ސައުދީ ޕްރޯ ލީގުގައި އަލްއިއްތިފާޤާ ދެކޮޅަށް ކުޅުނު މެޗުން އަލްނަޞްރު މޮޅުވެއްޖެއެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލްނަޞްރު ކާމިޔާބުކުރީ 3-1ންނެވެ.
މެޗުގައި އަލްނަޞްރު ލަނޑު ޖަހައި، ލީޑު ނެގީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އެލެކްސް ޓެލޭސްއެވެ. އޭގެ ފަހުން ދެވަނަ ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި، އިތުރަށް ލީޑު ފުޅާކޮށްދިނީ މާސެލޯ ބޮރިޒޮވިޗްއެވެ. އަލްނަޞްރުގެ ތިންވަނަ ލަނޑު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ 73 ވަނަ މިނިޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ރޮނާލްޑޯ ޖެހި ލަނޑެކެވެ. މި ލަނޑާއެކު މި އަހަރުގެ ރޮނާލްޑޯ ޖެހި ޖުމުލަ ލަނޑުގެ އަދަދު ވަނީ 51ށް އަރާފައެވެ. އޭގެ އިތުރުން އޭނާ ވަނީ 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭގެ ތެރެއިން 21 ލަނޑަކީ މި ސީޒަންގައި އަލްނަޞްރު އޭނާ ޖަހައިދިން ލަނޑެވެ. މެޗުގައި އަލްއިއްތިފާޤުގެ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އަލް ކުވާކިބީއެވެ.
މޮޅާއެކު އަލްނަޞްރު އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ. އެއީ މިހާތަނަށް ކުޅުނު 17 މެޗުން 40 ހޯދައިގެންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން 13 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އެއް މެޗު އެއްވަރުވެފައި ވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.