ކ. މާލެ
|
5 ޖެނުއަރީ 2024 | ހުކުރު 09:34
އިންސާނުންނާ އެއްގޮތަކަށް ހަދާފައިވާ ހިއުމަނޮއިޑް ރޮބޮޓް
އިންސާނުންނާ އެއްގޮތަކަށް ހަދާފައިވާ ހިއުމަނޮއިޑް ރޮބޮޓް
ރޮއިޓާރސް
ހިއުމަނޮއިޑް ރޮބޮޓް
ގުދަންތަކުން ހަނދަށް: އިންސާނުންގެ ވަޒީފާތައް، ބިދޭސީ ރޮބޮޓުންނަށް!
 
'ވެލްކިއެރީ' ފަރުމާކޮށް އުފައްދާފައި ވަނީ ޓެކްސަސްގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރުގައި
 
ހިއުމަނޮއިޑް ރޮބޮޓް ފަރުމާކޮށްފައި ހުންނަނީ އިންސާނުންގެވެސް ހުންނަ ގޮތަށް މަތި ހަށިގަނޑާއި، ބޮލާއި، ދެ އަތާއި 2 ފައިވެސް ހިމެނޭ ގޮތަށް

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި، އިންސާނުންގެ ޝަޚްސު އަސްލަކަށް ބަލައިގެން ފަރުމާ ކޮށްފައި ހުންނަ (ހިއުމަނޮއިޑް) ރޮބޮޓުންގެ ދައުރުވެސް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް އަހަރު ތަކުގައި ދުނިޔެއާއި ދުނިޔެއިން ބޭރުގައިވެސް ހިއުމަނޮއިޑް ރޮބޮޓުންގެ ބޭނުން ބޮޑުވާނެ ކަމަށް ސައެންސްއާއި ޓެކްނޮލޮޖީގެ ޚަބަރުތައް ބުނެއެވެ.

އިސްކޮޅުގައި 6 ފޫޓު 2 އިންޗި ނުވަތަ 188 ސެންޓިމީޓަރެވެ. ބަރުދަނުގައި 300 ޕައުންޑް ނުވަތަ 136 ކިލޯއެވެ. މި ދައްކަނީ އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން، އިންސާނެއްގެ ޝަޚްސު އަސްލަކަށް ބަލައިގެން ތަރައްޤީ ކުރަމުން އަންނަ – 'ވެލްކިއެރީ' ރޮބޮޓްގެ ވާހަކައެވެ.

ހިއުމަނޮއިޑް ރޮބޮޓް ފަރުމާކޮށްފައި ހުންނަނީ އިންސާނުންގެވެސް ހުންނަ ގޮތަށް މަތި ހަށިގަނޑާއި، ބޮލާއި، ދެ އަތާއި 2 ފައިވެސް ހިމެނޭ ގޮތަށެވެ. އިނޖިނޭރުން ޤަބޫލުކުރާ ގޮތުގައި ރަނގަޅު ސޮފްޓްވެއަރއެއް އަތުޖެހިއްޖެ ކަމުގައި ވާނަމަ، އިންސާނުންނެކޭ އެއްގޮތަށް ހަރަކާތްތެރިވެ، އެކިއެކި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން އެ ރޮބޮޓްތަކަށް ލިބެއެވެ.

ނާސާގެ 'ވެލްކިއެރީ' އަކީ ކަރަންޓު ހަކަތައިން އޮޕަރޭޓް ކުރާ ރޮބޮޓެކެވެ. 'ވެލްކިއެރީ' ފަރުމާކޮށް އުފައްދާފައި ވަނީ ޓެކްސަސްގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރގައެވެ. 'ވެލްކިއެރީ' އަކީ 2013 ވަނަ އަހަރު އޮތް ފަންނުވެރިންގެ މުބާރަތަކުން އުފަންވި ފަރުމާއެކެވެ. ރޮބޮޓް ފަރުމާ ކޮށްފައި ވަނީ ވީރާނާ ވަމުންދާ ނުވަތަ ގެއްލުންތަކެއް ލިބިފައިވާ ވެށިތަކުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށެވެ. އެގޮތުން، ޤުދުރަތީ ކާރިޘާތަކުގެ އަސަރު ކުރާ ސަރަޙައްދުތަކުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ނާސާގެ ހިއުމަނޮއިޑް ރޮބޮޓަށް އޮންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޚާއްސަކޮށް ހިއުމަނޮއިޑް ރޮބޮޓްތަކަކީ އޭގެ އަމިއްލަ ޒާތުގަވެސް ހަރަށް ހަރަކާތްތެރި އެއްޗެއް، އަތާއި ބޯ ގުޑުވާ ހެދުން ކަހަލަ ކަންކަމުގަ. 'ވެލްކިއެރީ'އާ އެކީ އަހަރަމެން މިއަދު ބަލަން މި އުޅެނީވެސް އެކަން. އެކަމަކު، ދުނިޔެއިން ބޭރަށް ވިސްނާއިރު، މިއަށް އެބަ ބޭނުންވޭ ވަރަށް މިނިވަންކަމާއެކީގަ ހަރަކާތްތެރިވެލާ އުޅެވެން. ދުނިޔޭގެ ބިމުގަ ހުންނަ އޮޕަރޭޓަރު، ރޮބޮޓަށް އިރުޝާދު ދެމުން ދަނީ ވަކި އިސްތިރާޖެއްގެ ދަށުން. މިނިވަންކަމާއެކީގަ، އެ ޒިންމާއެއް އަދާކޮށް ނިންމާލުމަކީ ރޮބޮޓްގެ މައްސޫލިއްޔަތު.
ޝޯން އަޒީމީ؛ ނާސާ ރޮބޮޓިކްސް ޓީމުގެ ލީޑަރ

'ވެލްކިއެރީ'އަކީ ނާސާއިން ފަރުމާކޮށް އުފެއްދި ހަމަ އެކަނި މިފަދަ ރޮބޮޓެއް ނޫނެވެ. ދައްކަން މި އުޅެނީ 'ރޮބޮނޯޓް-2' ގެ ވާހަކައެވެ. ނާސާއިން ބުނާ ގޮތުން ވިއްޔާ، 'ވެލްކިއެރީ'ގެ ބޭބެގެ ވާހަކައެވެ. ނާސާއިން އުފެއްދި ރޮބޮނޯޓް-2، ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ފޮނުވާލީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޖައްވަށް ދަތުރުކުރި ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓެވެ.

ރޮބޮނޯޓް-2ގެ މަސައްކަތަކީ ވަރަށް އާދައިގެ މަސައްކަތްތަކެކެވެ. އެގޮތުން ކޮންޓްރޯލް ސިސްޓަމް އޮޕަރޭޓް ކުރުމާއި، ވައިގޮޅިއަކުން ވައި ދަތުރުކުރާ މިންވަރު ވަޒަން ކުރުން ފަދަ މަސައްކަތްތައް ރޮބޮނޯޓް-2 ވަނީ ޖައްވުގައި ކޮށްފައެވެ. ރޮބޮނޯޓް-2އަކާ ޙަވާލު ކުރެވުނު މަސައްކަތްތައް ކޮށްފައި ވަނީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެންނާއި އޭގެ އަމިއްލަ ޒާތުގައެވެ. ޖައްވީ ޑިއުޓީ ނިންމާލުމަށްފަހު ރޮބޮނޯޓް-2 ދުނިޔޭގެ ބިމަށް އަނބުރާ ގެނައީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ނާސާގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ރޮބޮޓިކްސް ޓީމުގެ ލީޑަރު، ޝޯން އަޒީމީ ބުނި ގޮތުގައި ހިއުމަނޮއިޑް ރޮބޮޓްތަކަކީ ކުރިއަށް އޮތް ތަނުގައި ޖައްވު ތެރޭގައި ނުރައްކާތެރި އޮޕަރޭޝަންތައްވެސް ކުރެވޭ ފެންވަރަށް ތަރައްޤީ ކުރެވޭނެ ރޮބޮޓްތަކަކަށް ވާނެ ކަމަށެވެ. އެގޮތުން ސޯލަރ ޕެނަލްތައް ސާފު ކުރުމާއި، ޖައްވީ އުޅަނދުން ބޭރުގައި ހުންނަ އެކި ޢާލާތްތަކުގައި މައްސަލައެއް ޖެހިއްޖެ ނަމަ، ދެން ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް ރޮބޮޓްތަކަށް ނުކުމެ އުޅެވޭނެ ކަމަށް އަޒީމީ ފާހަގަ ކުރިއެވެ. އެ ފެންވަރަށް ކަންކަން ތަރައްޤީ ވުމާއެކު، ޖައްވު ތެރޭގައި ދިރާސާކޮށް އައު ކަންކަން ހޯދުމަށް ޖައްވީ ފަޅުވެރިންނަށް ސަމާލުކަން ހުސްކޮށްލެވޭނެ ކަންވެސް އަޒީމީ ފާހަގަ ކުރިއެވެ.

ރޮބޮޓް ތަރައްޤީ ކުރަން އަހަރެމެން މި ހޭދަ ކުރާ ވަގުތަކީ، ކުރޫއިންނަށް އެކަމުގެ ސަބަބުން އެތައް ވަގުތެއް ސަލާމަތް ވެގެން ދާނެ ކަމެއް. ދިރާސާތައްކޮށް، އައު ހޯދުންތައް ހޯދަން ފުރުޞަތު ތަނަވަސް ކޮށްދޭނެ. އަހަރެމެން ފަހަރެއްގައިވެސް މި އުޅެނީ އިންސާނުން ޖައްވަށް ފޮނުވުން ހުއްޓާލާކަށް ނޫން. އިންސާނީ ކުރޫއިން ބަދަލު ކުރާކަށް ނޫން. އަހަރެމެން އަސްލު މަސައްކަތް ކުރަމުން މި ދަނީ، ކުރަން ފޫހި، ހަޑި އަދި ނުރައްކާ މަސައްކަތްތައް، އިންސާނީ ކުރޫއިން ކުރަން ހުރި ކަންކަމުގެ ލިސްޓުން އުނިކޮށްފަ، އެޔަށް ވުރެ މަތީ ފަންތީގެ ޒިންމާތަކެއް އިންސާނީ ކުރޫއިންނާ ޙަވާލު ކުރަން.
ޝޯން އަޒީމީ؛ ނާސާ ރޮބޮޓިކްސް ޓީމުގެ ލީޑަރ

މި ފަހުން ނާސާއިން ވަނީ ޖައްވީ ބޭނުންތަކަށް ޚާއްޞަކޮށްގެން ފަރުމާކުރާ ހިއުމަނޮއިޑް ރޮބޮޓްތަކުގެ ބޭނުން އެންމެ ފުރިހަމަ ހިފެން ހުރި ގޮތްތައް ބަލާ، ދަސްކުރުމުގެ ގޮތުން އޮސްޓިންއާއި، އެޕްޓްރޯނިކް ފަދަ ރޮބޮޓް އުފައްދާ ކުންފުނިތަކާ ގުޅިގެން މަސައްކަތްތަކެއްވެސް ކޮށްފައެވެ.

އެޕްޓްރޯނިކުން މިހާރުވެސް ދަނީ 'އެޕޯލޯ'ގެ ނަން ދީފައިވާ ހިއުމަނޮއިޑް ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. 'އެޕޯލޯ' ފަރުމާކޮށްފައި ވަނީ މުދާ އުފައްދާ ޕްލާންޓްތަކާއި ގުދަންތަކުގައި މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން މުދާ އުފުލުމާއި، ޕެލެޓް ޖެހުމާއި ސަޕްލައި-ޗެއިން އޮޕަރޭޝަންތަކާ ގުޅިފައިވާ އެހެންވެސް ހުނަރުތައް 'އެޕޯލޯ'އަށް ދަސްކޮށްދެއެވެ. ކުންފުނިތަކަށް ވިޔަފާރި އުސޫލުން ހިއުމަނޮއިޑް ރޮބޮޓް ފޯރުކޮށްދިނުމަށް އެޕްޓްރޯނިކުން އަމާޒު ހިފާފައި ވާ އިރު، 2025 ވަނަ އަހަރު އެ މަޝްރޫޢުގައި ޙަޤީޤީ ކުލަ ޖެހޭނެ ކަމަށް ބެލެވެއެވެ.

އެޕްޓްރޮނިކްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ، ނިކް ޕޭން ބުނި ގޮތުގައި، އެޕޯލޯގެ އިންސާނީ އެކުވެރިންނަށް ވުރެ އިތުރު ފައިދާތަކެއް އެ ރޮބޮޓަށް ލިބިފައިވެއެވެ. ޚާއްސަކޮށް އާރާއި ބުންވަރު ލިބިފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.

ބައެއް ރޮބޮޓްތަކަކީ މިހާރުވެސް ވަޒީފާ އަދާ ކުރަމުން ދާ ރޮބޮޓްތަކެކެވެ. އެމެޒޯން ކުންފުނިންވެސް މިހާރު ދަނީ ޕައިލެޓް އުސޫލުން، އެ ކުންފުނީގެ ގުދަނުގެ އޮޕަރޭޝަންތަކުގައި ހިއުމަނޮއިޑް ރޮބޮޓެއް ބޭނުން ކުރަމުންނެވެ. 'ޑިޖިޓް'ގެ ނަން ދީފައި ވާ ރޮބޮޓް ފަރުމާ ކޮށްފައި ވަނީ އެޖިލިޓީ ރޮބޮޓިކްސް ކުންފުނިންނެވެ.

އިންޓަރެކްޓް އެނަލިޓިކްސްގެ ވެއަރހައުސް އޮޓޯމޭޝަން އެނަލިސްޓް، ޣޫބެން ސްޣީވެން ބުނާ ގޮތުގައި، މަސައްކަތުގެ މާޙައުލަށް އޮޓޯމޭޝަންގެ އެހީގައި ބަދަލުތައް ގެންނަމުންދާ ދާ ވަރަކަށް، ވަޒީފާތަކުން މީހުން މަދު ކުރުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން އިންސާނުންތަކެއް އަދާ ކުރަމުން ދިޔަ ވަޒީފާތަކެއްގައި، އިންސާނުންގެ ޝަޚްސު އަސްލަކަށް ބަލައިގެން ބަޔަކު އުފައްދާފައި ވާ ރޮބޮޓުން ހަރަކާތްތެރިވާ މަންޒަރު ފެނުމަކީ، ވަކިން ޚާއްޞަކޮށް މަސައްކަތްތެރިންގެ މެދުގައި އާދަޔާ ޚިލާފު ޖަޒުބާތީ ޝުޢޫރުތަކެއް އުފައްދަނިވި ކަމަކަށް ވާނެކަން ޔަޤީނެވެ.

ހަމަ އަސްލުގަވެސް، ރޮބޮޓިކްސްއާ ހެދި މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު އޮވޭ. އެއީ ހަމަ ޙައްޤު ބިރެއް. ރޮބޮޓް އަތެއް ނޫނީ މޯބައިލް ރޮބޮޓެއް ގެންގުޅެންޏާ، ކޮންމެވެސް އެއްކަމެއް އެ ރޮބޮޓެއް ކުރާނީ. ކޮންމެވެސް އެއް ވަޒީފާއެއް ގެއްލޭނީ. ހިތަށް ނާރަފާނެ، މި ރޮބޮޓާ ހެދި އަހަރެންގެ ވަޒީފާ ގެއްލިދާނެއެކޭ. އެކަމަކު، ހިއުމަނޮއިޑް ރޮބޮޓުންނާ ހެދި، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު، ހިތުގަ އުފެދޭނެ. ގުދަންތަކުގަ މަސައްކަތް ކުރަން ޖެހޭ މިންވަރާ ގާތަށްވެސް ގުދަންތަކުގަ މިހާރު މީހުން މަސައްކަތެއް ނުކުރޭ. ގުދަނު މަސައްކަތަށް ނުކުންނަ މީހުން ވަރަށް ނުވެސް ފެނޭ. ކުރިއަށް އޮތް ދެތިން އަހަރު އެމެރިކާގެ ޢުމްރާނީ ތަރައްޤީގެ ބިލް ބޮޑުވެގެން ދާ އިރު، ލޭބަރުންނަށް އޮންނަ ޑިމާންޑް އިތުރުވުން ނޫން ކަމެއް ނުވާނެ.
ޣޫބެން ސްޣީވެން؛ އިންޓަރެކްޓް އެނަލިޓިކްސްގެ ވެއަރހައުސް އޮޓޯމޭޝަން އެނަލިސްޓް

ސިނާޢީ މަސައްކަތުގެ ދާއިރާއަށް ހިއުމަނޮއިޑް ރޮބޮޓުންގެ ބޭނުން އޮތީ ޖެހިފައެވެ. އެމެރިކާގެ ޗޭމްބަރ އޮފް ކޮމަރސްއިން ޢާންމުކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 9.5 މިލިއަން ވަޒީފާގެ ފުރުޞަތު ހުޅުވާލިއިރު، ވަޒީފާ ނެތް މީހުންގެ ތެރެއިން އެ މަޤާމުތަކަށް ޝަރުތު ހަމަވާ މީހުންގެ ޢަދަދަކީ އެންމެ 6.5 މިލިއަނެވެ. އިންސްޓަވަރކްއިން ކުރިއަށް ގެންދިޔަ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، ގުދަންތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގައި އިންތިހާ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް، ގުދަން އޮޕަރޭޓް ކުރާ ފަރާތްތަކުގެ ތެރެއިން 73 ޕަސެންޓް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް