ވެރިކަމަށް އެކަށީގެންވާ އެހެން މީހަކު ފެންނާކަށް ނެތް ކަމަށާއި އެހެން ކަމުން އިސްތިއުފާވެސް ނުދެއްވާނެ ކަމަށާއި، މަރެއްވެސް ނުވާނެ ކަމަށް ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެއެވެ.
ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި، އުމުރުން 93 އަހަރުގެ މުގާބޭ، ހޮނިހިރު ދުވަހު، ޒިމްބާބުވޭގެ ޓައުނެއް ކަމަށްވާ ޗިންހޮއީ ގައި އެތައް ހާސް ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދާދި ފަހުން އޭނާ ބެލި ޑޮކްޓަރުންވެސް އެމަނިކުފާނުގެ ކަށިތައް ވަރުގަދަ ކަމުން އެކަމާ ހައިރާން ވެގެން އެވާހަކަ ދެއްކި ކަމަށެވެ.
ޒިމްބާބުވޭ އިނގިރޭސިންގެ އަތްދަށުން 1980 ވަނަ އަހަރު މިނިވަންވި ފަހުން މިވީހާ ދުވަހު ވެރިކަމުގައި ހުންނެވި މުގާބޭގެ ފަހުން ވެރިކަމަށް ގެންނަވަން ގަސްދު ކުރައްވާ ފަރާތެއް ކަނޑައަޅުއްވާފައި ނުވާތީ، މުގާބޭގެ ސަޕޯޓަރުންގެ ތެރޭގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަހަރުގެ މިހާތަނަށްވެސް ތިން ފަހަރެއްގެ މަތިން ބޭސް ކުރެއްވުމަށް މުގާބޭ ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. ސަރުކާރުގެ އޮފިޝަލުން އެ ދަތުރުފުޅުތަކާ ބެހޭ ގޮތުން ބުނަމުންދަނީ އެއީ އާއްމު ޗެކަޕަށް އެ މަނިކުފާނު ވަޑައިގަންނަވަނީ ކަމަށެވެ.
ހޮނިހިރު ދުވަހު ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުގާބޭ ވިދާޅުވީ، އޭނާގެ ހަށި ކޮޅުގެ އެތައް މިތަނަށް ކުދި ކުދި ބަލި ފަހަރުގައި ޖެހުނަސް، އޭނާގެ އެތެރެ ހަށީގެ ގުނަވަންތައް ހުރީ ބަރާބަރަށް ގަދަފަކޮށް ކަމަށެވެ.
އުމުރުފުޅު ވަރަށް މައްޗަށް ގޮސްފައިވުމާއެކު މުގާބޭ އަށް ފަހު ވެރިކަން ކުރާ ޒާނޫ – ޕީ އެފް އިން ލީޑަރޝިޕަށް ގެންނާނެ ފަރާތެއް މުގާބޭގެ ފަރާތްޕުޅުން ސާފުވެފައި ނުވާތީ، ޕާޓީތެރޭގައިވެސް ނުތަނަވަސްކަން ވަނީ އުފެދިފައެވެ. ޕާޓީގެ ސަޕޯޓް ދެ ފެކްޝަނަކަށް ބެހިފައިވާ އިރު އެއްބަޔަކު ބޭނުންވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް ވެރިކަމަށް ގެންނާށެވެ. އަނެއް ބަޔަކު ބޭނުންވަނީ މިހާރުގެ ނައިބު ރައީސް ވެރިކަމަށް ގެންނާށެވެ.
ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާތީ، އެކަން ނިމުމަކަށް ގެނެވޭތޯ، ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އަނބިކަނބަލުން ގްރޭސް، ރައީސް މުގާބޭ ވެރިކަމަށް ގެންނަވަން ބޭނުންފުޅުވާ ފަރާތެއް ހާމަކުރެއްވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ވާހަކަފުޅު ދެއްކެވި ކަމަށް ޚަބަރުތައް ބުނެއެވެ.
މުގާބޭ ވިދާޅުވީ، ޕާޓީގެ ބައެއް ފަރާތްތަކުން އޭނާއަށް ފަހު ވެރިކަމަށް އައުމަށް ބޭނުންވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އޭނާގެ ހުރި ފަދަ ގާބިލް ކަމެއް ހުރި މީހަކު ޕާޓީ ތެރެއިން ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.