ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗް.އެލް.އޭ ޓެސްޓް ހެދުމަށް ފެބްރުއަރީ މަހު ޚާއްސަ ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އެޗް.އެލް.އޭ ޓެސްޓު ހަދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އެކަން ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާދޭނެ ކަމަށެވެ. އެގޮތުން ބޭރުގެ ޓީމެއްގެ އެހީއާ އެކު އެކަމަށް ބޭނުންވާ ސެޓްއަޕް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ކޭމްޕްގައި އެޗް.އެލް.އޭ ހަދަން ނަގާ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ ހޯމަ ދުވަހު ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުއްޖަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ބޯންމެރޯ ހެދުމަށް އިތުރު ކުދިން އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗް.އެލް.އޭ ޓެސްޓް ހަދާފައިވާ ކުދިންގެ ފައިނަލް އެސްސްމަންޓް ހެދުމަށް ރާއްޖެއިން ބޭރުގެ ފަންނީ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެސެސްމެންޓް ހެދުމަށް ފަހު ފަރުވާ އަށް ފޮނުވާނެ ކުދިން ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.