ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 06:16
ޗައިނާގެ ޝާންޑޮންގް ޕްރޮވިންސްގައި ބަދިގެ ސާމާނު އުފައްދާ ކާރުހާނާ
ޗައިނާގެ ޝާންޑޮންގް ޕްރޮވިންސްގައި ބަދިގެ ސާމާނު އުފައްދާ ކާރުހާނާ
ރޮއިޓާރސް
ބަދިގެ ސާމާނު
މުޅި ދުނިޔެއަށް ބަދިގެ ސާމާނު ސަޕްލައި ކުރުމުގައި ޗައިނާގެ އަވަށެއް އަވަދިނެތި!
 
އެ އަވަށުން އަހަރެއްގެ މައްޗަށް އުފައްދާ އުފެއްދުންތަކުގެ އަގު، 30 ބިލިއަން ޔުއާންއަށް އަރާ
 

ދުނިޔޭގެ 1 ނަމްބަރު ޤައުމުގެ މަޤާމަށް އައުމަށް ޗައިނާއިން ކުރަމުން ދާ މަސައްކަތުގައި އެންމެ ބުރަކޮށް އުޅޭ އެއް ބަޔަކީ އެ ޤައުމުގެ ޢާންމު ފަރުދުންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ޗައިނާގެ ޝާންޑޮންގް ޕްރޮވިންސްގެ ކުޑަކުޑަ އަވަށަކަށް ބަލައިލުމުން އެކަނިވެސް އެކަމަށް ހެކި ލިބެއެވެ.

ފާއިތުވެގެން މި ދިޔައީ 2024 ވަނަ އަހަރުގެ ފުރަތަމަ ހަފުތާއެވެ. ފުރަތަމަ ހަފުތާ ތެރޭގައި އެކަނިވެސް، އެ އަވަށުން ފެންނަމުން ދިޔައީ މަސައްކަތުގެ މައިދާނުގައި ހޭލަމޭލައަށް އުޅެމުން ދިޔަ މީހުންނެވެ. އެ އަވަށުގެ މީހުންގެ ޚާއްޞަ ވަނީ ވިޔަފާރި އުސޫލުން ބަދިގެ ސަމާނު ނުވަތަ ގެވެހި ކަންވާރު އުފެއްދުމުގެ މަސައްކަތަކަށެވެ. އަހަރުގެ ފުރަތަމަ ހަފުތާ ތެރޭގައި އެކަނިވެސް، ދުނިޔޭގެ ހުރިހާ ހިސާބަކުން އެތައް އޯޑަރެއް ދީފައި ވާ އިރު، އޯޑަރުތައް ނިންމާލުމަށް އެ އަވަށުގެ މީހުން ދަނީ ހީވަގި ކަމާއެކީ މަސައްކަތް ކުރަމުންނެވެ.

ޝީންގްފޫ އަވަށަކީ، ބަދިގެ ސަމާނު އުފައްދާ 2800 އަށް ވުރެ ގިނަ ވިޔަފާރިއަށް މުދާ އުފެއްދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާ މަރުކަޒީ މައިދާނެވެ. އެ އަވަށުން އަހަރެއްގެ މައްޗަށް އުފައްދާ އުފެއްދުންތަކުގެ އަގު، 30 ބިލިއަން ޔުއާންއަށް އަރައެވެ. އެއީ އެމެރިކާ ޑޮލަރުން ބަލާނަމަ، ގާތްގަނޑަކަށް 4.2 ބިލިއަން ޑޮލަރެވެ. އަހަރުގެ ފުރަތަމަ ހަފުތާ ތެރޭގައި، ޝީންގްފޫ އަވަށުން ވަނީ ދޭސީ އަދި ބައިނަލްއަޤުވާމީ ކްލަޔަންޓުންގެ އަތުން، އެ ބަޔަކަށް ޚާއްޞަ ނުވަތަ ކަސްޓަމް ފަރުމާތަކަށް ބަދިގެ ސާމާނު އުފެއްދުމަށް 2000 އަށް ވުރެ ގިނަ އޯޑަރު ކަށަވަރު ކޮށްފައެވެ.

ހުޅަނގުގެ ބާޒާރުތަކަށް ބަދިގެ ސަމާނު ފޯރުކޮށްދޭ 'އެސްކޯފިއޭ'ގެ ފޮރިން ޓްރޭޑް މެނޭޖަރ، ޝާއޯ ފޭއި ބުނި ގޮތުގައި އައު އަހަރު ފެށުނު ފަހުން އަދި އެންމެ ހުސްވަގުތު ކޮޅެއްވެސް ނުލިބެއެވެ.

އައު އަހަރުގެ ފުރަތަމަ ދުވަހުގެ ފަހުން އަހަރެމެން އަދި ހުއްޓިނުލަން. އޯޑަރުތައް ހަމަ އަންނަނީ. އަހަރެމެންގެ ފޯނުތަކުން ރިންގު ކަނޑައިގެން ނުދޭ. މި ބަންދު ތެރޭގަވެސް އަހަރެމެން ވަރަށް ބުރަކޮށް މި އުޅެނީ. އަވަދިނެތި. އަހަރެމެންގެ ވިޔަފާރީގެ ކުރިމަގާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް
ޝާއޯ ފޭއި؛ އެސްކޯފިއޭގެ ފޮރިން ޓްރޭޑް މެނޭޖަރ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ އޯޑަރުތަކާއެކު، އަވަށަށް ވެރިވެފައިވާ ހަލަބޮލިކަން ވިޔަފަރީގެ ކުރިމަގުގެ އުޖާލާކަން އަންގައިދޭ ހެއްކެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. ވިޔަފާރި އުސޫލުން ބަދިގެ ސަމާނު އުފައްދާ ހަބެއްގެ ގޮތުގައި ޝީންގްފޫ ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން އައީ، ކުނާ ވިޔުމަށް ބޭނުން ކުރާ ހަ ދަނޑިތަކުން ތައްޔާރު ކުރާ، އާވިން ކައްކާ ކަންވާރުތަކާ ހިސާބުންނެވެ.

ވިޔަފާރި ފުޅާކޮށް، އިންޤިލާބީ ބަދަލުތައް ގެންނަމުން ދިއުމުގެ ނަތީޖާއަކަށް ވީ، ވަޞީލަތްތަކުގެ ދަތިކަމާއި، ޖިއޮގްރަފީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ވިޔަފާރި އުސލުން ބަދިގެ ސަމާނު އުފެއްދުމުގެ މަސައްކަތް ކުރާ ކާމިޔާބު ހަބަކަށް އެ އަވަށް ބަދަލު ކޮށްލެވުމެވެ. ވިޔަފާރި އުސޫލުން ވިއްކާ ބަދިގެ ސަމާނުގެ ސެޓުތަކަށް ބަލާއިރު، އަހަރެއްގެ މައްޗަށް އެފަދަ 20 މިލިއަން ސެޓު އުފެއްދުމުގެ ޤާބިލުކަން، މިއަދު ޝީންގްފޫއަށް ލިބިގެން ވެއެވެ.

ވިޔަފާރީގެ ދުނިޔެއަކީ އިންތިހާ ވާދަވެރިކަން އޮންނަ ވެއްޓެއް ކަމުން، މައިދާނުގައި ސާބިތުވެ ތިބުމަށް ޝީންގްފޫ އަވަށުން ކުރާ މަސައްކަތްތަކަކީވެސް ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ. ވިޔަފާރި ފުޅާކޮށް، ވާދަވެރިންގެ މެދުގައި ޤާބިލު ބައެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި، ޝީންގްފޫ އަވަށުން އެންމެ ބޮޑު އިސްކަމެއް ދެނީ އައު ދިރާސާތައްކޮށް، ތަރައްޤީ ގެނައުމަށެވެ.

ޝީންގްފޫ އަވަށުގެ އިސްވެރިޔާ، ވޭންގް ޝާއޯޖިއާން ވިދާޅުވީ، ދިރާސާއާއި ތަރައްޤީއަށް އިސްކަން ދީ، އިންވެސްޓްމަންޓަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކުންފުނިތަކަށް ވިސްނައިދެމުން ދާ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ނުފޫޒު ގަދަ އިޤްތިޞާދުގެ ގޮތުގައި ޗައިނާއަށް ބަލާއިރު، ދޭސީ ބާޒާރުގެ 40 ޕަސެންޓް ހިއްސާ ކުރަނީ ޝީންގްފޫ އަވަށުގައި ވިޔަފާރި އުސޫލުން އުފައްދާ ބަދިގެ ސާމާނުތަކެވެ.

