގަބޫލުކުރި ފުރަތަމަ ހަމަލާއެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައިގެ މައްސަލާގައި އޭޝިއާ އާއި މެދުއިރުމަތީގެ ހަކަތަ އާއި ކާގޯ ޝިޕްމަންޓްތައް ސުއޭޒް ކެނަލްއަށާއި، ޔޫރަޕަށް ގުޅުވައިދޭ މުހިންމު ކޮރިޑޯއަށް ޙޫޘީން ވަނީ ހަމަލާދީފައެވެ. އެހެންނަމަވެސް ޙޫޘީން އެކަން ދޮގުކުރެއެވެ.

އެންމެ ފަހުގެ ހަމަލާއަށް އެމެރިކާއިން ބަދަލު ހިފާނެކަމެއް އަދި ސާފު ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ "އެމެރިކާގެ ރައްޔިތުން ހިމާޔަތްކުރުމަށާއި ބައިނަލްއަގްވާމީ ވިޔަފާރީގެ މިނިވަންކަން ކޮންމެހެން ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެ" ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙޫޘީންގެ ޙަމަލާ އަމާޒުވެފައިވަނީ ރަތް ކަނޑުގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އާލޭ ބާކް ކްލާސްގެ ޑިސްޓްރޯޔަރެއް ކަމަށްވާ ޔޫއެސްއެސް ލަބޫން އާ ދިމާލަށް ކަމަށެވެ.

މި މިސައިލް އައީ ޙޫޘީންންގެ ބާރުގެ ދަށުގައި އޮންނަ ރަތް ކަނޑުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހުޑެއިދާ ކައިރިން ކަމަށް އެމެރިކާއިން ބުނެއެވެ.

ސެންޓްރަލް ކޮމާންޑުން ބުނީ އީރާނަށް ތާއީދުކުރާ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރި ސަރަހައްދުތަކުން އެންޓި ޝިޕް ކްރޫޒް މިސައިލެއް ޔޫއެސްއެސް ލަބޫންއާ ދިމާލަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން ރަތް ކަނޑުން ދަތުރު ކުރުން ވަނީ މަޑުޖެހިފައެވެ. ޔަމަނުގެ ރަތް ކަނޑުގެ ސަރަހައްދުތަކާއި ގަލްފް އޮފް އެޑަންގެ ވަށައިގެންވާ ސަރަހައްދުތަކުން 72 ގަޑިއިރު ވަންދެން ދަތުރު ނުކުރުމަށް އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރަށް އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ އިންޒާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް