ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 11:23
ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން
ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން
ރައީސް އޮފީސް
ހިލޭ ޑިގްރީ
ހިލޭ ޑިގްރީ ދިނަސް "ތެޅެނީ ގަނަ"، ވަޒީފާ އަށް ދާން މަޖުބޫރު!
 
ޖުމުލަ ގޮތެއްގައި ދަންނަވާނަމަ، ހިލޭ ޑިގްރީ ދިނުމަކީ ދަރިވަރުން ވަޒީފާ އަށް ދާން ނުޖެހޭ ސަބަބެއް ނޫން

ތަޢުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށް، ސަރުކާރުން ހިލޭ ޑިގްރީ ތަޢާރަފު ކުރުން ވެގެން ދިޔައީ، ކިޔަވާ ކުދިންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. މާލީ ދަތިކަމުގެ ސަބަބުން މަތީ ތަޢުލީމަށް ކިޔެވޭނެ ގޮތްތަކާމެދު ވިސްނަން ތިބި އެތައްް ކުދިންތަކަކަށް ލިބުނު ތަސައްލީ އެކެވެ. ނަމަވެސް، އެއީ އެ ކުދިންގެ ކިޔެވުމަށް ސަރުކާރުން ދެމުން ދާ ޚަރަދެކެވެ. އާންމު ދިރިއުޅުމުގެ އެހެން ޚަރަދުތައް ކުރަން ޖެހެނީ އެ ކުދިން އަމިއްލަ އަށެވެ.

އެކަން އެހެން އޮއްވާ، ދާދި ފަހުން ލެކްޗަރާއެކު ވިދާޅުވި ވާހަކައަކާ ގުޅިގެން އެތައް ދަރިވަރުންތަކެއް ކަންބޮޑުވުން ފާޅު ކުރި އެވެ. ލެކްޗަރާ ވިދާޅުވި ގޮތުގައި، ހިލޭ ޑިގްރީ އަށް ކިޔެވޭނެ ފުރުޞަތު ތަނަވަސްކޮށް ދިނުމާއެކު، ދަރިވަރުން ފުލްޓައިމް ވަޒީފާ އަދާކޮށްފައި، ކިޔެވުން ޕާޓްޓައިމް ކަމެއްގެ ގޮތުގައި ހަދަނީ އެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ފެންވަރަށް އަސަރު ކުރާ ކަމުގައި ވެސް ލެކްޗަރާ ވަނީ ވިދާޅުވެފަ އެވެ. އެއީ ވެސް މުޅިން ދޮގު ވާހަކައެއް ނޫނެވެ.

އެ ވާހަކަތަކާ އެކު ގިނަ ދަރިވަރުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާގެ އެކި އެކި މަންސަތަކުގައި "އޮއްސާލި" އެވެ. ދަރިވަރުންގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ، ހަމައެކަނި ކިޔެވުމަށް ޚަރަދުވާ ފައިސާ ސަރުކާރުން ހަމަޖައްސައިދިނެއް ކަމަކު، އެހެނިހެން ކަންކަމަށް ވެސް ޚަރަދު ކުރަން ޖެހުމެވެ. މިސާލަކަށް، ގިނަ ދަރިވަރުންނަކީ އަތޮޅު ތެރޭގެ ރަށް ރަށުން، ކިޔެވުމަށް އަމާޒު ކަނޑައަޅައިގެން މާލެ އައިސް ތިބި ދަރިވަރުންނަށް ވީ ހިނދު، އެ ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ކުރާނެ ޚަރަދު ވެސް ހޯދަން ޖެހޭނެ އެވެ.

ދިރިއުޅޭ ގެޔަށް ކުލި ދެއްކުމުން ފެށިގެން ގޮސް، އެންމެ އާދައިގެ ޚިދުމަތް ހޯދުމަށް ވެސް ފައިސާ ބޭނުންވެ އެވެ. އެހެންކަމުން، އެ ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމަކީ ދަރިވަރުން ކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުރުމަށް ދަރިވަރުން އެކި ކަހަލަ ވަޒީފާ ވެސް އަދާ ކުރަން ދާން ޖެހޭނެ އެވެ. ކިޔަވާ ދަރިވަރުންގެ ބޮޑު އިންސައްތަ އަކީ، ވަޒީފާ އަދާކޮށްގެން ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދަމުން، ތަޢުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނެވެ.

އަނެއްކޮޅުން ޤައުމުގެ އިޤްތިސާދަށް އަންނަ ބަދަލާއެކު، ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް ދިޔުމަކީ ކޮންމެ މީހަކު ވެސް ކަންބޮޑުވާ ކަމެކެވެ. ކޮންމެ ދަރިވަރަކަށް ވެސް ވެގެން ވާން އޮތް ނަމަ، ވަޒީފާ އަށް ނުގޮސް، ހަމައެކަނި ކިޔެވުމަށް ބަރޯސާ ވާނެ އެވެ. ނަމަވެސް، މިކަންކަން މިހެން ހުރުމަކީ އެ ދަރިވަރުންނަށް ވެސް، މުހުތާދުތައް ފުރިހަމަ ކުރުމަށް، އާމްދަނީ ހޯދަން މަޖުބޫރުވާ ޙާލަތެވެ. އެއީ ދަރިވަރުން ވަޒީފާއަށް ދާން ޖެހޭ އެއް ސަބަބު ކަމަށް އެ ކުދިން ބުނެ އެވެ.

ސަރުކާރުގެ ކޮލެޖުތައް ނޫން އެހެން ކޮލެޖުތަކުގައި ވެސް ހިލޭ ޑިގްރީ އަށް ކިޔެވެ އެވެ. އެހެން ނަމަވެސް، އެކަން އޮންނަނީ ހަނި ފުރުސަތެއްގެ ތެރެއިންނެވެ. އަމިއްލަ ކޮލެޖުތަކުގައި ސަރުކާރުން ދައްކައިދެނީ ކޯހުގެ ފީގެ އެއްބަ އެވެ. ސަރުކާރުން ދޭ އަދަދު މަދެވެ. ކޯހަށް ދައްކަން ޖެހޭ ފީގެ ތެރެއިން ސަރުކާރުން ދައްކައިދެނީ، ދެ ބައިކުޅަ އެއް ބަޔަށް ވުރެ ވެސް ކުޑަ އަދަދެކެވެ. ކުޑަ މިސާލެއް ދަންނަވާލަން ތޯއެވެ؟ އަމިއްލަ ކޮލެޖެއްގައި ކިޔަވާ ދަރިވަރެއްގެ ކޯހުގެ ފީ އަށް މަހަކު ދައްކަން ޖެހެނީ 3899 ރުފިޔާ ކަމުގައި ވަނީ ނަމަ، ސަރުކާރުން ދައްކައިދެނީ 1000 ރުފިޔާ އެވެ. ބާކީ ބައި ދައްކަން ޖެހެނީ ދަރިވަރުން އަމިއްލަ އަށެވެ. ހިލޭ ޑިގްރީ އަށް ކިޔަވަމުން، ދަރިވަރުން ވަޒީފާ އަށް ވެސް ދާން ޖެހޭ ސަބަބަކީ މިއީ އެވެ.

އަނެއްކޮޅުން، އަމިއްލަ ކޮލެޖުތަކުގަައި ދަރިވަރުންނަށް ޕާސަނަލް ފަންޑިން ލިބުނު ކަމަށްވީ ނަމަވެސް، ކޮންމެ މަހަކު ވެސް ކޯހަށް ވާ ފައިސާ ދައްކަން ޖެހެ އެވެ. ޚާއްސަކޮށް އަމިއްލަ ކޮލެޖުތަކުގައި އެއީ ކުޑަ އަދަދެއް ވެސް ނޫނެވެ. އެ ފައިސާ ހޯދުމަށް ގިނަ ދަރިވަރުން ވަޒީފާ އަދާކުރަމުން ދާއިރު، އެ ވަޒީފާ އިން ލިބޭ އާމްދަނީގެ 90 އިންސައްތަ ޚަރަދު ވަނީ ކޯހުގެ ފީ އަށެވެ. މިއީ ވެސް ދަރިވަރުން ކިޔެވުމަށް ދޭ އަހަންމިއްޔަތު ކަަމާއި، ވަމުން އަންނަ ޤުރުބާާނީގެ ކުޑަ މިސާލެއް ނޫންތޯ އެވެ؟

ހިލޭ ޑިގްރީ ސްކީމްގެ ކަންކަން ތަރުތީބުވެފައި އޮންނަ ގޮތުން، އެ ފައިސާ ލިބެނީ ފުރަތަމަ ދަރިވަރު އަމިއްލަ އަށް އެ ފައިސާ ދެއްކުމުން، ރިއިމްބާސް ކުރާ ގޮތަށެވެ. އެހެންވީމާ، އެ ފައިސާ ދެއްކުމަށް ވެސް ދަރިވަރަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ފައިސާ ހޯދުމެވެ. ދަރިވަރުންނަށް އެކަން ކުރަން އޮތް މަގަކީ ވަޒީފާ އަދާ ކުރުން ނޫން އެހެން ކޮން ގޮތެއްތޯ އެވެ؟ ކޮންމެ ދަރިވަރަކު ވެސް ބޭނުންވަނީ އަމިއްލަ ފައި މައްޗަށް ތެދުވެ، ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާށެވެ.

ހުރިހާ ކޮލެޖުތަކެއް ނުވަތަ ޔުނިވަރސިޓީތަކެއް ހުންނަނީ މާލޭގަ އެވެ. ދަރިވަރުން އަންނަން ޖެހެނީ އެ ތަންތަނަށެވެ. އެހެން ވިޔަސް، ހުރިހާ ދަރިވަރުންނަކީ މާލޭގައި ޤާއިމުވެ ނުވަތަ ދިރިއުޅޭ ދަރިވަރުންނެއް ވެސް ނޫނެވެ. ހުޅުމާލެ، ވިލިމާލެ، މިތަންތަނުން ދަތުރުކޮށްގެން އަންނަ ކުދިންގެ ދަތުރު ޚަރަދުތައް އިންތިހާ އަށް ބޮޑެވެ. ދާދި އިހަށްދުވަހު ބަސް ދަތުރު ހިލޭ ވެގެން ދިޔުމުން ކުޑަ ލުޔެއް ލިބުނަސް، އަމިއްލަ އުޅަނދުތަކުގައި އުޅޭކުދިންގެ ޚަރަދުތަކަށް އެއްވެސް ލުޔެއް ނުލިބޭނެ ތާއެވެ. މިސާލަކަށް ދުވަހުން ދުވަަށް ތެލުގެ އަގަށް ބަދަލު އަންނައިރު، ޕެޓްރޯލްގެ އަގު ދަނީ އިންތިހާ އަށް އުފުލެމުންނެވެ.

ގިނަ ދަރިވަރުންނަކީ މައިންބަފައިންނަށް ބަރޯސާ ނުވެ، އަމިއްލަ އަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަން ބޭނުންވާ ކުދިންނެވެ. މައިންބަފައިންގެ ބަލި ހާލަތު ހުންނަ ގޮތުން، އެމީހުންގެ ބުރަ މަސައްކަތުން ލިބޭ ފައިިސާ، އެމީހުންގެ ބޭސްފަރުވާ އަށް ހުސްކުރާ ބެލެނިވެރިން ވެސް މަދެއް ނުވާނެ އެވެ. އެކަނިވެރި މައިންނާއި، ބަފައިން ވެސް މަދެއް ނޫނެވެ. ޚަރަދު ކުރަންޖެހޭ އެތައް ކުދިންނެއް ތިބޭ މައިންބަފައިން ވެސް އުޅެއެވެ. އެޚަރަދުތަކަށް ވެސް ލުޔެއް ދޭން ހުންނަ ހަމައެކަނި މީހަކީ، ކޮލެޖަށް ކިޔަވަން ދާ ކުއްޖާކަމުގައި ވާ އާއިލާތައް ވެސް މަދެއް ނޫނެވެ. އެއީ އެ ދަރިވަރަކު އަމިއްލަ އަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާތީ އެވެ.

އެހެންކަމުން، ޖުމުލަ ގޮތެއްގައި ދަންނަވާނަމަ، ހިލޭ ޑިގްރީ ދިނުމަކީ ދަރިވަރުން ވަޒީފާ އަށް ދާން ނުޖެހޭ ސަބަބެއް ނޫނެވެ. އެކަމަށް ދެވޭ ތަޅު ދަނޑިއެއް ވެސް ނޫނެވެ. ދުނިޔެ ބަދަލުވަމުން، ނިއުޅެމުން މިދާ ދިޔުމުގައި، އަނގަޔާ އަތާ ދިމާވަން އޮތީ ވަޒީފާ އަދާކޮށް، އާމްދަނީ ވެސް ހޯދައިގެންނެވެ. އެ ނޫންނަމަ، ބޮޑެތި މުސާރަ ލިބޭ ބޭފުޅުން ދެ ވަޒީފާ އަދާކުރައްވަން ޖެހޭ ސަބަބެއް އެބަ އޮތްހެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް