އެމެރިކާގެ އަސްކަރިއްޔާއިން ރަތް ކަނޑުގައި ތިބި ޙޫޘީންގެ ތިން ބޯޓަކަށް ހަމަލާދީ 10 ހަނގުރާމަވެރިން މަރާލައިފިއެވެ.
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ބުނަނީ ރަތް ކަނޑުގައި ތިބި އެމެރިކާ ސިފައިން އެ މީހުންގެ ތިން އުޅަނދަކަށް ހަމަލާދިނުމުގެ ސަބަބުން 10 ހަނގުރާމަވެރިން ގެއްލިފައިވާ ކަމަށެވެ.
ހޫޘީ ގްރޫޕުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުތަކުން މަސައްކަތް ކުރަމުން ދަނީ "ރަތްކަނޑުގައި ސަލާމަތާއި ހަމަޖެހުން ގާއިމުކޮށް މެރިޓައިމް ނެވިގޭޝަން ހިމާޔަތް ކުރުމުގެ މަގްސަދުގައި" ކަމަށެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނި އެ ބޯޓުތަކުން އެމީހުންގެ އިންސާނީ އަދި އަޚްލާގީ ވާޖިބު އަދާކުރަމުން އަންނަ ކަމަށާއި، އެގޮތުން އިސްރާއީލުގެ އުޅަނދުތައް ނުވަތަ ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ރަތް ކަނޑުން ދަތުރުކުރުން ހުއްޓުވަމުން ދާނެކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން އާދީއްތަ ދުވަހު ބުނެފައިވަނީ ހޫޘީން ހަނގުރާމަވެރިންގެ ނުރައްކާތަކާ ދެކޮޅަށް ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރަތް ކަނޑުގެ ކޮންޓެއިނަރ ބޯޓަކަށް ހަމަލާދެމުން ދިޔަ ތިން ބޯޓެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ސިންގަޕޫރުގެ ދިދަ ޖަހާފައިވާ އުޅަނދު "މާރްސްކް ހަންގްޒޫ" ގެ އެސްއޯއެސް ކޯލަށް އިޖާބަ ދެމުން އެމެރިކާގެ ދެ ހަނގުރާމަމަތީ އުޅަނދު ކަމަށްވާ ޔޫއެސްއެސް އައިޒަންހަވާ އާއި ޔޫއެސްއެސް ގްރޭވްލީގެ ހެލިކޮޕްޓަރުތައް އަމިއްލަ ދިފާއުގައި "އީރާނަށް ތާއީދުކުރާ ހޫޘީ ކުދި ބޯޓުތަކަށް" އާދީއްތަ ދުވަހުގެ ހެނދުނު ބަޑި ޖަހާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ތިން ބޯޓެއް އެމެރިކާގެ ހެލިކޮޕްޓަރުންދިން ހަމަލާތަކުގެ ސަބަބުން އަޑިއަށް ގޮސް، އެ ބޯޓުގެ ފަޅުވެރިންތަކެއް މަރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދި ހަތަރު ވަނަ ބޯޓެއް ފިލައިފައިވާ ކަމަށް އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.
ސެންޓްކޮމް އިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރްސްކް ހަންގްޒޫ ޑިސްޓްރެސް ކޯލް ނެރެފައި ވަނީ ހޫޘީން ބޯޓުތަކުން އެ ބޯޓަށް 20 މީޓަރު (65 ފޫޓު) ކައިރިއަށް ގޮސް، ބޯޓަށް އެރުމަށް ވެސް މަސައްކަތް ކުރުމުން ކަމަށެވެ.
މިއީ 24 ގަޑިއިރު ތެރޭ ޙޫޘީން މާރްސްކް ހަންގްޒޫއަށް ދިން ކަމަށް ތުހުމަތު ކުރެވޭ ދެވަނަ ހަމަލާއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސެންޓްކޮމް އިން ބުނީ މާރްސްކް ހަންގްޒޫއަށް ވަކި ވަކިން ދިން މިސައިލް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލާފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އެ އުޅަނދު ހިންގާ ދުނިޔޭގެ ޝިޕިން ކުންފުނި މާރްސްކް އިން ބުނީ ރަތް ކަނޑުގައި ދަތުރުކުރާ އެކުންފުނީގެ ބޯޓުތަކުގެ ދަތުރުތައް 48 ގަޑިއިރަށް މެދުކަނޑާލާކަމަށާއި، އެއީ އެ ސަރަހައްދުގެ ވިޔަފާރި އުޅަނދުތަކަށް ކުރިމަތިވަމުންދާ ނުރައްކަލުގެ ސަބަބުން ކަމަށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޔަމަނުގެ އީރާނާ ގުޅިފައިވާ ޙޫޘީން ތަކުރާރުކޮށް ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅުން ހުރި ކަމަށް ގަބޫލުކުރާ އުޅަނދުތަކަށް އަމާޒުކޮށް، މާސްކް ފަދަ ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކަށް ކަނޑުމަގު ދޫކޮށްލަން މަޖުބޫރުކުރެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަންދެން ޙޫޘީން ވަނީ ހަމަލާތައް ދެމުން ގެންދާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެމެރިކާއިން ވަނީ ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ދަތުރުކުރާ ކަނޑުގެ ސަރަހައްދުގައި ޝިޕިންގ ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ނޭވަލް ޓާސްކްފޯހެއްވެސް އިއުލާނުކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާއިން އެ ކޯލިޝަނަށް ތާއީދުކުރަން އެއްބަސްވެފައިވާ ކަމަށް ބުނާ 20 ގައުމުގެ ތެރެއިން ސީދާ ހަނގުރާމަމަތީ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހަމައެކަނި އިނގިރޭސިވިލާތުން ކަމަށާއި، ޙޫޘީންނާ ދެކޮޅަށް ވޮޝިންޓަނުން ހަރުދަނާ ގޮތެއްގައި "އެކަނި ފިޔަވަޅު އެޅުމަށް" ވޮޝިންޓަން ދޫކޮށްލާފައިވާ ކަމަށް ރަތް ކަނޑުގެ އައްސޭރީގައި ވާ ޖިބޫޓީއިން އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.
އަދި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން އޮތުމުން އެ މަގަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބުނު ކަމަށް ފުރަތަމަ ފެނުނު ނަމަވެސް، ދަތުރުކުރާ އުޅަނދުފަހަރަށް ޙޫޘީން ދިން ހަމަލާތައް ހުއްޓައެއް ނުލަ އެވެ.
އެމެރިކާގެ ވައިސް އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، އެ ޖަމާއަތުން އުޅަނދުފަހަރަށް އަމާޒުކޮށް އެންޓި ޝިޕް ބެލިސްޓިކް މިސައިލްތައް ބޭނުންކުރަމުން އަންނަ ކަމަށާއި ޙޫޘީންގެ ފަރުވާކުޑަ ހަމަލާތައް ދެމިއޮންނާނެ ކަމަށް އެމެރިކާއިން ވަރަށް ސާފުކޮށް ދެކޭ ކަމަށެވެ.
އަލްޖަޒީރާގެ ނޫސްވެރިން ބުނީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް މިހާތަނަށް ޙޫޘީން ހުއްޓުވަން ނުކުޅެދިފައިވާކަން ސާފުވާ ކަމަށާއި އެ ޖަމާއަތުން ހަމަލާތައް ދެމުން ދަނީ އެއަށްވުރެ ވެސް ގިނައިން ކަމަށެވެ.
އަލްޖަޒިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ފަހުން ހިނގި ހަމަނުޖެހުންތަކަކީ އެމެރިކާއިން ޙޫޘީންގެ ބޯޓުތައް އަޑިއަށް ދުއްވާލުމުގެ އިތުރުން ހޫތީ ހަނގުރާމަވެރިން މަރާލުމުން ވަރަށް ހިނގި ހަމަނުޖެހުމެއް ކަމަށެވެ. އަދި މިފަދަ ކުރިމަތިލުންތަކުގެ ސަބަބުން ޔަމަނުގެ ރައްޔިތުންގެ މެދުގައި "ބޮޑު ބިރުވެރިކަމެއް" އުފެދިފައިވާ ކަމަށާއި، އެމީހުންގެ ސަރަހައްދަށް ހަމަނުޖެހުން ތައް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޖަޒީރާއިން ބުނެއެވެ.
ރަތް ކަނޑުގައި ހަމަނުޖެހުން އުފެދިފައި މިވަނީ ތިން މަސް ދުވަހުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި 8،800 ކުޑަކުދިންނާއެކު ފަލަސްތީނުގެ 21،822 މީހުން ޝަހީދުވެފައިވާ ޣައްޒާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ރުޅިވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ސަރަހައްދަށް ބޯޑަރު ހުރަސްކޮށް ދިން ކުއްލި ހަމަލާތަކެއްގެ ސަބަބުންނެވެ. އެ ހަމަލާތަކުގައި ގާތްގަނޑަކަށް 1،140 މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އިޒްރޭލުން ބުނެއެވެ.
ހަނގުރާމައިގެ ތެރޭގައި އިސްރާއީލަށް ވަރުގަދަ އަސްކަރީ އަދި ޑިޕްލޮމެޓިކް ތާއީދު ދެމުން އަންނަ އެމެރިކާއިން ވަނީ ހަނގުރާމަ ފެށުނު ފަހުން ސީރިއާ އާއި އިރާގުގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން 100 އަށް ވުރެ ގިނަ ހަމަލާތައް ދީފައެވެ.
ޔަމަނުގެ ހޫޘީން ދެން އަމާޒުކުރާނީ އިންޓަނެޓް ނެޓްވޯކްތަކަށް ބާރުދޭ ބާބް އަލް މަންޑެބް ކަނޑުއޮޅިގެ ދަށުގައި ހިނގަމުންދާ މުހިންމު ސަބްމެރިން ކޮމިއުނިކޭޝަން ކޭބަލްތަކަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޔަމަނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ނެޓްވޯކްތައް ހިމާޔަތްކުރުމަށް ޔަމަނުގެ ޚާރިޖީ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިސްރާއީލުގެ ދުޝްމަނުންގެ އުޅަނދުތައް ދަތުރުކުރުން ހުއްޓުވުމަށް ޔަމަނުން ނިންމި ނިންމުމަކީ މެރިން ކޭބަލްގެ މަސައްކަތްތައް ކުރުމަށް މެރިޓައިމް އެފެއާޒް - ސަނާ އިން ލައިސަންސް ދީފައިވާ ބައިނަލްއަގުވާމީ ކުންފުނިތަކުގެ އުޅަނދުތަކާ ގުޅޭ ކަމެއް ނޫން،" އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް "ސަބްމެރިން ކޭބަލްގެ މަސައްކަތްތައް ކުރާ" އުޅަނދުތަކުން "ބޭނުންވާ ހުއްދަތަކާއި އެޕްރޫވަލްތައް ހޯދަން ޖެހޭ" ކަމަށް އެ ބަޔާނުގައި ވެއެވެ.