ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 15:49
މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް ޚާއްޞަކޮށްފައިވާ ހުސްގޮނޑިކޮޅާ ޖެހިގެން
މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް ޚާއްޞަކޮށްފައިވާ ހުސްގޮނޑިކޮޅާ ޖެހިގެން
ސޯޝަލްމީޑިއާ
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
ޔާމީން މިނިވަން ކުރުމަށް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު، ސަރުކާރުގެ ފަޔަށް ހެރުނު ތޫނު ކައްޓަކަށް!
 
އެންމެ ފަހުން ޝަހީބު ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުރިހަމަކުރެވިއްޖެ ކަމުގައި

މި ސަރުކާރުގެ އެންމެ ބޮޑު އެެއް ރިޔާސީ ވަޢުދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަންކުރުމެވެ. އެމަނިކުފާނާ ދެކޮޅަށް އިއްވާފައިވާ ޖަލު ޙުކުމަކީ ސިޔާސީ ޙުކުމެއް ކަމަށާއި، އެއީ "ޙަރާމް ޙުކުމެއް" ކަމަށްވެސް އެންމެ އަޑު ހަރުކޮށް ވިދާޅުވަމުން ގެންދެވީ، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވީ، ރައީސް ޔާމީން މިނިވަން ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ޤައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން، އެކަމާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަޑުއުފުލަން ޖެހޭކަމަށް އޮތީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅާއި، އެމަނިކުފާނުގެ ނަންފުޅުގެ ހިޔަނިފުޅުގައި ވެރިކަމަށް ވަޑައިގެންނެވުމާއެކު، އެ ވާހަކަފުޅުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައެވެ. ސަރުކާރަށް ދޮޅުމަސްދުވަސް ވެފައިވާއިރު، މިހާރު އެ ވާހަކަ މުޅިން ބަދަލުވެއްޖެއެވެ. އޭރު ދެއްކެވި ވާހަކަފުޅު މުޅިން ބަދަލުވެ، މިހާރު އެ ވަޢުދުފުޅު ފުރިހަމަކުރެވިއްޖެ ކަމަށްވެސް ސަރުކާރުން ބުނަން ފަށައިފިއެވެ. މި ސަރުކާރުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މައިގަނޑުގޮތެއްގައި އޮންނަނީ އެ ވާހަކައެވެ. ނަމަވެސް، ސަރުކާރުން އެކަމުގައި އެކި ފަހަރު ދައްކަމުން އައީ އެކި ވާހަކައެވެ. ދެނީ ގުޅުމެއް ނެތް، ތަފާތު ޖަވާބުތަކެކެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ފަަތި ފައްޗަށް އެ ސުވާލު އަމާޒުކޮށްފައެވެ. ސުވާލުގެ ބޮޑުކަމުންނާއި، ބިރުވެރިކަމުގެ ސަބަބުން ތަރުޖަމާނަށްވެސް ހެއްދެވުނީ މުޅިން "ގަޅި" އެވެ. އެޅުއްވުނީ މުޅިންވެސް ޅަ އިހަލުންނެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޝަހީބަށް ކެތްނުކުރެއްވުނީއެވެ. އެންމެ ފަހުން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުރިހަމަ ކުރެވިއްޖެ ކަމުގައެވެ. ޝަހީބު އެކަން ގުޅުވައިލެއްވީ މުޅިން އެހެން ކަމަކާއެެވެ. އެގޮތުން ރައީސްކަމަށް އިންތިޚާބުވުމާއެކު، ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ދެން ޝަހީބު ކުރިއަށް ނެރުއްވީ ޝަރުޢީ ނިޒާމު އިޞްލާޙުކުރުމުގެ ވާހަކައެވެ. އެގޮތުން ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ދުވަހުގެ އެ ވަގުތުން ފެށިގެން، ސަރުކާރުން ޝަރުޢީ ނިޒާމަށް އަތްބޭނުން ނިމުނީކަމަށް ވިދާޅުވެފައި އޮންނާނެކަމަށް ވިދާޅުވިއެވެ. ޝަރުޢީ ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރައީސް ޔާމީނާ ގުޅޭގޮތުން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު މިހާރު ފުރިހަމަ ކުރެވިއްޖެ ކަމުގައި ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ސަރުކާރުން ވީ އެންމެ ބޮޑު އެއް ވަޢުދު މިވީ، ސަރުކާރުގެ ފަޔަށް ހެރުނު ތޫނު ކައްޓަކަށެވެ. ކެމްޕެއިން ތެރޭގައި ވިދާޅުވަމުން ގެންދެވީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުޙައްޤުން ކަމަށެވެ. އެމަނިކުފާނަކީ މަޢުޞޫމް ބޭފުޅެއް ކަމަށް، ތަކުރާރުކޮށް ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްތަކުގެ ޢަދަދު، ކޮންމެ ރަށެއްގެ، ކޮންމެ ޖަލްސާއެއްގެ، ކޮންމެ ޕޯޑިއަމެއްގެ ދޮށުގައި ހުންނަވައިގެން، ރައްޔިތުންނަށް ހަނދާން ކޮށްދެއްވިއެވެ. ހުސް ގޮނޑިއެއްވެސް ރައީސް ޔާމީނަށް ޚާއްސަކުރައްވާފައި ބެހެއްޓެވިއެވެ.

ކުއްލިއަކަށް މުޅި ވަޢުދުފުޅު ބަދަލުވެ، ރައީސް ޔާމީންގެ މައްސަލައިގައި ސަރުކާރުން "މަރުފަލި" ޖައްސަވާހެންވެސް ހީވެއެވެ. ސަރުކާރުގެ ބަސްމަގު ހުންނަ ގޮތުން ދޭހަވާ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ މީގެ ކުރިން "ޙަރާމް" ކަމަށް ވިދާޅުވި ޙުކުމް، ކުއްލިއަކަށް "ޙަލާލު" ވީތޯއެވެ؟ ރައީސް ޔާމީންގެ ޙައްޤުގައި ބަހެއް ވިދާޅުވުމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް މިހާރު ކެރިވަޑައިގަންނަވާނެތޯ ސުވާލު ކުރުމުން ވިދާޅުވީ، "އެއީ އެ ބޭފުޅުންގެ އަމިއްލަ ކަމެއް" ކަމަށެވެ. ކަންކަން ފުރޮޅި، ބަދަލުވެ، އިންސާނުން ބަދަލުވާލެއް ހާދަހާ އަވަހަށެވެ. ސަރުކާރުން ރައީސް ޔާމީނާމެދު ވެވަޑައިގެންނެވި ވަޢުދު ފުދިއްޖެޔޯލައެވެ! އެކަމަކު އަދިވެސް އެމަނިކުފާނު ހުންނެވީ ޖަލު ޙުކުމެއްގައެވެ. މި ފެށުނީ އޮޅުވާލުމާއި، ވާހަކަތައް ދިމާނުވުމުގެ ސިލްސިލާ ބާބެކެވެ.

ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި