ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 07:12
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން
މިހާރު
ކުލަބު ވެލެންސިއާ
ލިޔުން ފޯޖު ކުރި މައްސަލައިގައި ވެލެންސިއާ އިން ޕޮލިހަށް
އެ ސިޓީގައި ބުނެފައި ވަނީ، ވެލެންސިއާ އިން އެންޑޯސްމަންޓް ދީފައި ވަނީ ޓޮމް އަށް ކަމަށް

ކުލަބު ވެލެންސިއާގެ ތާއީދު އޮތް ކަމަށް ބުނެ، ފުޓުބޯޅަ އެސޯސިއޭޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުވާފިޒް ހާޝިމް (މުފާ) ހުށަހަޅާފައިވާ ސިޓީ އަކީ، ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށް ބުނެ، ވެލެންސިއާ އިން އެ މައްސަލަ ދިވެހި ފުލުހުން އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހަޅަން ނިންމައިފި އެވެ.

އަންނަ މަހު އޮންނަ އިންތިޚާބުގައި ވާދަކުރުމަށް މުފާ ފޯމު ހުށަހެޅިއިރު، އޭނާ އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. ނަމަވެސް ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު، އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) އަށް ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގައި ވެލެންސިއާ އިން ވަނީ އާދީއްތަ ދުވަހު އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ކުލަބުގެ އައު ޗެއާމަން ޢަބްދުﷲ އަޒްމީން ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ބައެއް މީޑިއާތަކުގައި ވެލެންސިއާގެ ތާއީދު މުފާ އަށް އޮތް ކަމަށް ބުނެފައިވާތީ، އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އެ ސިޓީގައި އަޒްމީން ވިދާޅުވެފައި ވަނީ، ވެލެންސިއާ އިން އެންޑޯސްމަންޓް ދީފައި ވަނީ ޓޮމް އަށް ކަމަށާއި ވެލެންސިއާގެ ފުރިހަމަ ތާއީދު އޮތީ ވެސް ޓޯމް އަށް ކަމަށެވެ.

މީގެ އިތުރުން ކުލަބު ވެލެންސިއާގެ ޗެއާމަންގެ ގޮތުގައި ސްޕޯޓްސް ކޮމިޝަނަރުން އަޒްމީން ޤަބޫލުކޮށްފައިވާ ކަމަށާއި، އެހެންކަމުން އެހެން ފަރާތެއްގެ ނަމުގައިވާ ސިޓީއެއް ނުވަތަ ލިޔުމަކީ އެއްވެސް ޞައްޙަ ލިޔުމެއް ނޫން ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން، ވެލެންސިއާގެ ނަމުގައި ދޮގު ލިޔުމެއް ބޭނުންކޮށްފައިވާ މައްސަލަ ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ފުލުހުންނަށް ވެސް އެ ކުލަބުން ހުށަހަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިތުރަށް އެ ސިޓީގައި ބުނެފައި ވަނީ، އެ ސިޓީއާއެކު ވެލެންސިއާގެ ތާއީދު އޮތީ ކޮން ފަރާތަކަށްކަން ސާފުވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް