ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 18:31
މުޅި މަޖިލީހުގެ ކޮމިޓީ
މުޅި މަޖިލީހުގެ ކޮމިޓީ
އެމްޑީޕީގެ މެމްބަރުން ޕީއެންސީއަށް
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށް ބޮޑެތި އޮފަރތަކެއް، ބައެއް މެމްބަރުން ޕާޓީ ބަދަލުކުރައްވަނީ
 
ޕާޓީ ބަދަލުކުރައްވަނީ ސަރުކާރުން މަގާމެއް ދޭނެކަމަށް ބުނެގެންތޯ އާންމުން ސުވާލު އުފައްދާ
 
ޕީއެންސީއަށް މިގޮތަށް ކުއްލިއަކަށް ބަދަލުވާކަމުގެ އަޑު ފެތުރިފައިވާތީ އާންމުން ދަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަމުން
 
5 ވަރަކަށް މެމްބަރުން އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ގެންދާނެކަމަށް ވަނީ މައުލޫމާތުލިބިފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ބޮޑެތި އޮފަރތަކެއް ދީގެން، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ބަދަލުކުރަން ފަށައިފިއެވެ.

އެނގިފައިވާގޮތުން މި ހުށަހެޅުންތައް އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެތެރެއިން 5 ވަރަކަށް މެމްބަރުން އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ގެންދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ޕީއެންސީއަށް މިހާރު ބައެއް މެމްބަރުން ސޮއިކުރައްވާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޕާޓީ ބަދަލުކުރެއްވި ކަމަށް އަޑު އަރާފައިވާ ބައެއް މެމްބަރުންނާ ގުޅުމަށް ރާއްޖެޓީވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި އެ މެމްބަރުންނަށް މެސެޖު ކޮށްގެންވެސް ޖަވާބު ނުދެއްވާތީ، އެ މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވިކަން ނުވަތަ ނޫންކަން ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. އެހެންނަމަވެސް މަޖިލިސް މެމްބަރުންގެ ތެރެއިން 5 މެމްބަރަކު ޕީއެންސީއަށް ގެންދިއުމަށް މަސައްކަތްކުރަމުން ދާކަން ޕީއެންސީގެ އޮފިޝަލަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

މިހާރު ވެރިކަމުގައި އޮތީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެކެވެ. މީގެ ކުރިން ޕީޕީއެމްގެ ސަރުކާރު ވެރިކަމުގައި އޮތްއިރުވެސް ޕީޕީއެމްގައި ތިއްބެވި މެމްބަރުންނަށް، މަޖިލީހުގެ ބައެއް ވޯޓުތަކާއި މަސައްކަތްތައް، އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގެންދިއުމަށް މެމްބަރުންނަށް ފައިސާ ބެހިކަމަށް މަޖިލިސް މެމްބަރުން ތުހުމަތުކޮށްފައިވެއެވެ. އަދި ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް، މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުކުރި ކަަމަށްވެސް ތުހުމަތުކުރެވުނެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީވެސް މިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންނެވެ. އެހެންކަމުން ކުއްލިއަކަށް މިގޮތަށް މެމްބަރުންތަކެއް ޕީއެންސީއަށް މިގޮތަށް ބަދަލުވެވަޑައިގަތުމުން އާއްމުން ދަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ. ޕީއެންސީއަށް ސޮއިކުރާ ބައެއް މެމްބަރުންނަކީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ވާދަ ނުކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅުން ކަަމަށް އެނގިފައިވެއެވެ. އެހެންކަމުން ޕާޓީ ބަދަލުކުރައްވަނީ ސަރުކާރުން މަގާމެއް ދޭނެކަމަށް ބުނެގެންތޯ އާންމުން ސުވާލު އުފައްދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
10%
20%
30%
10%
10%
ކޮމެންޓް