ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 11:12
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
ލެންސް ބަލިކޮށް ޕީއެސްޖީން ލީޑު ފުޅާކޮށްފި
މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކުން

ފްރާންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލެންސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ، 2-0 އިންނެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ލެންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފްރޭންކޯސްކީ ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައިނުގަތުމަށެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރާޑްލޭ ބާކޮލާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެންސްގެ ޖޮނަތަން ގްރާޑިޓް އަށް ސީދާ ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީ ބައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ.

މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅުނު 18 މެޗުން 43 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ނީސް އަށް ލިބެނީ 35 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ލެންސް އޮތީ 26 ޕޮއިންޓާއެކު އަށް ވަނައިގަ އެވެ.

- ކޮމެންޓް