ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 06:47
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ:
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ:
ޕޮލިސް
މަސްތުވާތަކެތި
ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
 
ގދ. ތިނަދޫ އިން 46 އަހަރުގެ ސްރީލަންކާ ފިރިހެނެއް ހައްޔަރުކޮޮށްފައިވޭ
 
ދ. އަތޮޅު ރިސޯޓަކުން 23 އަހަރު މީހަކު ހައްޔަރުކުރި
 
ނިލަންދޫން ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

އެގޮތުން ފ.ނިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ނިލަންދޫ މަގުމަތިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ތަނުން އެކަކުގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ  މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް 21 އަހަރުގެ އެކަކަށް ފަސް ދުވަސް އަދި އަނެއް މީހާއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ. 

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ދ.އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު،  އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެއިތުރުން،  ގދ. ތިނަދޫ އިން 46 އަހަރުގެ ސްރީލަންކާ ފިރިހެނެއް ހައްޔަރުކޮޮށްފައިވާއިރު އެމީހާ ހައްޔަރުކޮށްފައިވަނީ، މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް މީހަކު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާ ފުޅިއެއް ފެނުމާ ގުޅިގެންނެވެ. 

މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް