ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން ދެ ވަނައިގައި ދެމި އޮވެއްޖެ އެވެ.
ލީގުގައި އަންގާރަ ދުވަހުގެ ރޭ އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 5-2 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ވެސް ވިދާލީ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ މެޗުގައި ޖެހި ދެ ލަނޑާއެކު، އުމުރުން 38 އަހަރުގެ ރޮނާލްޑޯ އަށް ވަނީ ޚާއްސަ ޝަރަފެއް ލިބިފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަލް އިއްތިހާދުންނެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޢަބްދުއް ރައްޒާގު ހަމަދުﷲ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ރޮނާލްޑޯ ވަނީ އަލް ނަސްރަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ރޮނާލްޑޯ ޖެހި ލަނޑެކެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ބްރެޒިލްގެ ޓަލިސްކާ ވަނީ އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ހޯދައިދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އަލް އިއްތިހާދުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ހަ ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ހަމަދުﷲ އެވެ.
އޭގެ ފަހުން 68 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ދެ ވަނަ ލަނޑު ޖަހައި، އަލް ނަސްރަށް ލީޑު ހޯދައިދީފަ އެވެ. މި ލަނޑާއެކު މިއަހަރު ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 53 އަށް އަރައިފަ އެވެ. މިއަހަރު ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ރޮނާލްޑޯ އެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި އޮތީ ޖަރުމަނު ލީގުގައި ކުޅެމުން އަންނަ ހެރީ ކޭން އަދި ފްރާންސް ލީގުގައި ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ 52 ލަނޑު ޖަހައިފަ އެވެ. މެޗުގައި އަލް ނަސްރުގެ ފަހު ދެ ލަނޑު ޖެހީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. އެއީ މެޗުގެ 75 ވަނަ މިނެޓާއި، 82 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ.
މޮޅާއެކު އަލް ނަސްރު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމާ، އެއް ވަނައިގައި އޮތް އަލް ހިލާާލާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް ހިލާލަށް ލިބެނީ 50 ޕޮއިންޓެވެ.