ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 19:13
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު
އަރބަންކޯ
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު
ފުށިދިއްގަރު ފަޅު ހިއްކުމަށް އިންޓަނޭޝަނަލް ބިޑިންގއަކަށް ހުޅުވައެއްނުލާ: އާބަންކޯ
 
މިއީ ރާއްޖެއަށް ލިބުނު ރަނުގެ ފުރުސަތެއް
 
ސަރުކާރުގެ ތެރެއިން 3 ޕްރޮޕޯސަލް ލިބިފައިވޭ

ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް އިންޓަނޭޝަނަލް ބިޑިންގއަށް ހުޅުވާނުލާކަމަށް އާބަންކޯއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އާބަންކޯއިން ވަނީ މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ސަރުކާރުގެ ތެރެއިން 3 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލަށް ބެލުމަށްފަހު، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހަވާލުކުރީ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވަނީ މިހާރުގެ ރާއްޖޭގެ ހާލަތު އޮތްގޮތުން މިވަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނެ އިތުރު އިންޓަނޭޝަނަލް ކުންފުންޏެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ.

ކޮން އިންޓަނޭޝަނަލް ކުންފުންޏަކުންތޯ ޚަރަދު ކުރާނީ. މީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑުމެން ޚަރަދު ނުކޮށް ބިމެއް އުފައްދައިދޭނީ އަޅުގަނޑުމެންނަށް މިވަގުތު ހާލަތު އޮތް ގޮތުން. އަޅުގަނޑުމެން މިތިބީ އެކުންފުނިތަކަށް އެކިއެކި ދިމަދިމާލަށް ޑިފިކަލް ސިޓުއޭޝަނެއްގަ. އެޓް ދަ ސޭމް ޓައިމް، އަޅުގަނޑުމެން ވިސްނާލަންޖެހޭ އަޅުގަނޑުމެން ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާކަން. ސަރުކާރުގެ މެނިފެސްޓޯގެ ވައުދަކީ ވެސް އެއީ. ބޯހިޔާވަހިކަން އެއީ ވަރަށް އިސް ވައުދެއްގެ ގޮތުގަ. 65000 ހައުސިން ޔުުނިޓްގެ ވާހަކަ އަޅުގަނޑުމެން މި ދަންނަވަނީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ އިންޓަނޭޝަނަލް ބިޑިންގއަށް ހުޅުވާލިކަމުގަ ވިޔަސް މިއަށްވުރެ ވަކި ފުރިހަމަ ޕްރޮޕޯސަލެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އަޅުގަނޑުމެންނަށް ފައިސާއާނުލާ އެޗްޑީސީގެ ކެޕޭސިޓީން އަޅުގަނޑުމެން ހަމައެކަނި މި އިޝޫކޮށްލަނީ ކޯޕަރޭޓް ގެރެންޓީއެއް އިނގޭތޯ! 25 މިލިއަން ޑޮލަރުގެ ކޯޕަރޭޓް ގެރެންޓީއެއް އަޅުގަނޑުމެން މި އިޝޫކުރަނީ އެއީ ހަމައެކަނި ގެރެންޓީގެ ގޮތަށް އޮންނަ އެއްޗެއް. ދެން މިހުރީ ބިން އުފެއްދުމަށްފަހު އަންނަ ކަންކަމުގެ ވާހަކަ.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު

ފަޒުލް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގައި އަބަދުވެސް ބޮޑެތި މަޝްރޫއުތައް ހިންގަމުންދަނީ ސީއެމްސީސީ، ބޮސްކާލިސް، ޗައިނާ ސްޓޭޓްފަދަ ކުންފުނިތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް