އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، އިންޑިއާ ސިފައިން ތިބި ސީދާ އަދަދުތައް ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ލިބޭނެކަމަށް ބެލެވުނުނަމަވެސް، ނޫސްވެރިންގެ ބައްދަލުވުން ފެށުނުއިރުވެސް އެ އަދަދުތައް ލިބިވަޑައިގެންފައިނުވާކަމަށެވެ.
ގާތްގަނޑަކަށް ގަޑިއިރަކަށްވުރެ ދިގުކޮށް ދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ފަހުންވެސް ވަނީ، ނޫސްވެރިންގެ ބައްދަލުވުމަށް ގަޑިއިރެއްވާންވާއިރު އަދިވެސް އެ ތަފްސީލުތައް ލިބިވަޑައިނުގަންނަވަނީތޯ ސުވާލު ކުރައްވާފައެވެ.
ޝަހީބު ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބީ 89 ސިފައިންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އެ އަދަދު ކަށަވަރު ނުވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްތޯ ބަލާއިރު، އެއީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ހުރި ކަމެއް ނޫންކަމަށް ޝަހީބު ވިދާޅުވިއެވެ.
އަނެއްކޮޅުން މިހާރު ހުރި އަދަދުތަކަށްވެސް އުނި އިތުރު އައުން އެކަށީގެންވާކަން ފާހަގަ ކުރައްވައި ޝަހީބު މި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިވަނީ ސަރުކާރަށް އަދިވެސް އިންޑިއާ ސިފައިން ތިބި އަދަދު ސާފުނުވާކަން ހާމަކޮށްދީފައެވެ. ނަމަވެސް އެ އަދަދު ކަށަވަރު ނުވުމަކީ "އިޝޫއެއް ނޫންކަމަށް" ޝަހީބު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަސްލު އަދަދުތައް އެނގޭނީ ޑިފެންސް މިނިސްޓްރީއަށްކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު އެކަން ނުކުރެވި ލަސްވުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މުއިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު އެޖެންޑާއަކީވެސް ބޭރުގެ ސިފައިން ބޭލުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ފަސޭހަވާނެ ކަމަށާއި މިނިވަންކަން ކަށަވަރުވެގެންދާނެކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭކަމަށް މުއިއްޒު ކެމްޕޭނުގައި ވިދާޅުވެފައިވާއިރު، މި ސަރުކާރަށް މަހެއް ފުރިގެންދިޔައިރުވެސް އިންޑިއާ ސިފައިންގެ އަދަދުތައް ކަށަވަރު ނުވެގެން އުޅޭތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.