ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 19:17
އެފްޑީސީން ތަރައްގީކުރަމުންދާ ފްލެޓްތައް ނޫސްވެރިންނަށް ދައްކާލަނީ
އެފްޑީސީން ތަރައްގީކުރަމުންދާ ފްލެޓްތައް ނޫސްވެރިންނަށް ދައްކާލަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޑެޓް
އެފްޑީސީން ތަރައްގީކުރާ ފްލެޓުތަކުގެ މަސައްކަތް
އެފްޑީސީން 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތް ނިންމައިފި
 
ފެންވަރު ރަނގަޅު ފްލެޓްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން
 
އަމާން އުދަރެސް ޓަވަރު 11، 12 އަދި 13ގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދޭ
 
މި 11 ޓަވަރުގައި މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 32 ޓަވަރުގެ ތެރެއިން 11 ޓަވަރުގެ ކޮންކްރީޓް މަސައްކަތް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލުމަށް ނޫސްވެރިން އެ ސައިޓްތަކަށް ގެންގޮސްފައެވެ.

މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން ބުނީ ޖުމްލަ 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކޭޕީއައިއެލްއިން ތަރައްގީކުރަމުންދާ 9 ޓަވަރާއި، އެންބީސީސީން ތަރައްގީކުރަމުންދާ 2 ޓަވަރެވެ. މި 11 ޓަވަރުގައި މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތް ކަމަށް އެފްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ އަމާން ދޯދި ޓަވަރު 1ގެ ކޮންކްރީޓް މަސައްކަތް މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ނިމިފައިވާކަން ފާހަގަކޮށް އެފްޑީސީން ބުނީ، މިއީ ލިބުނު ކާމިޔާބީއެއް ކަމަށާއި، ފެންވަރު ރަނގަޅު ފްލެޓްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަޒުމުގައި މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން އެކޯޕަރޭޝަނުން ބުނީ އަމާން އުދަރެސް ޓަވަރު 11، 12 އަދި 13ގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، އެ ތިން ޓަވަރުގައިވެސް 80 އިންސައްތައަށް ފިނިޝިންގ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ލިފްޓް ހަރުކުރުމުގެ މަސައްކަތެވެ.

އެފްޑީސީ-ޖޭއެމްސީއާއި އެފްޑީސީ-އެންބީސީސީ ހައުސިންގ މަޝްރޫއުގެ ދަށުން ޖުމްލަ 4000 ހައުސިންގ ޔުނިޓް ތަރައްގީކުރާނެއެވެ.  އޭގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2800 ހައުސިންގ ޔުނިޓާއި، ދެ ކޮޓަރީގެ 1200 ހައުސިންގ ޔުނިޓެވެ. ތިން ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ. އެފްޑީސީއިން ތަރައްގީކުރާ މި ޓަވަރުތަކަކީ މިކްސްޑް ރެސިޑެންޝަލް ޓަވަރުތަކެކެވެ. އެހެންކަމުން މިއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ވިޔަފާރިތަކަށާއި ޕާކިންގއަށެވެ.

17 ފަންގިފިލަޔާ 18 ފަންގިފިލަޔާ ދެމެދުގެ ކޮންމެ ޓަވަރެއް ފަރުމާކޮށްފައިވަނީ ރަށްވެހިންނަށް ފަސޭހަ ވަރޓިކަލް މޮބިލިޓީއެއް ލިބޭ ގޮތަށް، ތިން ލިފްޓާއެކުއެވެ.

ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެފްޑީސީން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް