ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 12:41
އަހުމަދު ތާރިގު (ޓޮމް) އާއި އިމްރާން (ކ)
އަހުމަދު ތާރިގު (ޓޮމް) އާއި އިމްރާން (ކ)
އެފްއޭއެމްގެ އިންތިޚާބު
ޓޮމް ކެންޑިޑެސީ ހުށަހަޅުއްވައިފި, އެކްސްކޯގައި ކީޕަރު އިމްރާނާއި މާޒިޔާ ކޮއްކީ ހިމެނޭ
ޝާހިރާއި އައްޑޯވެސް ޓޮމްގެ އެކްސްކޯގައި

އެފްއޭއެމްގް ރައީސް ކަމަށް ވާދަކުރައްވަން ގައުމީ ޓީމާއި, ނިއުރޭޑިއަންޓުގެ ކުރީގެ ފޯވާޑް އަހުމަދު ތާރިގު (ޓޮމް) ކެންޑިޑެސީ ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްގެ އެކްސްކޯގައި މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާނު މުހައްމަދު ހިމެނެއެވެ. ޓޮމްއާ އާއިލީ ގޮތުންވެސް ގުޅުން އޮތް އިމްރާންގެ އިތުރުން، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) ވެސް ވަނީ ޓޮމްގެ އެކްސްކޯގައި ހިމަނުއްވާފައެވެ. ކޮއްކީއަކީ ހިނގަމުން މިދާ، ބައްސާމުގެ ދައުރުގައިވެސް އެކްސްކޯގައި އިންނެވި, ނަމަވެސް މީގެ ތިން މަހެއްހާ ދުވަސްކުރިން އިސްތިއުފާދެއްވި ބޭފުޅެކެވެ. ބައްސާމާ ދެކޮޅަށް އެކްސްކޯއިން އެންމެ ފުރަތަމަ ނިކުތް ބޭފުޅަކީވެސް ކޮއްކީއެވެ. އަދި ޓޮމްއަށް ތާއީދުކޮށް, ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ ސޮއިކުރި ކްލަބަކީވެސް މާޒިޔާއެވެ. ޓޮމް މިފަހަރު ރައީސް ކަމަސް ކުރިމަތިލެއްވީ މާޒިޔާގެ އިތުރުން ޓީސީއާއި، މިހާތަނަށް ބައްސާމް ކޮންޓްރޯލް ކުރައްވަމުން ގެންދެވި ވެލެންސިޔާގެވެސް ތާއީދާ އެކުއެވެ.

އިމްރާނަކީ ގައުމީ ޓީމަށް 100އަށްވުރެ ގިނަ މެޗު ކުޅެ, ފީފާގެ ސެންޗަރީ ކްލަބުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. އޭނާއަކީ ވިކްޓްރީއާއި, ނިއުރޭޑިއަންޓާއި, ވީބީއާއި އީގަލްސް އަށްވެސް ކުޅެ އެންމެ ގިނަ ކާމިޔާބީ ހޯދި، ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެކެވެ.

ޓޮމްގެ އެކްސްކޯގައި ވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފުންނާބު އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުލްހަމީދު އަބުދުލްޣަފޫރު (އައްޑޯ) އާއި އަހުމަދު ޝާހިރުވެސް ހިމަނުއްވާފައެވެ.

އެފްއޭއެމްގެ އާ އިންތިޚާބަކަށް ގޮވާލީ ދައުރު ހަމަވުމުގެ ކުރިން އާ އިންތިޚާބެއް ބާއްވަން އެކްސްކޯއިން ނިންމުމުން ކަމަށް އެފްއޭއެމުން ބުންޏެވެ. އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވަން ނިންމައި, ކުރިމަތިލުމަށް ހުޅުވާލާފައި ވަނިކޮށް އެކްސްކޯގެ އިތުރުން ތިން މެމްބަރަކު އިސްތިއުފާދެއްވުމުން، ބައްސާމްގެ އިތުބާރު ގެއްލި މަގާމު ވަނީ ގެއްލިވަޑައިގެންފައެވެ.

- ކޮމެންޓް