ދިރާސާ ކުރުމާއި ތަރައްޤީއަށް ދެމުންދާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން ޝީންގްފޫ އަވަށުން މި އަހަރު ވަނީ ޚާއްޞަ މަޝްރޫޢެއްވެސް ފަށާފައެވެ. ގޮތުން ޑިޖިޓަލައިޒް ކުރުމާއި، އައިޓީ އަދި ވެއްޓާ ރައްޓެހި އުފެއްދުންތެރިކަމުގެ ދާއިރާގެ ފަންނުވެރިން އެ އަވަށަށް ދިއުމުގެ ޝަޢުޤު އިތުރު ކުރުމަށް ޝީންގްފޫ އަވަށުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ އިތުރަށް، ޝެންޑޯންގް ޔުނިވަރސިޓީއާއި ޝެންޑޯންގް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ފަދަ މަތީ ފަންތީގެ ޔުނިވަރސިޓީތަކާ ގުޅިގެން، 'ތޫނުފިލި' ބަދިގެ ސާމާނު އުފެއްދުމާ ބެހޭ ދިރާސާތައް ކުރުމަށްވެސް ޝިންގްފޫ އަވަށުން ދަނީ ޢަމަލީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރަކަށް އައިސް ކަސްޓަމަރުން އެންމެ ބޮޑަށް ޑިމާންޑް ކުރަނީ އެބަޔަކަށް ޚާއްޞަ ފަރުމާތަކަށް ހުންނަ އުފެއްދުންތަކަށް. މިހާރު އިތުރު ވަނީވެސް ޒުވާން ކަސްޓަމަރުން. އެހެންވެ އަހަރެމެން އޮންނާނީ އަސްލު ނުގެއްލޭ، އެހެނަސް ރީތި ބަދިގޭގެ ފަރުމާ ހުށަހަޅާފަ. އަހަރެމެން އުފެއްދުންތައް ފަރުމާ ކުރަމުން ދަނީ، ކަސްޓަމަރުން ބޭނުންވާ ކަންކަމަށް ބަލައިގެން، އެ ގޮތަކަށް.
ސޮންގް ބިންގް؛ ޑިޒައިން ޑައިރެކްޓަރެއް

އުފެއްދުންތަކުގެ އަމިއްލަވަންތަކަން މިލްކު ކުރުމަށް ނަގާ ޕޭޓަންޓް ރައިޓްސްއަށް ބަލާއިރު، އަހަރެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ޕޭޓަންޓް ރައިޓްވެސް ޝީންގްފޫ އަވަށުން ހޯދައެވެ.

ޝީންގްފޫ އަވަށުން ވަނީ، ނިސްބަތުން ކުދި ކުންފުނިތަކަށްވެސް، ބޮޑެތި ކުންފުނިތަކާއެކު ހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ނިޒާމެއް ޤާއިމުކޮށްދީފައެވެ. އެހެންކަމުން، ބޮޑުމަސް-ކުޑަމަސް ކާލާ އުސޫލުންވެސް މިންޖުވީއެވެ.

ވިޔަފާރި އަދިވެސް އިތުރަށް ފުޅާ ކުރުމަށްޓަކައި ޝީންގްފޫ އަވަށުގައި އޮޕަރޭޓް ކުރާ ކުންފުނިތަކުން ދަނީ ބިދޭސީ ބާޒާރުތަކާ ގުޅުން ބަދަހިކޮށް، ވިޔަފާރި މެކުހަށް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ޝީންގްފޫގެ މި އަހަރުގެ އަމާޒަކީ އެ އަވަށުން   މުދާ އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ޢަދަދު 50، އަދި ސަރަޙައްދުތަކުގެ ޢަދަދު 60 އަށް އިތުރު ކުރުމެވެ. އަދި ޖުމުލަ ވިޔަފާރީގެ އަގު، 7 ބިލިއަނެއްހާ ޑޮލަރަށް އިތުރު ކުރުމަކީވެސް 2024 ވަނަ އަހަރަށް، ޝީންގްފޫ އަވަށުން ކަނޑައަޅާފައި އޮތް ވަރުގަދަ އަމާޒެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް