ޤައުމެއްގެ ވެރިއަކަށް ނިސްބަތްކޮށް މި ސަރުކާރުގެ ނައިބުވަޒީރުންތަކެއް މަލާމަތްކުރުމާ ގުޅިގެން އެމްއެންޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްއެންޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ އޮފިޝަލަކު ޚާރިޖީ ޤައުމެއްގެ ވެރިއަކަށް ނިސްބަތް ކުރައްވައި ކުރައްވާފައިވާ ދަށު ދަރަޖައިގެ ކޮމެންޓު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްއެންޕީންވެސް ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
އެއީ ނަސްލީ ގޮތުން ތަފާތު ކުރުވާ ޒާތުގެ ކޮމެންޓެއްކަންވެސް އެމްއެންޕީން ފާހަގަކޮށްފައިވެއެވެ.
އެމްއެންޕީން އެެހެން ބުނެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަކީ ޖޯކަރެއްގެ ގޮތުގައި ސިފަ ކުރައްވައި މި ސަރުކާރުގެ ނައިބް ވަޒީރެއް ކަމަށްވާ މަރިޔަމް ޝިއުނާ ކުރައްވާފައިވާ ޕޯސްޓަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ފާޑުކިޔުން އަމާޒުވާން ފެށުމުން ޝިއުނާ ވަނީ އެ ޕޯސްޓް ޑިލިޓު ކޮށްލާފައެވެ.
އޭގެ އިތުރުންވެސް މި ސަރުކާރުގެ ނައިބު ވަޒީރެއްކަމަށްވާ މަލްޝާ ޝަރީފްވެސް ވަނީ އެކްސްގައި އިންޑިއާއަށް މަލާމަތްކޮށް ކޮމެންޓުތައް ކުރައްވާފައެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް އަސަރުކުރާ ގޮތަށް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަކުން އަމަލު ކުރައްވާފައިވާތީ އެ މައްސަލަ ބެލުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.