ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 22:24
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު
އަރބަންކޯ
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް ކުރެވިދާނެހެން ހިއެއްނުވޭ: ފަޒުލް
 
ކުރީ ސަރުކާރުގައި އެމްޓީސީސީން ވަނީ ބޮޑެތި ފަޅުތައް ހިއްކާފައި
 
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސީއެމްސީސީން

ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ކުރެވިދާނެހެން ހީނުވާކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އާބަންކޯއިން ވަނީ މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މި މަޝްރޫއަށް 3 ޕްރޮޕޯސަލް އައީ ސަރުކާރުގެ ތެރެއިން ކަމަށާއި، އިވެލުއޭޓް ކުރުމަށްފަހު މަސައްކަތް ހަވާލުކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށެވެ.

ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ.

ބިން ހިއްކުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް އުފައްދާފައިވާ، ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީއަށް މިމަޝްރޫއު ހަވާލުނުކުރީ ކީއްވެގެންތޯ ނުވަތަ އެއްވެސް މަޝްވަރާއެއް ކޮށްފައިވާނެތޯ ދެންނެވުމުން ފަޒުލް ވިދާޅުވީ، މި ޓާމްތަކުގައި އެމްޓީސީސީއަށް މިފަދަ މަޝްރޫއެއް ކުރިއަށް ގެންދެވިދާނެހެން ހީނުވާކަމަށެވެ.

އަޅުގަނޑަށް ހިއެއްނުވޭ އެމްޓީސީސީއަށް މިޓާމްސްގަ އެކަން ކުރެވިދާނެހެންނެއް ހަގީގަތުގަ. އެހެންވީމަ ކްރެޑިޓަށް ކޮންބައެއްތޯ ކޮށްދޭނީ، މީ އުފައްދަން ބޭނުންވާ ސުވާލަކީ. އަޅުގަނޑުމެން 10 ހެކްޓަރު އެމްޓީސީސީއަށް ދިނީ، ދީފަ އަޅުގަނޑުމެންނަށް އެކަން އެބަ ވޭތޯ. 10 ހެކްޓަރުގެ ބިން އެމީހުން ވިއްކައިގެން އެބަ ލިބޭތޯ މިސާލަކަށް. 10 ހެކްޓަރުގެ ލޭންޑުގަ ހަގީގަތުގަ އެވަރުގެ ޑްރެޖަރެއްގެ ފިއުލް ކޮސްޓާ މިކަހަލަ ބައިވަރު ކަންތައްތަކެއް އެކްޕެންސްގަ ކަވަރުވެގެންދާނެ. އެހެންވީމަ އެ ކެޕޭސިޓީ 8 މަސްދުވަހުގެ ތެރޭގަ، އަޅުގަނޑުމެންގެ ޓާގެޓަކީ ހިއްކާ ނިންމުން. އެހެންވީމަ މި ހުރިހާ ކަމަކަށް މީގެ ފީސިބިލިޓީ އެބަ އާދޭ މުއްދަތަކަށް އެނގޭތޯ. ކިހާވަރަކަށްތޯ މިތަނުގަ އާބާދުކުރެވެނީ. ކިހާވަރަކަށްތޯ ޕްރޮޖެކްޓް ޑިލޭވަނީ. އެހެންވީމަ މީން ކޮންމެ ކަމަކީ އަޅުގަނޑު ރިޔާއަތްކުރާނެ ކަމެއް.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެމްޓީސީސީން ވަނީ ބޮޑެތި ފަޅުތައް ހިއްކާފައެވެ. އުމްރާނީ ތަރައްގީއަށް ބިން ބޭނުންވާ އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ހިއްކާފައިވާއިރު، އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިންވެސް ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީސީސީން ވަނީ ކާމިޔާބުކަމާއެކު ހިއްކައި ނިންމާފައެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން މަހާޖައްރާފުން ތިންދުވަހުން ހެކްޓަރެއް ހިއްކޭއިރު، ފަހުން ގެނައި ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިއްކޭނެއެވެ. އެ ކުންފުންޏާކީ ތަރައްގީގެ ކާމިޔާބު ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ އެއް ކުންފުންޏެވެ. ކުރީގެ ސަރުކާރުގައި އެކުންފުނީގެ ސީއީއޯއަކަށް އާދަމް އާޒިމް ހުންނަވައި، ބޮޑެތި ބަދަލުތަކެއް ވަނީ އެމްޓީސީސީއަށް ގެންނަވާފައެވެ.

އެ ކުންފުންޏަށް މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާކަމަށް އެކުންފުނީގެ ކުރީގެ ވެރިން ވިދާޅުވެފައިވެއެވެ. އަދި އެމްޓީސީސީއާ ހަވާލުކޮށްފިނަމަ، ދައުލަތަށް ގެއްލުން ކުޑަވާނެ އަގެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް، މިފަދަ ބައެއް މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް