ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 10:26
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
މަޖިލިސް
ނޫސްތައް ބްލޮކްކުރި މައްސަލަ
ނޫސްތައް ބްލޮކްކުރުމާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަންނަން ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު ވޯޓު ދެއްވީމަ ސަރުކާރުގެ ސްޓޭންޑު ސާފުވެއްޖެ: ޔައުޤޫބް
 
މިއީ އެމްޑީޕީން އިތުރަށް ވިސްނައި، ދެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނަން ޖެހިފައިވާކަން ހާމަވާ ސަބަބެއް
 
މި ސަރުކާރާމެދު ދެވަނަ ވިސްނުމަކުން ވިސްނުމަށްވެސް މެމްބަރު ޔައުޤޫބު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައި
 
އޮންލައިން ނޫސްތަކަށް ފަހު ދެން ސަރުކާރުން އަމާޒު ހިފާނީ ސޯޝަލް މީޑިއާގެ އެކި ޒަރިއްޔާތަކަށްކަމަށް ވިދާޅުވި

ނޫސްތައް ބްލޮކް ކުރި މައްސަލައިގައި ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު ވޯޓު ދެއްވުމުން، ނޫސްވެރިކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގައި ސަރުކާރުގެ ސްޓޭންޑް ސާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޔައުޤޫބު ވިދާޅުވީ، މި ސަރުކާރުގެ ސްޓޭންޑު ވަރަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. މިއީ އެމްޑީޕީން އިތުރަށް ވިސްނައި، ދެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނަން ޖެހިފައިވާކަން ހާމަވާ ސަބަބެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޔައުޤޫބު ވިދާޅުވީ، އޮންލައިން ނޫސްތަކަށް ފަހު ދެން ސަރުކާރުން އަމާޒު ހިފާނީ ޓްވިޓަރ އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ އެކި ޒަރިއްޔާތަކުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށްކަމަށެވެ.

ވުމާއެކު، މި ސަރުކާރާމެދު ދެވަނަ ވިސްނުމަކުން ވިސްނުމަށްވެސް މެމްބަރު ޔައުޤޫބު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސަރުކާރުން ބްލޮކްކޮށްފައިވަނީ ސަރުކާރާ ގުޅޭގޮތުން އެކި ލިއުންތައް ޝާއިއުކުރާ ވެބްސައިޓެއްކަމަށްވާއިރު، ހިޔާލު ފާޅުކުރުމަކީ ރަޖިސްޓްރީކޮށްގެން ކުރަން އޮންނަ ކަމެއް ނޫންކަން މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ބަލާއިރު، "މީޑިއާ" ކަމަށް ޤާނޫނުގައި ބުނެފައިވަނީ ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައިރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށްމަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށްކަން މީޑިއާ ކައުންސިލުގެ ޤާނޫނުގައި ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ޒަމާނުގައި ރަޖިސްޓްރީ ނުކޮށްވެސް މީޑިއާ ހިންގޭކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށާއި، ސަރުކާރަށް އަދި މަހެއް ފުރުނުއިރު ފެންނަމުން މިދަނީ ޤައުމު ނުބައި މިސްރާބަކަށް ދާ މަންޒަރުކަންވެސް މެމްބަރުން މި މައްސަލައިގައި ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް