ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 23:59
ވާރޭވެހި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ވެފައި
ވާރޭވެހި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ވެފައި
ރާއްޖެއެމްވީ
ވިއްސާރަވެ ގެއްލުންވުން
މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި
ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުންނަށް 3 ދުވަހުގެ އެހީ ވަނީ ދީފައި
ގެތަކުގެ އެސެސްމަންޓް ހަދާ ސަރުކާރުން އެހީދޭން
ފެންބޮޑުވުމާއި ގުޅިގެން ހިފާ ގެންގުޅޭ ތަކެއްޗަށާއި، ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗަށް ގެއްލުން ލިބުނު

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ގެއްލުންވެ 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ މާލެއަށް ރޭގެ މެންދަމުން ފެށިގެން ވެހެމުން އައި ވާރޭގައި އާދީއްތަ ދުވަހުގެ މެންދުރާ ހަމައަށް 140 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ގެތަކަށް ފެންވަނުމާއި، ބިމު އަޑިން ފެން އެރުމާއި، ފެން ލީކުވެފައި ހުރި ކަމަށެވެ.

ހިސާން ވިދާޅުވީ 140 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓްކުރެވުނު ކަމަށާއި، ބައެއް ގެތަކުގައި ދިރިއުޅެމުން ދިޔަ ފަރާތްތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓާއި ފުލުހުންނާއި ސިފައިން އަދި އެޗްޕީއޭއާއި ސިޓީ ކައުންސިލް ގުޅިގެން ކޯޑިނޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އިރުއޮއްސުމާ ހަމައަށް ގެތަކުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، 12 ގެއަކުން 63 މީހަކު އެހެން ރައްކާތެރި ތަންތަންނަށް ބަދަލުކުރަން ޖެހުނުކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް 140 ގޭގެ ރެޕިޑް އެސެސްމަންޓް ހަދާ ބަދަލުކުރަންޖެހޭ މީހުންގެ އަދަދު ޔަގީންކުރެވިފައިވާ ކަމަށާއި، އެއީ 11 ގެއަކުން 54 މީހުން ކަމަށެވެ.

28 ކޮޓަރި ހޯދާ ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އެމްޓީސީސީގެ ދެ ބަސް ބޭނުންކޮށްގެން ދެ ޓީމަކަށް ބަހާލައިގެން މީހުން މި ގެންދަނީ. މި ގެތަކުގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. 3 ދުވަހުގެ މުއްދަތަށް ކެއުމާއި ހުރުން އެންޑީއެމްއޭއިން ހަމަޖައްސާފައިވާނެ. ހާލަތަށް ބަލާފައި އެހީތައް އިތުރުކުރަމުންދާނަން. މި ރެޕިޑް އެސެސްމަންޓަށް ބަލާފައި ކުރިއަށް 1 ނޫނީ 2 ދުވަހެއްގެ ތެރޭގައި ޑީޓޭއިލް އެސެސްމަންޓް ހަދާނަން.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން

ހިސާން ވިދާޅުވީ ކުރިއަށް އޮތް ހަ ދުވަހު ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވާ ކަމަށާއި، ވިއްސާރަ އަލިވިހާ އަވަހަށް ތަންތަނަށް ގޮސް ހިފާ ގެންގުޅޭ ތަކެތި އަދި ސްޓަރކްޗަރއަށް ލިބިފައިވާ ގެންލުން ބަލާފައި ސަރުކާރުން އެހީ ފޯރުކޯށްދޭނެކަމަށެވެ.

ހިސާން ވިދާޅުވީ ފެންބޮޑުވުމާއި ގުޅިގެން ހިފާ ގެންގުޅޭ ތަކެއްޗަށާއި، ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށެވެ. ލޮޖިސްޓިކަލީ ހުރި ދަތިތަކަށް ބަލާއިރު، އެ ފަރާތްތަކުގެ މައުލޫމާތު ހޯދަން އުނދަގޫވި ކަމަށާއި، ނަމަވެސް އެކަންކަމުން އަރައިގަނެ އެކަންކަން ކުރަމުން ދަނީ ރެސްޕޯންޑިންގ އެޖެންސީ އަދި އިދާރާތަކާއެކު ކަމަށް ހިސާން ވިދާޅުވިއެވެ.

ވަގުތީ ހިޔާތަކަށް ބަދަލުކުރި ފަރާތްތަކަށް މާލީ ގޮތުން ކެއުމުގެ ކަންކަން ހަމަޖައްސާފައިވާ އިރު ޒަރޫރީ ބޭނުންތައް ހަމަޖެއްސުމުގެ ކަންކަން ކުރަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން ޕާރުސަލް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށާއި، ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކާއި، ޑޮކްޓަރަށް ދައްކަންޖެހޭ ފަރާތްތައް ދެއްކުމުގެ ކަންކަން ކުރިއަށް ގެންގޮސް އެކަން ވިލަރެސް ކުރަމުން ދާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

- ކޮމެންޓް