ސައޫދީ ޕްރޯ ލީގުގައި އަލް ތަޢާވޫނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ތަޢާވޫން އިންނެވެ. ނަމަވެސް އަލް ނަސްރުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އަލް ތަޢާވޫން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޝްރަފް އަލް މަހުދީ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުން ވަނީ ދެ ލަނޑު ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މާސެލޯ ބްރޮޒޮވިޗް އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އައިމެރިކް ލަޕޯޓް އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖެހީ އޮޓާވިއޯ އެވެ. އެ ޓީމުގެ ފަހު ލަނޑު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. މިއީ މި ސީޒަންގައި އޭނާ އަލް ނަސްރަށް ޖަހައިދިން 30 ވަނަ ލަނޑެވެ. އޭގެ ތެރެއިން 20 ލަނޑަކީ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު ޖަހާފައިވާ ލަނޑެވެ. އަނެއްކޮޅުން، މިއަހަރުގެ ތެރޭގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 54 އަށް އަރައިފަ އެވެ. އަހަރު ނިމޭއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ވެސް އޭނާ އެވެ.
މޮޅާއެކު އަލް ނަސްރު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 19 މެޗުން 46 ޕޮއިންޓު ހޯދައިގެންނެވެ. އަލް ނަސްރާ، އެއް ވަނައިގައި އޮތް އަލް ހިލާލާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.