ލިބިވަޑައިގެންފައިވާ ތަނަވަސްކަމާމެދު އިތުރުފުޅު ހެއްދެވުމުން މަގާމަށް ކުފޫހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިސްތިއުފާދެއްވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އެ މަގާމަށް އޭނާގެ ކޮށްކޯފުުޅު ޝަހްބާޒްގެ ނަން ހުށަހަޅުއްވައިފިއެވެ
ޓީވީއިން ވަގުތުން ގެނެސްދެމުންދިޔަ އިސްލާމް އާބާދުގައި ބޭއްވި ޕާކިސްތާން މުސްލިމްލީގް ގެ ބައްދަލުވުމުގައި ނަވާޒް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ގަބޫލް ކުރައްްވާ ކަމަށާއި ނަމަވެސް އެކަމަށް އެއްބަސްވެ ވަޑައި ނުގަންނަވާކަމަށެވެ.
ޝަހްބާޒް ޝަރީފަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު އަދި ނަވާޒް ޝަރީފްގެ ސިޔާސީ ތާއީދު އެންމެ ބޮޑު ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރެވެ.
ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން މިހާރު ހުންނެވި މަގާމުން އިސްތިއުފާދެއްވައި ބައި އިލެކްޝަންގައި ވާދަކުރައްވައި ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ކަށަވަރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
ނަވާޒް ޝަރީފް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ބޮޑުވަޒީރުގެ މަގާމް ފުރުއްވާނީ ޕާޓީގެ ލީޑަރު ޝާހިދު ޚާޣަން އައްބާސީ ކަމަށެވެ.
"ޝަހްބާޒް އިންތިޚާބް ކުރުމަށް ވަގުތުކޮޅެއް ނަގާނެ ، ގާތްގަނޑަކަށް 50 ދުވަސް ...އެހެންވީމަ އިންތިޤާލީ މަރުހަލާއަށް އަޅުގަނޑުގެ ޚިޔާލަކީ ޝާހިދް ޚާޤަން އައްބާސީ ކެނޑިޑޭޓަކަށް ނެގުން"ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އައްބާސީ އެ މަގާމަށް ހޮވުމަށް ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަރަށް އަވަހަށް ގޮވާލައްވާނެއެވެ.