ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 13:32
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް
ރާއްޖެއެމްވީ
ވޯކްޕަރމިޓް މެޑިކަލް ލިސްޓު
ވޯކްޕަރމިޓް މެޑިކަލްގައި މިހާރުން މިހާރަށް ފައިލޭރިއާ ނުހިމަނަނީ ކީއްވެތޯ ދެންނެވި ސުވާލަށް ރައީސް އޮފީހުގެ ސީދާ ޖަވާބެއް ނެތް
 
މެޑިކަލް ޗެކަޕް ހަދަން ޖެހޭނީ މިނިސްޓްރީން ހުއްދަދޭ ވަކި ތަންތަނަކުން
 
މެޑިކަލް ޗެކަޕް ނުހަދައި ތިބި ބިދޭސީންވެސް އަހަރެއްގެ ތެރޭގައި ޗެކަޕް ހެދުން ލާޒިމުކުރުމަށް ނިންމާފައިވޭ

ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕަރމިޓް މެޑިކަލްގައި މިހާރުން މިހާރަށް ފައިލޭރިއާ ނުހިމަނަނީ ކީއްވެތޯ ނޫސްވެރިން ދެންނެވި ސުވާލަށް ރައީސް އޮފީހުން ސީދާ ޖަވާބެއް ނުދީ، ހެލްތު މިނިސްޓްރީން އެކަމުގެ މައުލޫމާތު ހޯދުމަށް އަންގައިފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި، ރާއްޖެއަކީ ގައިންގަޔަށް އަރާ ގިނަ ބަލިތަކެއް ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްކަމަށެވެ.

އޭނާ ވިދާޅުވީ، މެޑިކަލް ޗެކަޕުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ދިގު މުއްދަތުގެ ވިސާގައި އަންނައިރު އޮން އެރައިވަލް މެޑިކަލް، އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުން ލާޒިމުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މެޑިކަލް ޗެކަޕް ހެދުމަށް ކުރިން ދީފައި އޮންނަ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަކޮށްފައި ވާކަމަށްވެސް ވިދާޅުވިއެވެ. އަދި މެޑިކަލް ޗެކަޕް ނުހަދައި ތިބި ބިދޭސީންވެސް އަހަރެއްގެ ތެރޭގައި ޗެކަޕް ހެދުން ލާޒިމުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިކަލް ޗެކަޕް ހަދަން ޖެހޭނީ މިނިސްޓްރީން ހުއްދަދޭ ވަކި ތަންތަނަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއިރަކު އޮންނަ ބަލިމަޑުކަމެއްގެ ހާލަތަށް ބަލައި، މެޑިކަލްގައި ހިމަނަންޖެހޭ ޓެސްޓުތަކުގެ ލިސްޓަށް އިތުރު ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ދިނުމަށް ނިންމާފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިސާލަކަށް މިހާރު ފެންނަމުންދާ ފައިލޭރިއާ ބައްޔާ ގުޅިގެން، މެޑިކަލް ލިސްޓުގައި އެ ބަލި ހިމެނުމުގެ ބާރު މިނިސްޓްރީއަށް ދިނުމަށް ކެބިނެޓުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ލިސްޓުގައި މިހާރުން މިހާރަށް ފައިލޭރިއާ ހިމެނުމާމެދު ސަރުކާރުން ގޮތެއް ނުނިމި ލަސްވަނީ ކީއްވެތޯ ތަކުރާރުކޮށް ދެންނެވުމުން ނާޒިމް ވިދާޅުވީ، ހެލްތު މިނިސްޓްރީއަށް އެ ބާރު ދިނުމުން، ހެލްތު މިނިސްޓްރީން އެ މަސައްކަތުގެ މައުލޫމާތު ދޭނެކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، އެޗްޕީއޭއިން އެކަމުގެ މުހިއްމުކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އެކަމުގެ ފަންނީ ލަފާ ދީފައިވާނެކަމަށެވެ. ނަމަވެސް އެކަމުގައި ގޮތް ނިންމާނީ މިނިސްޓްރީން ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް