ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 16:07
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު އިމާރަތް
ކްރިމިނަލް ކޯޓުން މި ފެންނަނީ ހަމަ ޖުޑީޝަރީގެ ހައިބަތާއި ޤަދަރުތަ؟
 
ކޯޓު ރިސެސްއަށް ނުގޮސް 24 ގަޑިއިރު މަސައްކަތް ކުރަން ބެލިޔަސް މަސައްކަތް ކުރާނެ ޖާގައެއް ނެތް
 
އާދިއްތަ ދުވަހުވެސް ކޯޓުގައި ތާވަލުކޮށްފައިވާ ހުރިހާ މައްސަލައެއް ކެންސަލް ކުރަން ޖެހިފައިވޭ
 
ދޭތެރެ ދޭތެރެއިން ކޯޓުގެ ކޮންމެވެސް ތަނބެއް ނުވަތަ ތަނބަކުން ބައެއް ވެއްޓޭ

2023 ވަނަ އަހަރުގެ އޯގަސްޓު މަހު ހައިކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުމެއް ފާހަގަކޮށްލާނަމެވެ. ހައިކޯޓަށް ހުށައެޅުނު އިސްތިއުނާފީ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ދަތިކަމާއި އިތުރު ސަބަބުތަކަށް ބަލައި ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލަން ނިންމީ ރަނގަޅަށް ނޫންކަމަށް ބުނެ ދައުލަތުން ހުށަހެޅި މައްސަލައެކެވެ.

ކޮންމެއަކަސް، އޭނާ ބަންދު ނުކުރީ ރަނގަޅަށް ނޫންކަމަށްވެދާނެއެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ދެއްކެވި ވާހަކަފުޅު ނިކަން ރަނގަޅެވެ.

ފަނޑިޔާރުވެސް ވިދާޅުވީ ޤާނޫނުގައި ބުނަނީ އަވަހަށް ޝަރީއަތް ކުރަންކަމަށެވެ. ވީއިރު، ކްރިމިނަލް ކޯޓުގެ ޙާލަތުގެ ސަބަބުން ޑިއުޓީ ބަހައިގެން ޝަރީއަތްތައް ކުރިއަށްގެންދަން ޖެހިފައިވުމަކީ ފުރަތަމަ ޙައްލު ގެންނަންޖެހޭ މައްސަލައެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ޙާލަތަކީ ދައުލަތުގެ އެހެނިހެން އިދާރާތަކަށްވެސް އޮޅިފައިވާނެކަމެއްނޫންކަން ފާހަގަ ކުރައްވައި ފަނޑިޔާރު އެ ދުވަހު ވިދާޅުވީ، އަވަހަށް ޝަރީއަތް ހިންގަންޖެހޭކަމުގެ ވާހަކަ ދައްކަވާއިރު، ފުރަތަމަ ޝަރީއަތް ކުރާނެ ތަނެއްވެސް ދައްކަން ޖެހޭކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ޝަރީއަތް ކުރާ މާލަމެއް - ރާއްޖެއެމްވީ

އޭގެ އިތުރުން، ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެކަމަށް ދެކިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ނިޔާޒު ވަނީ، ބަންދުގައި މީހުން ބައިތިއްބަންޖެހޭކަމަށް ދައުލަތުން ބުނި ނަމަވެސް، އެމީހުންގެ ޝަރީއަތް ހިންގޭނެ ގޮތް ދެއްކުމަކީވެސް ދައުލަތުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ކޯޓުތައްވެސް އިމާރަތް ކުރައްވަންވީ ފަނޑިޔާރުންތޯ ސުވާލު ކުރައްވާފައެވެ.

ހަގީގަތުގައި މިއީ ބޮޑު މައްސަލައެކެވެ. ޖުޑީޝަރީ އިސްލާހުކުރާ ވާހަކައާއި، ޝަރުއީ ދާއިރާގެ މައްސަލަތައް އަވަސްކުރާ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ހައްލު ކުރަންޖެހޭ މައްސަލައަކީ މިއީ ނޫންތޯއެވެ؟

ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން 2023 ވަނަ އަހަރުގެ މެދެތެރޭގައި ވެސް އަދި ޑިސެމްބަރު މަހު ވެސް ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން އޮތީ ނިންމާފައެވެ. ސަބަބަކީ މައްސަލަތައް ފުނިޖެހިފައި ހުރުމުގެ ސަބަބުންނެވެ.

ދެން ސުވާލަކީ ވަކި ރިސެސްއަށް ނުގޮސް ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދެވޭބާއެވެ؟ ކަން ހިނގަނީ އަދި މުޅިން އެހެނެއްވެސް ނޫނެވެ.

ކޯޓުގެ އިމާރާތް ބާވުމުގެ ސަބަބުން ވާރޭ ވެހިއްޖެނަމަ ފަނޑިޔާރުން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ޝަރީއަތްކުރާ ކޮޓަރިކޮޅުތަކުގައި ފުޅިތަކާއި ބާލިދީތަކާއި، ދެންވެސް ހުރި އެއްޗެއް ބަހައްޓަވައިގެން ފެން ހިންދޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ކޯޓުގެ ކޮންމެވެސް ތަނބެއް ނުވަތަ ތަނބަކުން ބައެއް ވެއްޓޭ ވާހަކައަކީވެސް ކޯޓުގެ މުވައްޒަފުންނަށް އައު ވާހަކައެއް ނޫނެވެ. 2023 ގައިވެސް އެފަދަ ބައެއް ޙާދިސާތައް ހިނގާފައިވާއިރު، ކޯޓުގެ އެޑްމިނިސްޓްރޭޓަރ ރޫމްގައި ހުރި ތަނބެއްގެ ބައެއް ވެއްޓިފައިވެއެވެ.

އިމާރަތް ބާވުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓުން

އާދިއްތަ ދުވަހުވެސް ކޯޓުގައި ތާވަލުކޮށްފައިވާ ހުރިހާ މައްސަލައެއް ކެންސަލް ކުރަން ޖެހިފައިވާއިރު، މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދަނީ ރައްކާތެރި މާހައުލެއްގައެކޭ ނުދެންނެވޭނެއެވެ. އެގޮތުން ކޯޓު އިމާރަތް ބާވުމާއި، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާއި ގުޅިގެން ބައެއް މަރާމާތުތައްވެސް ކުރަން ޖެހިފައިވާއިރު، އޭސީތަކާއި ސާވަރ ރޫމްތަކަށް ފެން ވަނުމުގެ ސަބަބުން މުވައްޒަފުންވެސް މަސައްކަތް ކުރަން ޖެހިފައިވަނީ ނުރައްކާތެރި މާހައުލެއްގައެވެ.

ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވަރ ރޫމަށް ގެއްލުންތަކެއް ވަނީ ލިބިފައި - ރާއްޖެއެމްވީ

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށްވެއެވެ.

ނަމަވެސް އެ މަސައްކަތް އިބިލީހުގެ ކައިވެންޏެކޭ ތަފާތެއް ނެތެވެ. ކޮންމެ އަހަރެއް ނިމިގެންދަނީ އެ މަސައްކަތް ކުރަމުންދާކަމުގެ ވާހަކައާއެކުގައެވެ. އިއްޔެވެސް މިއަދުވެސް ވާރޭ ވެހިއްޖެނަމަ ގާޒީންނާއި މުވައްޒަފުންގެ މުޅި ދުވަހުގެ މަސައްކަތް ހުއްޓުމަކަށް އާދެއެވެ.

އިތުބާރު ހުރި މަސްދަރަކުން ކިޔާދީފައިވާ ގޮތުގައި އެންމެ ފަހުން އާދިއްތަ ދުވަހުވެސް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ގާޒީ ކައުންޓަރުގައި އިންނަވައިގެންނެވެ. މިއީ ޝަރުއީ ދާއިރާގެ މިއަދުގެ ޙާލަތެވެ. ޖިނާއީ ކޯޓު މިއަދު މަސައްކަތް ކުރަން ޖެހިފައި އޮތް ޙާލަތެވެ.

ދެން ސުވާލަކީ މިކަމުގައި ޒިންމާނަގަން ޖެހެނީ ކޮން އިދާރާއަކުންތޯޢެވެ؟ ކޯޓު ރިސެސްއަށް ނުގޮސް 24 ގަޑިއިރު މަސައްކަތް ކުރަން ބެލިޔަސް މަސައްކަތް ކުރާނެ ޖާގައެއް ނެތެވެ. ކުރެވޭނެ މާހައުލެއް ނެތެވެ.

ފަނޑިޔާރު ނިޔާޒު އެ ވިދާޅުވި ގޮތަށް، ކޯޓު އިމާރަތް ކުރަންވެސް ފަނޑިޔާރުން ނުކުންނަވަންވީތޯއެވެ؟  

އޯޑިއޯ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންގޮސް، ޝަރުއީ ދާއިރާވެސް ޑިޖިޓަލައިޒް ކުރާ ވާހަކަދައްކާއިރު، އަނެއްކޮޅުން ރާއްޖޭގެ އެންމެ ހަލަބޮލި އެއް ކޯޓުގެ ޙާލަތަކީ މިއަދު މިއީއެވެ. މިއީ ހަމަ ގައިމުވެސް ޝަރުއީ ދާއިރާގެ ޤަދަރާއި ހައިބަތަށްވެސް އުނިކަން އަންނާނެ ކަމެއްކަން ޔަގީނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް