ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 16:42
ޗެލްސީގެ ކޯޗު، ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު، ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޕޮޗެޓީނޯ ބުނަނީ ކުޅުންތެރިން ގެނައުމުގައި ވިސްނަންޖެހޭ ކަމަށް
 
އޭނާ ބޭނުންވަނީ ގިނަ ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ޓީމުގައި އޮތް މައްސަލަ ހައްލުކުރެވޭނެ ގޮތެއް

އައު ކުޅުންތެރިން ހޯދުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ކުރިއަށް އޮތް ތަނުގައި ޗެލްސީން އެ ޓީމުގެ ސްކޮޑު ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އެގޮތުން އޭނާ ބުނީ، ކޮންމެ ޓީމެއް ވެސް މަަސައްކަތްކުރާނީ ރަނގަޅު ކުޅުންތެރިންނާއެކު، ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށް ކަމަށެވެ.

ޕޮޗެޓީނޯ ބުނީ، ޗެލްސީން އައު ކުޅުންތެރިން ގެނައުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ. ޚާއްސަކޮށް މިހާރު ޗެލްސީއަށް ދިމާވަމުން އަންނަ މައްސަލައިން އަރައިގަތުމަށް ކުރެވެން އޮތީ ކޮން ކަމެއްތޯވެސް ބަލަންޖެހޭނެ ކަމަށާއި، އެއަށްފަހު ކުރިއަށްދާނެ ގޮތެއް ނިންމަންޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި މީގެ ކުރިން ވެސް ޗެލްސީން ގިނަ ކުޅުންތެރިން ގެނައުމަށް ޚަރަދުތަކެއް ކުރިނަމަވެސް، އެއިން ޓީމަށް މާބޮޑު ފައިދާއެއް ލިބުނު ކަމަށްއެއްވެސް ބަޔަކު ގަބޫލުނުކުރާ ކަމަށެވެ.

އެހެންކަމުން އޭނާ ބޭނުންވަނީ، ގިނަ ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ޓީމުގައި އޮތް މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ. ޗެލްސީގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުރު ތަމްރީނާއި، ތަޖުރިބާ ހޯދުމަކީ މިވަގުތަށް އެންމެ މުހިންމު އެއް ކަންތައްކަން އޭނާ ފާހަގަކުރިއެވެ.

މި ސީޒަނުގައި ޗެލްސީގެ ނަތީޖާ ދަށްވުމުން ޕޮޗެޓީނޯއަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއަރ ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުން، އޭނާއަށް ޕްރެޝަރު ބޮޑުވެފައި ވާކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓު ވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް