ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 14:02
އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލު ރޯކޮށްލުން
އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލު ރޯކޮށްލުން
ދައުރު
އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލު
އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލު ރޯކޮށްލި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފި
ސައިކަލު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި
މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވޭ

ރ އިނގުރައިދޫ އިސް މެޖިސްޓްރޭޓު މުޙައްމަދު ރަޝާދުގެ ސައިކަލު ރޯކޮށްލި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އިނގުރައިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުޙައްމަދު ރަޝާދުގެ ސައިކަލު 28 ޑިސެމްބަރު 2023 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 2:30 ހާއިރު ރޯކޮށްލާފައިވާކަމަށެވެ.

އޭގެ ސަބަބުން ސައިކަލު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، މި އަމަލު ފަނޑިޔާރުންގެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްެވެރިކުރާކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް މި މައްސަލަ ބަލައި ތަހުގީގުކޮށް، މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، އަމިއްލަ ފަރުދެއްނަމަވެސް، ނުވަތަ ދައުލަތުގެ ކަމެއް ހިންގުމަށް ޙަވާލުވެ ހުރި މީހެއްނަމަވެސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށްވެސް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

އަދި ފަނޑިޔާރުންނާމެދު އާންމު ވިސްނުން ހުރި ގޮތާއި، ފަނޑިޔާރަކު އާންމުކޮށް ބަލަމުންދާ މައްސަލަތަކުގެ ސަބަބުން ނުވަތަ ބަލަމުންދާ ވަކި މައްސަލައަކާ ގުޅޭގޮތުން ނުރައްކާތެރިކަމަށް އޭނާ ހުށަހެޅިދާނެ ނިސްބަތަށާއި، އާންމު މަސްލަޙަތު ޤައުމުގައި އޮތް މިންވަރަށް ބަލައި ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެކަމަށްވެސް ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންތިޒާމު ކުރަންޖެހޭ ކަންކަން އެގޮތުގެ މަތިން އިންތިޒާމު ކުރެވިފައިވޭތޯ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށް ގޮވާލާފައެވެ.

އަދި މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް