މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ބައިނަލް އަޤުވާމީ ނެޓްވޯކަކުން މޮރޮކޯއަށް އެތެރެކުރަން އުޅުނު 362.95 ކިލޯގެ ކޮކެއިން މޮރޮކޯގެ ސަލާމަތީ ޚިދުމަތްތަކުން އަތުލައިގެންފިއެވެ.
މޮރޮކޯގެ އެލް ގުއާގަރަތު ބޯޑަރު ހުރަސްކޮށް އެތެރެކުރަން އުޅުނު މި މަސްތުވާތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މޮރޮކޯގެ ނޭޝަނަލް ޕޮލިސް އާއި ކަސްޓަމްސް ގުޅިގެން އެލް ގުއާގަރަތު ބޯޑަރު ކްރޮސިންގައި ހިންގި އޮޕަރޭޝަންތަކެއްގައި ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
މޮރޮކޯގެ ނޫހެއްކަމުގައިވާ މޮރޮކޯ ވޯލްޑްނިއުސްގައި ބުނެފައިވަނީ މޮރޮކޯއަށް އެތެރެވާން އުޅުނު ކާގޯ ޓްރަކެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ކެބިން އާއި ބޮޑީ ކޮމްޕާޓްމަންޓްތަކުގެ ތެރޭގައި ވަރަށް ފަރުވާތެރިކަމާއެކު ޕެކްކޮށްފައި ފޮރުވާފައި ހުރި ކޮކެއިން ހިމެނޭ 16 ޕާރުސަލް ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އުމުރުން 40 އަހަރުގެ ޑްރައިވަރާއި 41 އަހަރުގެ އެސިސްޓެންޓްވަނީ ހައްޔަރުކޮށްފައެވެ. މިދެމީހުންނަކީ ވެސް މޮރޮކޯގެ ދެ ރައްޔިތުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މޮރޮކޯ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އޮފިޝަލުން ވަނީ އެކަމުގެ ޒިންމާ އުފުލަންޖެހޭ މުޅި ޓްރެފިކިން ނެޓްވޯކް ނައްތާލުމަށް ޓަކައި ލޯކަލް އަދި ބައިނަލްއަގްވާމީ ގުޅުންތައް ފުރިހަމައަށް ތަހުގީގުކޮށް، އެކަން ކުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ.
2022-2026 ވަނަ އަހަރުގެ ނޭޝަނަލް އެންޓި-ކްރައިމް ބްލޫޕްރިންޓްގައި އިސްކަން ދެނީ އިންސާނީ ހައްގުތަކުގެ ޕްރޮޓޮކޯލްތަކަށް އިހުތިރާމްކުރާ ފޮރެންސިކް ގާބިލްކަން އަޕްޑޭޓްކޮށް ތަހުގީގީ މެކޭނިޒަމްތައް މެދުވެރިކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯސްތައް ހަރުދަނާ ކުރުމަށެވެ. ސިންތެޓިކް ޑްރަގް އުފެއްދުން ހުއްޓުވުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އެކުލަވާލި ހަރުދަނާ ޕްލޭންގެ ސަބަބުން ހަޝިޝް އާއި ކޮކެއިން ދައުރުވުން މިހާރުވެސް މަދުވެފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ޢާއްމުކުރާ ރިޕޯޓްތައް ބުނެއެވެ.
މަސްތުވާތަކެތީގެ 99،513 ތުހުމަތެއްގައި މިދިޔަ އަހަރު 130،000 އަށް ވުރެ ގިނަ މީހުން މޮރޮކޯއިން ހައްޔަރު ކުރިކަމަށް މޮރޮކޯވޯލްޑްނިއުސްގައި ބުނެފައިވެއެވެ.
އޮފިޝަލުން ބުނަނީ 360 ކިލޯއަށް ވުރެ ގިނަ ކޮކެއިން އަތުލައިގަތުމަކީ ފުލުހުންނާއި ސަވައިލަންސް އަދި ކަސްޓަމްސްގެ އިދާރާތަކުގެ ޖޮއިންޓް ޓާސްކްފޯސް ގުޅިގެން ބޯޑަރު ބެލެހެއްޓުމުގެ ކަންކަން ރަނގަޅުވެފައިވާ ކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އެލް ގުއާގުއާރަތު ރޫޓަކީ އުތުރު އެފްރިކާ ޔޫރަޕްގެ ފައިދާހުރި މާކެޓްތަކާ ގުޅުވައިދޭ މަގެއް ކަމަށާއި ދެކުނު އެމެރިކާގެ ކާޓެލްތަކާއި އެފްރިކާގެ މެދުވެރިފަރާތްތަކަށް ވަރަށް މުހިންމު ޗެނަލަކަށް ވެފައިވާ ކަމަށް ސަރަހައްދީ މަސްތުވާތަކެތީގެ ތަޖުރިބާކާރުން ބުނެއެވެ. ހޯމަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައި މޮރޮކޯ-އެފްރިކާ ކޮރިޑޯގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.