ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 07:43
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ވިއްސާރައިގައި ގެއްލުންވުން
ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ
އޭގެ ތެރޭގައި 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވުމުން ބަދަލުގެ ގޮތުގައި 248،381 ރުފިޔާ ދޭން ވަނީ ނިންމާފައި

މިދިޔަ އަހަރުގެ ފަހު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުންވި 70 ގޭބީސީއަކަށް އެހީވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ނިންމައިފިއެވެ.

އެކަމުގެ މައުލޫމާތު ދިނުމަށް އެންޑީއެމްއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ވިއްސާރައިގައި ގެއްލުންވި 70 ގޭބިސީގެ ގެއްލުމުގެ އަގު، އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށެވެ.

އެހެން ކަމުން އެ ގޭބިސީތަކަށް އެހީގެ ގޮތުގައި 457،242 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެގޮތުން ގެއްލުމުގެ ބަދަލު ދޭން ނިންމީ:

  • 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވުމުން ބަދަލުގެ ގޮތުގައި ދޭ 248،381 ރުފިޔާ
  • 65 ގޭބީސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވުމުން ޖުމްލަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭ 20 ޕަސެންޓަށް އަރާ 208،861.60 ރުފިޔާ

އެއާއެކު، އެ އިދާރާއިން ވަނީ އެދުވަހުގެ ވިއްސާރައިގައި އެ އިދާރާއިން އިޖާބަދިން ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން:

  • ފެންބޮޑުވެގެން ރިޕޯޓު ކުރި ކޯލްތަކުގެ އަދަދަކީ 164
  • ފުރަތަމަ އިޖާބަ ދެވުނުގެތަކުގެ އަދަދަކީ 140
  • ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު މީހުންގެ އަދަދަކީ އަށް ގެއަކުން 42 މީހުންނަށް
  • ވެލިބަސްތާ ޖެހުމަށް 10،100 ގޯނި ދޫކުރެވުނު
  • ފުރަތަމަ އިޖާބަދިނުމުގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން އަދި އިކުއިޕްމެންޓްތަކަށް 179،275 ރުފިޔާ ޚަރަދުކުރެވުނު

އާދިއްތަ ދުވަހު ކުރި ވިއްސާރައިގައި މުޅި މާލެ، ހުޅުލެ އަދި ހުޅުމާލެ ފެންބޮޑުވެ އާންމުންނަށް ގެއްލުންވިއިރު، އެ ދުވަހަކީ ހުޅުލެ އަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ. އެގޮތުން ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ދެވަނައަަށް، މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

- ކޮމެންޓް