ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 08:57
ލެބްގައި އުފައްދާފައިވާ ޖަވާހިރުތައް
ލެބްގައި އުފައްދާފައިވާ ޖަވާހިރުތައް
ރޮއިޓަރސް
ލެބްގައި ޖަވާހިރު އުފެއްދުން
މައިން ކޮނެގެން ނެގުމުގެ ބަދަލުގައި ޖަވާހިރު އުފެއްދުންވެސް ލެބަކަށް؟
 
'އެނަބެލާ ޗޭން'ގެ ނަމުގައި އޭނާގެ އަމިއްލަ ބްރޭންޑެއް ޗޭން އުފެއްދީ މީގެ 10 އަހަރު ކުރިން
 
ލެބްގައި ޖަވާހިރު އުފައްދަނީ އަލިމަސް ޖަވާހިރު އުފެދޭ ގޮތް ބަލައިގެން، ލެބެއްގައި އެ ޙާލަތު ނަކަލު ކޮށްގެން
 
ޗޭން ސިފަ ކުރާ ގޮތުގައި އޭނާގެ މަސައްކަތަކީ 'ސައެންސް އާއި ފަންނުވެރިކަމުގެ' ގުޅިލާމެހުމެއް

ޖަވާހިރެއްގެ ފުރިހަމަކަން ވަޒަން ކުރަނީ މައިގަނޑު 4 ކަމެއްގެ މައްޗަށް ބަލައިގެންނެވެ. އިނގިރޭސިބަހުން ބުނާނަމަ، 'ފޯރ ސީޒް' ގެ ފެންވަރު ވަޒަން ކޮށްގެންނެވެ. އެއީ އެ ޖަވާހިރުގެ ކަޓް، ކްލެރިޓީ، ކެރަޓް އަދި ކުލައެވެ. ނުވަތަ ޖަވާހިރުގެ ކެނޑުންގަނޑު ހުރި ގޮތާއި، އޭގެ ސާފުކަމާއި، ބަރުދަން އަދި ކުލައެވެ. އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އެނަބެލާ ޗޭންއަކީ ގަހަނާ ފަރުމާ ކުރުމުގެ ރޮނގުގައި ފާހަގަކޮށްލެވޭ ފަންނުވެރިއެކެވެ. މަޑުމައިތިރިކަމާއެކު ޗޭން ކުރަމުން އެ ދަނީ އެ މަސައްކަތެވެ. އޭނާ އަތުގައި ހުރި އަލިމަސް ޖަވާހިރުތަކުގެ ފެންވަރު ވަޒަން ކުރަނީއެވެ. އެއްވެސް ކަހަލަ ޢައިބުކަމެއް ނޫނީ މައްސަލައެއް ނެތް ކަން ކަށަވަރު ކުރަނީއެވެ.

ޗޭންގެ އަތުގައި ހުރި އަލިމަސް ޖަވާހިރުތަކުގައި މައްސަލައެއް އުޅޭނެ ކަމަކަށް ނުބެލެވެއެވެ. އެ އަލިމަސް ޖަވާހިރު ތަކަކީ ވަކި ކަންތައްތަކެއް ފުރިހަމަ ވާ ގޮތަށް، ޙާލަތު ކޮންޓްރޯލް ކުރެވިފައި ވާ ވެއްޓެއްގައި އުފައްދާފައިވާ އަލިމަސް ޖަވާހިރުތަކެކެވެ. ޤުދުރަތީ ގޮތުން އަލިމަސް ޖަވާހިރު އުފެދޭ ގޮތް ބަލައިގެން، ލެބެއްގައި އެ ޙާލަތު ނަކަލު ކޮށްގެން އުފައްދާފައިވާ ޖަވާހިރުތަކެކެވެ.

ކެމިކަލް މަރުޙަލާގެ ތެރެއިން ލެބުގައި އަލިމަސް ޖަވާހިރު އުފައްދަން ނަގާ މުއްދަތު، ޤުދުރަތީ ގޮތުން އަލިމަސް ޖަވާހިރު އުފެދޭ މުއްދަތައް ވުރެ އެތައް ގުނައެއް އަވަހެވެ. މި ލެބުގައި އަލިމަސް ޖަވާހިރު އުފައްދަން ހޭދަ ވަނީ 10 ވަރަކަށް ހަފުތާއެވެ. ޤުދުރަތީ ގޮތުން އަލިމަސް ޖަވާހިރު އުފެދެނީ އެތައް ބިލިއަން އަހަރަކުންނެވެ. ހަމަ ޔަޤީނުންވެސް ފެންވަރުގައި ތަފާތުތަކެއް އުޅޭނެއެވެ.

ލަންޑަންގައި ޗޭން ހިންގާ ފިހާރާގައި، އޭނާގެ ގަހާނާގެ ފަރުމާތައް ދައްކާލަން ބަހައްޓާފައި ހުރެއެވެ. ޗޭން ސިފަ ކުރާ ގޮތުގައި އޭނާގެ މަސައްކަތަކީ 'ސައެންސް އާއި ފަންނުވެރިކަމުގެ' ގުޅިލާމެހުމެކެވެ.

އަލިމަހުގަ މި ހުންނަނީ ކާބަން. ޔާޤޫތުގަ ހުންނަނީ ކޮރަންޑަމް، އެއީ އެލުމިނިއަމް އޮކްސައިޑެއް. ރޫބީގަ މި ހުންނަނީ އެލުމިނިއަމް އޮކްސައިޑާއި ކްރޯމިއަމް. މިކަންކަން އެނގުނީމަ، އަނެއްކޮޅަށް މަސައްކަތް ކުރެވޭނެ. އެހާ ހިސާބުން ލެބަށް ގޮސް، ދުނިޔޭގެ ސަތަޙައިގެ ތެރޭގައި ޖަވާހިރު އުފެދޭ ޙާލަތްތައް ލެބްގައި ނަކަލު ކޮށްލާ ހެދޭނެ. އެކަމަކު، އެކަން ކުރެވޭނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އޮންނަ މާޙައުލެއްގަ.
އެނަބެލާ ޗޭން؛ އެނަބެލާ ޗޭންގެ ސީއީއޯ އަދި ފައުންޑަރ

މި ދުވަސްވަރަކީ ލެބުގައި އުފައްދާ ޖަވާހިރާއި ގަހަނާއަށް ޑިމާންޑް އިތުރު ވަމުން އަންނަ ދުވަސްވަރެކެވެ. އަހަރުން އަހަރަށް ވިޔަފާރި ކުރިއަރާ ދިޔަ ގޮތަށް ބަލާއިރު، އެއް އަހަރުން އަނެއް އަހަރަށް، 20 ޕަސެންޓް ކުރިއެރުމެއް ވަނީ ލިބިފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ފައިދާގެ ގޮތުގައި 15 ބިލިއަން ޑޮލަރު ޖެހިފައިވެއެވެ.

ފެޝަން ގަހަނާގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޕެންޑޯރާ އަދި ސްވާރޯވްސްކީއިން ލެބްގައި ޖަވާހިރު އުފެއްދުމުގެ މަސައްކަތް ތަޢާރަފު ކުރީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެ މަސައްކަތުގެ ފައިދާ މިއަދު ދަނީ ފެންނަމުންނެވެ.

ޕެންޑޯރާއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ގަހަނާ އުފައްދާ ކުންފުންޏެވެ. ޕެންޑޯރާއިން ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ލިސްޓަށް އައު ކެޓަގަރީއެއްގެ ގޮތުގައި، ލެބްގައި އުފައްދާ ޖަވާހިރުގެ ގަހާނަތައް އިތުރު ކޮށްފައެވެ. މިއާއެކު ގަހަނާގެ ސިނާޢަތަށް ވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ.

ޤުދުރަތީ ގޮތުން އުފެދިފައިވާ ޖަވާހިރުތަކަށް ވުރެ، ލެބްގައި އުފައްދާ ޖަވާހިރުގެ އަގު 60 ޕަސެންޓް ހެވެ. ވަކި ޙާލަތްތަކެއް ކޮންޓްރޯލް ކޮށްގެން ޗޭންގެ ލެބްގައި އުފައްދާ ޖަވާހިރު ގަހަނާއަކީ، ގިނަ ބައެއްގެ އަތް ފޯރާ ހިސާބުގައި ހުރި އުފެއްދުންތަކެކެވެ.

އޭނާ ތަޢުލީމު ހާސިލު ކުރި ދުވަސްވަރު، ޗޭން ވަނީ ސްރީލަންކާގައި ޑައިމަންޑް މައިން ކުރުމުގެ މަސައްކަތް ކުރާ ގިނަ ސައިޓްތަކަކަށް ޒިޔާރަތް ކޮށްފައެވެ. މަސައްކަތުގެ މާޙައުލު އޮތް ގޮތާއި، މައިން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ދޭ އުޖޫރަ ފެނި، ޗޭންއަށް ފުން އަސަރުތަކެއް ކުރުވިއެވެ.

މި ބްރޭންޑް ފެށުން އަންނީ މީގެ 10 ވަރަކަށް އަހަރު ކުރިން. ރޯޔަލް ކޮލެކް އޮފް އަރޓްސްގަ އަހަރެން ކިޔެވި ދުވަސްވަރު. އަހަރެން ތަމްރީނު ވަމުން ދިޔައީ ގަހަނާ ހަދާ މީހަކަށް ވާން. ތިލޭރުކަމާއި، އަތްކަން ކުރުމާއި ކަނބުރުވެރިކަމުގެ ދާއިރާއިން މާސްޓަރޒް ހަދަމުން ދިޔައީ. ކޯހުގެ 2 ވަނަ އަހަރު އަހަރެން ދިޔައީ ލަންކާއަށް. ލަންކާއަށް ގޮސް، ޖަވާހިރު މައިން ކުރާ ތަންތަނަށް އަހަރެން ދިޔައީ. އަހަންނަކީ އެންމެ އިހުގެ ގޮތަށް ޖަވާހިރު ނެގުމުގެ މަސައްކަތަށްވެސް ހޭނިފަ ހުރި މީހެއް ވީމަ، އެތަންތަނަށް ގޮސް އުޅޭކަށް މާ އުނދަގުލެއް ނުވި. އެ ދަތުރުން ހުރިހާ ކަމެއް ބަދަލުވި. މީހުން މަސައްކަތް ކުރާ ޙާލު ފެނުނު. އެމީހުންނަށް ދެނީ ކިހާ ކުޑަ މުސާރައެއްކަން އެނގުނު. އެކަމަކު، މި ދައްކަނީ ދުނިޔޭގަ އޮތް އެންމެ އަގުބޮޑު ރައުސުލްމާލު މައިން ކުރާ މީހުންގެ ވާހަކަވިއްޔާ. އަހަންނަށް އެކަން ޙަޖަމެއް ނުކުރެވުނު ހަމަ. އެހެންވެ ދިރާސާ ފެށީ. އެހެން ގޮތަކަށް މިކަން ކުރެވިދާނެތޯ ބަލަން ފެށީ. ރެޑް-ކަރޕެޓް އިވެންޓްތަކަށްވެސް އެކަށޭނަ ހިތްގައިމު، ނަލަ ޖަވާހިރުތަކެއް އުފެއްދޭނެ ގޮތެއް އޮތްތޯ ބަލަން ފެށީ، މައިން ކުރުމުގެ މަރުޙަލާއަށް ނުގޮސް ވޭތޯ ބެލީ.
އެނަބެލާ ޗޭން؛ އެނަބެލާ ޗޭންގެ ސީއީއޯ އަދި ފައުންޑަރ

'އެނަބެލާ ޗޭން'ގެ ނަމުގައި އޭނާގެ އަމިއްލަ ބްރޭންޑެއް ޗޭން އުފެއްދީ މީގެ 10 އަހަރު ކުރިންނެވެ. ވިޔަފާރީގައި މުޅިންވެސް ބޭނުން ކުރަމުން ދަނީ ދެމެހެއްޓެނިވި ވަޞީލަތްތަކާއި ޢާލާތްތަކެވެ. ދަޅުދަޅުން ނަގާ އެލުމިނިއަމް ރީސައިކަލް ކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ޤުދުރަތީ ގޮތުން މުއްސަނދި ކުރެވޭ ވެއްޓެއްގައި މުތް ޢާލާ ކުރުމުގެ މަސައްކަތްވެސް ޗޭން ދަނީ ކުރަމުންނެވެ.

ލެބްގައި އުފައްދާ ޖަވާހިރުން ގަހަނާ އުފެއްދުމަކީ ވެއްޓާވެސް ރައްޓެހި އުކުޅެއް ކަމަށް ވެއެވެ. ޗޭންގެ މޭސްތިރިކަމުގެ ދަށުން ޖަވާހިރު އުފައްދަނީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެންނެވެ. ޤުދުރަތީ ގޮތުން އުފެދިފައިވާ ޖަވާހިރުތައް މައިން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖައްވަށް ބޭރުވެގެންދާ ކާބަންގެ މިންވަރާ އަޅާ ބަލާއިރު ޗޭން މެންގެ މަސައްކަތުން ބޭރުވަނީ އޭގެ އެންމެ 5 ޕަސެންޓް ކާބަންއެވެ.

މީީގެ 6 ވަރަކަށް ދަޅުން، މި ކަހަލަ ބްލޮކެއް ހަދާލެވޭނެ. ދެން އެ ބްލޮކް ބޭނުންކޮށްގެން، މި ކަހަލަ ކަންފަތުލާ އެއްޗެހީގެ ޖޯޑެއް ހަދާލެވޭނެ. ހިތްގައިމު ފަށުއި ރަނުގެ ވިދުމެއް ހުންނާނެ. ތި ފެންނަނީ އަސްލުގަ 24 ކެރަޓްގެ ރަން، ރީސައިކަލްކޮށްފަ ހުރި އެލުމިނިއަމްއާ އެއްކޮށްފަ ހުރިތަން. މި މަރުޙަލާއަށް ކިޔަނީ، ފިޒިކަލް ވޭޕަރ ޑިޕޮސިޒަން، ނޫނީ ޕީވީޑީއޭ. މީ ސްޕޯރޓްސް ކާރުތަކުގަ ކުލަލާންވެސް ބޭނުން ކުރާ އުކުޅެއް.
އެނަބެލާ ޗޭން؛ އެނަބެލާ ޗޭންގެ ސީއީއޯ އަދި ފައުންޑަރ

ލެބްގައި ޖަވާހިރު އުފައްދަން ހިނގާ ޚަރަދު ކުޑަ ވުމާއެކު، ޤުދުރަތީ ގޮތުން އުފެދިފައިވާ 1 ކެރެޓް ޖަވާހިރާ އަޅާ ބަލާއިރު، ލެބްގައި އުފެއްދި ޖަވާހިރުގެ އަގު 80 ޕަސެންޓް ވަނީ ހެޔޮ ވެފައެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އެ ފަރަގު އުޅުނީ އެންމެ 10 ޕަސެންޓްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް